މިޔަންމާގެ އާއްމު އިންތިހާބު އަންނަ ނޮވެމްބަރު އަށެއްގައި ބާއްވާނެކަން އެގައުމުގެ އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފިއެވެ.
މިޔަންމާގެ އިލެކްޝަން ކޮމިޝަނުން ނެރުނު ބަޔާނެއްގައިވާ ގޮތުން، އެގައުމުގެ ޕާލިމެންޓަށް މެމްބަރުން ހޮވުމަށް، ތަފާތު ޕާޓީތަކުން ބައިވެރިވާ އިންތިހާބެއް ނޮވެމްބަރު މަހު ބާއްވާނެއެވެ. އަދި އެ ވޯޓުގައި 1،171 ގޮނޑިއަށް މެމްބަރުން ހޮވާނެ ކަމަށާއި އޭގެ ތެރޭގައި ގައުމީ، ސަރަހައްދީ އަދި ސްޓޭޓުތަކުގެ ގޮނޑިތައް ހިމެނޭނެ ކަމަށް މިޔަންމާ ޓައިމްސްގައިވެއެވެ.
އެ އިންތިހާބުގައި ވެރިކަން ކުރާ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީއިން ހުރިހާ ދާއިރާއަކަށްވެސް ކުރިމަތިލާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
މިޔަންމާގެ ޑިމޮކްރަސީއަށް މަސައްކަތް ކުރެއްވުމުގައި ނަމޫނާ ބޭފުޅެއްގެ ގޮތުގައި ސިފަކޮށްފައިވާ އަންގް ސަން ސޫޗީގެ އެންއެލްޑީން 2015 ވަނަ އަހަރު ވެރިކަމަށް އައީ އެގައުމުގެ އަސްކަރިއްޔާއާ ގުޅުން ހުރި ޔޫނިއަން ސޮލިޑާރިޓީ އެންޑް ޑެވެލޮޕްމެންޓް ޕާޓީ ބޮޑު ތަފާތަކުން ބަލި ކުރުމަށް ފަހުގައެވެ. އަދި އެގައުމުގައި 50 އަހަރު ވަންދެން އޮތް އަސްކަރީ ވެރިކަން ނިމުމަކަށް ގެނައުމަށް ފަހުގަ އެވެ.
ނަމަވެސް އަސްކަރިއްޔާގެ ވެރިކަމުގައި މިޔަންމާގެ ގާނޫނު އަސާސީއަށް ގެނައި އިސްލާހަކާ ގުޅިގެން ސޫޗީއަށް ރައީސް ކަމަށް ވަޑައިގަތެވޭ ގޮތެއް ނުވިއެވެ. އެ އިސްލާހުގައިވާ ގޮތުން ބޭރު ގައުމެއްގެ ރައްޔިތުންގެ ގޮތުގައި ދަރީން ރަޖިސްޓާކޮށްފައިވާ މީހަކަށް މިޔަންމާގެ ރިޔާސަތަށް ވަޑައިނުގަނެވޭނެ އެވެ. އަދި ސޫޗީގެ ދެ ދަރިންނަކީވެސް އިނގިރޭސި ރައްޔިތުން ކަމުން އޭނާއަށް ރައީސް ކަމަށް އިސްވެވޭ ގޮތެއް ނުވިއެވެ. އޭގެ ސަބަބުން ސޫޗީ ވަނީ އެގައުމުގެ ޑިފެކްޓޯ ލީޑަރުގެ ގޮތުގައި ސްޓޭޓް ކައުންސިލަރުގެ މަގާމަށް އައްޔަންކޮށްފައެވެ.