މާލެ ސަރަހައްދުގައި މާދަމާ ހުކުރު ނަމާދު ނުކުރަން ނިންމައިފި

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި މާދަމާގެ ހުކުރު ނަމާދުގެ ޖަމާއަތް ނުހެދުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އިސްލާމިކް މިނިސްޓްރީން މިގޮތަށް އަމަލް ކުރަން ނިންމީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ، އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހާއި، ދީނީ އިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިން ނިންމި ނިންމުމެއް ކަމަށެވެ.

މިނިސްޓްރީން ބުނީ މިގޮތަށް ނިންމީ، ހުކުރު ނަމާދުގެ ޖަމާއަތަކީ ވަރަށް ގިނަ އަދަދެއްގެ މީހުން އެއްތަންވެ، ގިނަ ވަގުތު ހޭދަވާ ޖަމާއަތަކަށް ވުމުން، މި ދަނޑިވަޅަކީ މަރުހަލާތަކަކަށް ބަހާލައިގެން ތަދްރީޖީ ގޮތެއްގައި އާންމު ހާލަތަށް ލުއިތައް ދީ، އެ ލުއިތަކުގެ ސަބަބުން ބަލިމަޑުކަން ފެތުރޭ ގޮތް ދިރާސާކޮށް ދެނެގަނެ، އޭގެ މައްޗަށް ބިނާކޮށް އިތުރު ނިންމުންތަކެއް ނިންމަންޖެހޭ ހާލަތަކަށް ވާތީއާއި، އަދިވެސް ބަލިމަޑުކަން ފެތުރުމުގެ ބިރުވެރިކަން އޮތް ކަމަށް ޑޮކްޓަރުން ލަފާކުރައްވާތީ އާއި މިފަދަ ހާލަތެއްގައި އަމަލުކުރުމަށް އިސްލާމްދީނުގައި އައިސްފައިވާ ޝަރުއީ ގަވާއިދުތަކާ ހަމަތަކަށް ރިއާޔަތްކުރުމަށްފަހު، އިލްމުވެރިންގެ ލަފާގެ މަތިން ކަމަށެވެ.

މިނިސްޓްރީން ވަނީ އިސްލާމްދީން އޭގެ މައްޗަށް ބިނާވެގެންވާ މައިގަނޑު ފަސް އަސްލުގެ ތެރޭގައި އިންސާނުންްގެ ފުރާނަތަކުގެ މައްޗަށް ރައްކާތެރިވުން ހިމެނޭކަން ފާހަގަކުރައްވައިިފައެވެ.

އެހެންކަމުން މާދަމާގެ ހުކުރު ނަމާދުގެ ޖަމާއަތް މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ނުހެދުމަށް ނިންމާފައި ވަނީ ޝަރުއީ ހަމަތަކާއި އުސޫލުތަކުގެ މަތިންކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ