ކޮވިޑް-19ގެ އާ އާންމު ހާލަތުގައްޔާއި ކޮވިޑް-19 އަށްފަހު ވިޔަފާރިތައް ހިންގުމާ ގުޅޭ ވެބިނާއެއް ދިރާގުން ބާއްވައިފިއެވެ.
ރާއްޖޭގެ 120 ވިޔަފާރިއަކުން ބައިވެރިވި މި ވެބިނާ ޖޫން 25 ވަނަ ދުވަހު ބާއްވަފައިވާ އިރު ދިރާގުން ބުނީ ނިއުނޯމަލްގައި ދިމާވާނެ ގޮންޖެހުންތަކާ ވިޔަފާރިތަކަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް މައުލޫމާތު ބަދަލު ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
މި ވެބިނާގައި ދިރާގުން ވަނީ ކޮވިޑް-19ގެ ފުރަބަންދުގެ ހާލަތުގައި ދިރާގުން މަސައްކަތްތައް ކުރިއަށްގެން ދިޔަ ގޮތާއި ފުރަބަންދަށް ދިން ލުއިތަކާއެކު އާ އާންމު ހާލަތުގައި އެކުންފުނީގެ މަސައްކަތްތައް ކުރިއަށްގެންދަން ރާވާފައިވާ ގޮތްތަކާ ގުޅޭ މައުލޫމާތު ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާ ކޮށްފައެވެ.
އެގޮތުން ޓެކްނޮލަޖީގެ އެހީގައި މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް ދިރާގުން ހިދުމަތް ދިން ގޮތް ހިއްސާ ކޮށްފައިވެއެވެ.
މި ވެބިނާގެ ތެރެއިން ދިރާގުން ވަނީ “ކްލައުޑް ކޮލަބްރޭޝަން ސުއިޓް”އެއް ތައާރަފުކޮށްފައެވެ. އެ ކުންފުނިން ބުނީ ޑިޖިޓަލްކޮށް މަސައްކަތް ކުރުމަށް މި ޕްލެޓުފޯމާ އެކު ފަސޭހަތައް ލިބޭނެ ކަމަށެވެ.