އެއާ ފްރާންސްގެ 7،500 މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނިންމައިފިއެވެ.
އެ އެއާލައިނުން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި މުވައްޒަފުންގެ 17.5 ޕަސެންޓް މީހުން ކުރިއަށް އޮތް ދެތިން އަހަރަށް ބަހާލައިގެން ވަޒީފާ އިން ވަކިކުރާނެއެވެ. އެގޮތުން 2022 ވަނަ އަހަރާ ހަމައަށް އެއާ ފްރާންސްގެ 6560 މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނިންމާފައިވާ އިރު އެއާފްރާންސްގެ ސަބްސިޑަރީ އެއާލައިނެއް ކަމަށްވާ ހޮޕް،ގެ 1020 މުވައްޒަފުން ކުރިއަށް އޮތް ތިން އަހަރު ތެރޭ ވަޒީފާ އިން ވަކިކުރާނެއެވެ.
ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނިންމާފައިވާ އިރު އެއާ ފްރާންސުން ލަފާކުރާ ގޮތުގައި 3.500 އެއްހާ މުވައްޒަފުން އަމިއްލަ އަށް ވަޒީފާ އިން ކެނޑޭނެ އެވެ.
ކޮވިޑް19ގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ބަޔަކީ އޭވިއޭޝަން ދާއިރާ އެވެ. އޭވިއޭޝަން ދާއިރާ އަށް މި އަހަރު 84 ބިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް އަޔާޓާ އިން ވަނީ ލަފާކޮށްފަ އެވެ.
އެއާ ފްރާންސުން ބުނެފައި ވަނީ ކޮވިޑް19ގެ ހާލަތުގައި އެ އެއާލައިނަށް ދުވާލަކު 15 މިލިއަން ޔޫރޯ (16.9 މިލިއަން ޑޮލަރު)ގެ ގެއްލުން ވަމުންދާ ކަމަށެވެ.