ވެރިކަންކުރާ އެމްޑީޕީން ޖޭއެސްސީ ހިސޯރުކޮށްފައިވާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު އިސްތިއުފާ ދެއްވައިފިއެވެ.
ހަސަން ނަޖީބު އިސްތިއުފާ ދެއްވާފައި މިވަނީ އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށެވެ.
އިސްތިއުފާ ދެއްވިކަން ބަޔާން ކުރައްވައި ހަސަން ނަޖީބު ވަނީ ޖޭއެސްސީގެ ރައީސް ހިސާން ހުސައިނަށް ސިޓީއެއް ފޮނުއްވާފައެވެ.
ހަސަން ނަޖީބު އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އޭނާގެ މައްސަލަތައް އެ ކޮމިޝަނަށް ހުށަހެޅީ އެމްޑީޕީ އެކްޓިވިސްޓުން ކަމަށާއި ހެކިބަސް ދީފައި ވަނީ ވެސް އެމްޑީޕީ އެކްޓިވިސްޓުން ކަމަށެވެ. އަދި އެމީހުން ދީފައި ވަނީ ދޮގު ހެކިބަހެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހަސަން ނަޖީބު ވިދާޅުވިގޮތުގައި މަގާމުގެ ވާޖިބު އަދާކޮށްފައިވާނީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު އެއްވެސް ފިކުރަކަށް ބެލުމެއް ނެތިއެވެ.
ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވިކަމަށް ތުހުމަތުކޮށް އޭނާ ފަނޑިޔާރުކަމުން ވަކިކުރަން ނިންމިއިރު، ސިޔާސީ ހަރަކާތްތަކުގައި އުޅެފައިވާ ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި އެބަތިއްބެވި ކަމަށް ހަސަން ނަޖީބު ވިދާޅުވިއެވެ.