ވާހަކަ: ހަޔާތުގެ ކުލަތައް (6)

ކުރީ ބައި: ހަޔާތުގެ ކުލަތައް (5)

އަތީކްގެ ފޯނުން ފެންނަމުން ދިޔަ ބަދު އަހުލާގީ މަންޒަރުތަކުން ޒުހުރާއަށް ރޮވުނެވެ. އޭގައި ފެންނަނީ ޒުހުރާ ކަމާއިމެދު އޭނާ ކުޑަކޮށްވެސް ޝައްކެއް ނުކުރެއެވެ. “މީ އެރޭ ކަން ހިނގާ ދިޔަގޮތް. ޒުހުރާ ބޭނުންތަ މިއިން އެއްވެސް އެއްޗެއް ޒުހުރާގެ މައިންބަފައިންނާއި ހަމައަށް ދާން. ނޫނީ ނުވެސް ދަންނަ ބަޔަކަށް ފެންނަހެން މީތި ލީކުވާން؟.” އަތީކް ޒުހުރާ އާއި ސުވާލުކުރިއެވެ. އޭރު ދާނިޝް އެއްވެސް އެއްޗެކޭ ނުބުނެ ޒުހުރާއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އަތީކްގެ އެ ސުވާލަށް ދޭނެ އެއްވެސް ޖަވާބެއް ޒުހުރާއަކަށް ނޭންގުނެވެ. އޭނާގެ ސިކުނޑި ސުމަކަށް ދިޔައެވެ. ވަށައިގެން މުޅި ދުނިޔެ އެނބުރެން ފެށިއެވެ.

ވެފައި ހުރި ދެރައިންނާއި، އައިސްފައި ހުރި ރުޅީގައި އޭނާ ބަން ކިޔާފައި ދޮރުޖެހިއެވެ. އަދި ދޮރު ތަޅުލިއެވެ. އަދި އެއްވެސް ހިފެހެއްޓުމެއް ނެތި އެދުމައްޗަށް ވެއްޓިގަތެވެ. ވެއްޓުމާއެކު އަޑުން އަޑު ނަގައި ރޯން ފެށިއެވެ. އޭރު ދާނިޝް ދިޔައީ އެ ކޮޓަރީގައި ޓަކި ތަޅަމުންނެވެ. ޒުހުރާ ވަރަށް ރުޅިއައިސްގެން ނުގޮވާށޭ ކިޔައި ހަޅޭއްލަވައިގަތެވެ. އެވަގުތު ދާނިޝް ދޮރުގައި ތެޅުން ހުއްޓާލިއެވެ. ޒުހުރާއަށް ވަރަށް ބޮޑަށް އެކަނިވެރިކަން އިހުސާސް ކުރެވުނެވެ. އެ ފުރަ މާލޭގައި އޭނާއަށް އަޅާލާނެ މީހަކު ނެތްތަނުގައި ރަހުމުކުރާނެ މީހަކުވެސް ނެތްކަން އެނގުމާއެކު އޭނާއަށް ގިސްލަ ގިސްލާފައި ރޮވުނެވެ. ޒުހުރާ އެންމެ ހިތްދަތިވީ އޭނާގެ އެއްވެސް ކުށެއްނެތި އޭނާ ކަމެއްގެ ތެރޭގައި ބެދުމުންނެވެ. ފިރިހެނަކަށް ދެން އިތުބާރުކުރާނީ ކިހިނެއް ހެއްޔެވެ؟.

އެރޭ ހަތަރު ދަމު ޒުހުރާ ހޭދަކުރީ ރުއިމުގައެވެ. އެހެން އޮވެ އޭނާއަށް ނިދުނީ ކިހާ އިރަކު ކަމެއްވެސް އޭނާއަކަށް ނޭންގެއެވެ. ހެނދުނު ހޭލިއިރު ލޮލުގައި، ރިއްސައިވަރުން ދެލޯ ރަނގަޅަށް ހުޅުވާލަން ނުކެރެއެވެ. ގައިގެ އެތަން މިތަނުގައި ބުނެދޭން ނޭންގޭ ކަހަލަ ރިހުމެއް ހުއްޓެވެ. އެވަގުތު ދާނިޝް އަނެއްކާވެސް އައިސް ދޮރުގައި ޓަކި ޖެހި އަޑު އިވުނެވެ. ޒުހުރާ ސިންގާއެއް ފަދައިން ފުންމައިގެން ތެދުވެ ގޮސް ދޮރުހުޅުވިއެވެ. އަދި ދެބުމަ ގޮތް ޖަހައި ތުން ފިއްތައިގެން ދާނިޝްއާއި ދިމާލަށް ބަލަން ހުއްޓެވެ. ދާނިޝް ޒުހުރާ މަޑުމަޑުން ފަހަތަށް ޖައްސާލުމަށްފަހުގައި އެ ކޮޓަރި ތެރެއަށް ވަނެވެ.

“އަހަރެން ހަމަ މިހާރުން މިހާރަށް ރަށަށް ދާން ބޭނުން. މީހުން ކިޔާ އެއްޗެހި އަޑު އަހަން އެތަނުގައި ހުންނަންވެސް މާ ހިތަށް ފަސޭހަ ވާނެ.” ޒުހުރާ ރުޅިއައިސްގެން ހުރެ ވާހަކަ ދެއްކިއެވެ. “ޒުހުރާ އެހަށް ހަމަޖެހިލާފައި އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ.” ދާނިޝް ޒުހުރާ މައިތިރިކުރެވޭތޯ ބެލިއެވެ. “އަހަރެން ނުޖެހޭނެ ދާނިޝް ދައްކާ އެއްވެސް ވާހަކައެއް އަޑު އަހާކަށް.” ޒުހުރާ ރުޅިއައިސްގެން ދާނިޝް ކޮއްޕާލިއެވެ. “އޭ ޒުހުރާ މައިތިރިވެބަލަ. ކިހިނެއްވެގެންތަ ތިއުޅެނީ. އަހަރެންގެ ނުލަފާކަން ދައްކާލަންވީތަ؟.” ދާނިޝްގެ ރުޅި ކޮންޓްރޯލު ނުވުމާއެކު އޭނާ ޒުހުރާއާއި ދިމާލަށް ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. އެވަގުތު ގޭގައި ކައްކަން އުޅޭ ބިދޭސީ މީހާވެސް އެތަނަށް އައެވެ. އޭނާ އައުމާއެކު އިޝާރާތުން ކޮޓަރީގެ ދޮރު ލައްޕާލާފައި އެތަނުން ދިއުމަށް ދާނިޝް އޭނާ ކައިރިން އެދުނެވެ.

ޒުހުރާ ހިމޭންވިއެވެ. އަދި އޭނާ މަޑުމަޑުން އެދުމަތީގައި ދެފައި ވަށްކޮށްލައިގެން އިސްދަށަށް ޖަހައިގެން އިނެވެ. “ޒުހޫ. ވީކަމެއް ނުވާކަމަކަށް ނުވާނެ. ދެންވެސް އަހަރެމެން ބުނާ ބަސްއަހަންވީ. މިހާރު ޒުހޫ އަކީ އަމިއްލައަށް އެއްވެސް ކަމެއް ނިންމޭނެ މީހެއް ނޫންކަން ޒުހޫއަށް ވެސް އެނގެއެއްނު. އަހަރެން ޒުހުރާ މިތަނަށް ގެނައީ ކިޔަވައިދޭކަށް ނޫން. ޒުހުރާ ލައްވާ ލާރި ހޯދުވަން ވެގެން. ފުރަތަމަ ޒުހުރާއަށް ކަންކަން އާވެދާނެ. އެކަމަކު އެކަން ކުރަން ފަށާ، ލާރި ލިބެން ފެށީމަ، ޒުހުރާ މިކަމަށް ހޭނޭނެ. ނުލާހިކު މަޖާވެސް ވާނެ.” ދާނިޝް ވާހަކަދައްކަމުން ގޮސް ޒުހުރާގެ މޫނުގައި ފިރުމާލިއެވެ. “ކޮން ކަމެއްތަ؟ މަ މީ އޭޓީއެމް އެއްތަ؟ މަ ބޭނުންކޮށްގެން ލާރި ހޯދަން. ކަލޭ ތި ކިޔާ އެއްޗެއް ތަންކޮޅެއް ސާފުކޮށް ކިޔާބަލަ.” ޒުހުރާ ދާނިޝްގެ އަތް ފޮޅާލިއެވެ.

“އަހަރެމެން ބޭނުމީ ޒުހުރާ ވިއްކަން. ސާފުވެއްޖެ. އާދައިގެ މީހުންނަކަށް ނޫނޭ ވިއްކާނީ. ކުރިން ރޭ އެދިޔައީ ޓެސްޓް ބުރެއް. ޒުހުރާ ހަމައިގައި ނެތަސް، ތީ ހަމަ މަރެއް. ބޮޑެތި މީހުން ކައިރިއަށް ދިޔައީމަ، މިލިއަނުން ލާރި ލިބޭނެ. އޭގެން އަހަރެމެން ތިން މީހުންނަށް ވެސް ފައިދާވާނެ. ޒުހުރާ ވިސްނަބަލަ. ވަކި ހިސާބަކުން ހުއްޓާލާނިއްޔޭ. ދެން ކިޔަވާނީ. އޭރަށް ހުންނާނީ ކިޔަވަންވެސް އަދި އަމިއްލަ ކަމެއް ކުރަން ބޭނުމިއްޔާ އެކަން ކުރާނެ ވަރަށް ވެސް ލާރި ލިބިފަ.” ދާނިޝްގެ އަނގައިން ބޭރުވި ބަސްތަކުން ޒުހުރާ އިތުރަށް ރުޅިގަދަވިއެވެ. “ކަލޭގެ ލަދު ކޮބާތަ؟ ފުރަތަމަ އެޔެއް ބުނެބަލަ. ތީތަ ދާނިޝް އަހަރެން ދެކެވާ ލޯތްބަކީ؟ ނޫނީ އަހަރެން ދާނިޝް ދެކެ ވާލޯބީގެ ބަދަލަކީ ފައިސާތަ؟.” ޒުހުރާ ގޮތްހުސްވެފައިވާ ރާގަކަށް ބުނެލިއެވެ.

“ލޯތްބޭ!. ހުހް. މިޒަމާނުގައި ލޯތްބެއް ނޯންނާނެ. އޮންނާނީ އުފާވެރިކަމާއި ފައިސާ. ކަލެއަށް ކިތަންމެ ރީތިކޮށް އެއްޗެއް ބުނެދިނަސް ނުވިސްނޭދޯ. ބުނަން ވާހަކައެއް. މިތަނުން ފިލައިގެންދާންވެސް ހިތަށް ނާރުވާތި. އޭރުން ކަލޭގެ ޒަމާން ދިޔައީ.” ދާނިޝްގެ އިސްބަހާއި ފަހުބަސް އިއްވުމަށްފަހު އެތަނުން ހިނގައިގަތެވެ. ޒުހުރާ އައި ރުޅީގައި އެނދުމަތީގައި ހުރި ބާލިސްތައް އުކާލިއެވެ. އަދި އެނދުމަތީގައި އަޅާފައި އޮތް ބެޑުޝީޓުވެސް ނަގައި ހޫރާލިއެވެ. އޭނާއަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. ދާނިޝްއަށް އިތުބާރު ކުރެވުނީތީ އެކަމާއި ހިތާމަކުރިއެވެ. ޒުހުރާ އޭނާގެ މައިންބަފައިންނަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟. އެމީހުންގެ ކުރިމައްޗަށް ދާނީ ކިހިނަކުން ހެއްޔެވެ؟ ޒުހުރާ ހުރީ ހަތަރު ފާރު އެތެރޭގައި ކުޑަ ޖަލެއްގެ ތެރޭގައި ބަންދުވެފައެވެ.

ޒުހުރާ އޭނާގެ ކޮޓަރިން ނުނިކުމެ ދެ ދުވަސް ވަންދެން އޮތެވެ. ދާނިޝްއާއި އަތީކް އޭނާއަށް ވާނުވާ ބަލަމުން ދިޔައެވެ. އަދި އޭނާ ކޮޓަރިން ނެރެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ޒުހުރާވެސް ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. ދުވަސްތައް އެ ބަންދު ކޮޓަރީގައި ފާއިތުވަމުން ގޮސް އެއް ދުވަހެއްގެ ހަވީރެވެ. ޒުހުރާއަށް ނިދި ޖެހިފައި އޮއްވާ އޭނާގެ ފޯނަށް ފޯނެއް އައެވެ. ޒުހުރާ ހީކުރީ މަންމައަށް އޭނާ ނުގުޅާ އެތައް ދުވަހެއް ވުމުން އޭނާގެ މަންމަ ގުޅީ ކަމަށެވެ. ނަމަވެސް ފޯނު ކޯލު އައީ ނުދަންނަ ނަންބަރަކުންނެވެ. އޭނާ ތެދުވެ އެނދުމަތީގައި އިށީންދެލާފައި ފޯނަށް ޖަވާބުދިނެވެ. “އައްސަލާމް އަލައިކުމް.” ނެގިމަޑުވެފައި ހުރެ ޒުހުރާ ބުންޏެވެ. “ވާލައިކުމުއް ސަލާމް. ޒުހޫތަ؟ މިއީ ނަތާއޭ!.” އެކޮޅުން ވާހަކަ ދެއްކީ ނަތާޝާއެވެ.

ނަތާޝާގެ އަޑު ޖެހުމާއެކު ޒުހުރާއަށް ވީގޮތް ވެސް ނޭންގުނެވެ. އޭނާ އަވަސް އަވަހަށް އެނދުން ތެދުވެގެން ގޮސް ކޮޓަރީގެ ދޮރު ތަޅުލިއެވެ. ދާނިޝްމެން މީހަކު އެތަނަށް އައިސްދާނެތީއެވެ. ކޮޓަރި ތަޅުލުމަށްފަހު އޭނާ ނަތާޝާގެ އެއްވެސް ވާހަކައެއް އަޑު އެހުމެއް ނެތި، ވެގެން އުޅޭ ހުރިހާ ގޮތެއް ކިޔައިދިނެވެ. ނަތާޝާ ބުނިގޮތުގައި އޭނާ އޭގެ ފަހުން މީހަކާއެކީ ރާއްޖެއިން ބޭރަށް ފުރަން ޖެހުމުން ހަބަރު ނުވެވުނީކަމަށް ބުންޏެވެ. ނަތާޝާއަށް އެ ވާހަކަތައް އާ ކަމަކަށް ނުވިއެވެ. ހުދު ނަތާޝާއަކީވެސް އެކަމުގެ ޝީކާރައަކަށް ވެފައިވާ މީހަކަށް ވާތީއެވެ. ނަމަވެސް ޒުހުރާ ކަހަލަ އަހުލާގު ރަނގަޅު، ދިރިއުޅުމުގައި ވަކި ކަންތައްތަކެއް ހާސިލް ކުރަން އުއްމީދުކުރާ މީހަކާއިމެދު އެފަދަ ގޮތަކަށް ކަންކަން ހިނގާ ދިއުމުން އޭނާ އެކަމުން ސަލާމަތްކުރުމަށް ކުރެވެން އޮތް މަސައްކަތެއް ކޮށްދޭނެ ކަމަށް ނަތާޝާ، ޒުހުރާ ގާތުގައި ބުންޏެވެ.

“ތިބުނާ އަތީކެއް އަހަރެން ކޮންމެވެސް ވަރަކަށް ދަންނަން. އޭނައަކީ މި ވިޔަފާރި ތެރޭ ނަން ހިނގާ މީހެއް. އެއީ ޑްރަގްވެސް ޑީލް ކުރާ މީހެއް. ޒުހޫ ތިހުރީ ވަރަށް ނުބައިތާކު ބެދިފައި. މިރޭ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ތި ގެއިން ނިކުމޭ. އޭރުން އަހަރެން ޒުހޫ ރަށަށް ފޮނުވާލެވޭތޯ ބަލައިދޭނަން. ނަމަނަމަ ބަސްޓު ނުވާތި.” ނަތާޝާގެ ވާހަކަތަކުން ޒުހުރާއަށް ކޮންމެވެސް ވަރެއްގެ އުއްމީދެއް ލިބުނެވެ. ޒުހުރާ އެރޭ ބޭރަށް ދާނެ ގޮތަކާއި މެދު ވިސްނިއެވެ. ޒުހުރާ ނިންމީ ދާނިޝްއާއި އަތީކް ނިދަން ވަނުމާއެކު އެ ގެއިން ނިކުންނަންށެވެ. އެމީހުން ނިދި ވަގުތު ބަލާފައި، މަދު އެތިކޮޅެއް ދަބަހަށް އަޅައި ޕެކު ކޮށްގެން ވަރަށް ސިއްރުސިއްރުން އެގެއިން ނިކުތެވެ. އޭރުވެސް ޒުހުރާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ.
ޒުހުރާ ލިފްޓުން ފައިބައިގެން، މަގުމަތިން ޓެކްސީއެއް ނަގައިގެން ނަތާޝާގެ ގެއަށް ދިއުމަށް ޓެކްސީއަށް އެރިއެވެ. އެވަގުތު އޭނާއަށް ކުރެވުނު އިހުސާސްތައް ބަޔާންކޮށްދޭންވެސް ދަތިވިއެވެ. ނަތާޝާ ދިން ކުޑަކުޑަ އުއްމީދަކުން އޭނާއަށް ލިބުނު ހިތްވަރާއި އެކު އެ ގެއިން ނިކުމެވުމުން އޭނާއަށް ހީވީ ޖަލަކުން މިނިވަން ވެވުނުހެންނެވެ. ނަމަވެސް އެ ގެއާއި އަރާ ހަމަވިއިރު އެތަނުގައި ޕޮލިހުން ހަރަކާތްތެރިވަމުން ދިޔައެވެ. މަންޒަރު ބެލުމަށް މަގުމަތީގައި އެކި ހިސާބުތަކުގައި މީހުން ތިއްބެވެ. ޕޮލިސް ލައިނަށް ވުރެ އެތެރެއަށް އެއްވެސް މީހަކަށް ނުވަދެވެއެވެ. ޒުހުރާ ވާނުވާ ނޭންގޭ ހާލު އެތަނުގައި އެއްވެފައި ތިބި މީހުންނާއި ސުވާލުކުރިއެވެ. “މި ގޭގައި އުޅޭނެ ފަތްބޯ އަންހެނެއް. ނަތާޝާ ކިޔާ. އެތާ އެކަނި އުޅޭނީވެސް. އޭނަ މަރާލިއްޔޯ.” ޕޭވްމަންޓު މަތީ އެއްފަރާތެއްގައި ހުރި އަންހެނަކު ޒުހުރާއަށް ޖަވާބުދިނެވެ. ޒުހުރާ ގަނޑުފެން ގަނޑެއްހެން ގަޑުވިއެވެ. ކުށްލިއަކަށް އެވަރުގެ ކަމެއް ހިނގީ ކިއްވެ އަދި ކިހިނަކުން ހެއްޔެވެ؟

 

ލިންކް: މިވާހަކައިގެ ހުރިހާ އެޕިސޯޑެއް ކިޔާލާ!

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ