ކަރަންޓު ބިލު ބަހާލައިގެން ދެއްކުމަށް އެދުމުގެ ފުރުސަތު ސްޓެލްކޯއިން ހުޅުވާލައިފި

މާޗު މަހުން ފެށިގެން ޖޫން މަހާއި ހަމައަށް ކަރަންޓު ބިލު ބަހާލައިގެން ދެއްކުމަށް އެދުމުގެ ފުރުސަތު ސްޓެލްކޯއިން ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލައިފަ ވަނީ ބިލް ދެއްކުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު، ސްޓެލްކޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، މިއަހަރުގެ މާޗު، އޭޕްރީލް، މެއި އަދި ޖޫން މަހަކީ ކޮވިޑާ ގުޅިގެން އާންމު ދިރިއުޅުމަށް ބަދަލުތަކެއް އައި ހަތަރު މަސްކަމުން އެ ހާލަތާ ގުޅިގެން މި ހަތަރު މަހުގެ ކަރަންޓު ބިލު ދެއްކުމަށް ދަތިވާ ފަރާތްތަކަށް މަސްތަކަކަށް ބަހާލައިގެން ބިލު ދެއްކުމުގެ އިންތިޒާމު ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށެވެ.

ބަހާލައިގެން ބިލްތައް ދެއްކެވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އޮންލައިންކޮށްވެސް ވަނީ ހުޅުވާލައިފަ އެވެ. އަދި ސްޓެލްކޯގެ ކައުންޓަރުންވެސް އެކަމަށް އެދޭ ފޯމު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮންމެ ކަސްޓަމަރަކަށްވެސް އެމީހެއްގެ ހާލަތު ވަކިން ބެލުމަށްފަހު ހާއްސަ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް ސްޓެލްކޯގެ އެމްޑީ ވިދާޅުވި އެވެ.

މިއަދުން ފެށިގެން ދެ ހަފްތާއަށް ހުޅުވާލާ މި ފުރުސަތުގައި އެކަމަށް އެދޭ ފަރާތްތަކާއެކު ސްޓެލްކޯއިން އެގްރިމެންޓެއް ހަދައި އިންސްޓޯލްމެންޓަށް ބިލު ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ