ގުޅީފަޅުން ގެދޮރު ގަންނަން ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓު ލިބިފައި ނުވާ ފަރާތްތަކަށް ބަދަލު ދޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ގުޅީފަޅުން ހައުސިން ޔުނިޓު ގަތުމަށް މަސައްކަތްކޮށް ނާކާމިޔާބުވި ފަރާތްތަކަށް ބަދަލު ދިނުމަށް ގިނަ ގޮތްތަކެއް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ.
އެ ފަރާތްތަކަށް ސަރުކާރުން ބަދަލު ދޭން ނިންމާފައިވާ ގޮތްތަކުގެ ތެރޭގައި ހައުސިން ޔުނިޓު ގަނެވޭނެ އިތުރު ގޮތްތަކާއި ބަދަލުގެ ގޮތުގައި ފައިސާ ދިނުން އަދި އާ ހައުސިން ޔުނިޓެއް ގަންނައިރު އެތަނުގެ އަގުން ގުޅީފަޅުން ހައުސިން ޔުނިޓު ގަތުމަށް ކޮށްފައިވާ ހަރަދު އުނިވާ ގޮތަށް ހަމަޖައްސައިދިނުން ހިމެނެ އެވެ.
ތިންވަނަ ކަމެއްގެ ގޮތުން މިނިސްޓަރު އަސްލަމް ފާހަގަކުރެއްވީ ގުޅިފަޅުން ހައުސިން ޔުނިޓު ގަތުމަށް ދައްކާފައިވާ ފައިސާއާ އެއްވަރުގެ އަދަދެއް ހައުސިން ޔުނިޓު ވިއްކަން ކަނޑައަޅާފައިވާ އަގުން އުނިކުރުމަށެވެ. އަދި ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި މަހަކު ވަކި އަދަދަކަށް ފައިސާ ދޫކުރުމަކީ ވެސް އިތުރު ގޮތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.