އެމެރިކާގައި މި އަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކަމަށް ލަވަކިޔުންތެރިޔާ ކަންޔޭ ވެސްޓް ބުނެފިއެވެ.
އިއްޔެ ވެސްޓް ކުރި ޓުވީޓެއްގައި ބުނީ މިއީ އެމެރިކާއަށްޓަކައި އެންމެން އެއްބައިވެ، މުސްތަގުބަލު ބިނާ ކުރާންވީ ވަގުތު ކަމަށެވެ. އަދި ކަންޔޭ ވަނީ އެގައުމުގެ ރައީސް ކަމަށް ވާދަ ކުރަން ނިންމާފައި ކަމަށް އެޓުވީޓުގައިވެއެވެ.
އޭގެ ފަހުން ވެސްޓްގެ އަންހެނުން އަދި މަޝްހޫރު ރިއަލިޓީ ޓީވީ ސްޓާރ ކިމް ކާޑޭޝިއަން ވަނީ އެ ޓުވީޓު ރީޓުވީޓުކޮށްފައެވެ. އަދި ޓެސްލާ އާއި ސްޕޭސް އެކްސްގެ ސީއީއޯ އީލަން މަސްކްވެސް ވަނީ ކަންޔޭގެ ކެމްޕޭނަށް އޭނާ ތާއިދު ކުރާ ކަމަށް ބުނެފައެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބު އަންނަ ނޮވެމްބަރު ތިނެއްގައި ބާއްވަން ހަމަޖެހިފައިވާ އިރު އެ އިންތިހާބުގައި ބައިވެރިވުމަށް ބޭނުންވާ ލިޔެކިޔުންތައް ވެސްޓް ހުށަހަޅާފައިވާކަން އަދި ޔަގީންވެފައި ނުވެ އެވެ.
މީގެ ކުރިން ވެސްޓް ވަނީ އެމެރިކާގެ މިހާރުގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ކެންޑިޑެސީއަށް ވާދަ ކުރައްވަމުން ގެންދަވާ ޑޮނަލްޑް ޓްރަމްޕަށް ތާއިދުކޮށް ވާހަކަ ދައްކާފަ އެވެ. އަދި އޭނާ ވަނީ ޓްރަމްޕްގެ ކުރީގެ ކެމްޕެއިން ޝިއާރު ކަމަށްވާ “މޭކް އެމެރިކާ ގްރޭޓް އެެގެއިން” ޖަހާފައިވާ ތޮފި އަޅައިގެން 2018 ވަނަ ވައިޓް ހައުސްއަށް ގޮސް، ޓްރަމްޕާ ބައްދަލުކޮށްފައެވެ.
ވެސްޓް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމާ ބެހޭ ގޮތުން ޓްރަމްޕްވެސް އަދި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓުކަން ގާތްގަނޑަކަށް ކަށަވަރުކޮށްފައިވާ ޖޯ ބައިޑެންވެސް އަދި ވަކި އެއްޗެކޭ ވިދާޅުނުވެ އެވެ.