ހުޅުމާލޭގައި ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓުތަކަށް މަހަކު ދައްކަންޖެހޭ ފައިސާގެ އަދަދު 7،000 އަށް ވުރެ ކުޑަވާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ހިޔާ މަޝްރޫއުގައި ވައުދުވެފައިވާ މިންވަރުގެ ތެރޭގައި ސަރުކާރުން ހިފަހައްޓައިދޭނެ ކަމަށެވެ.
ކުރީ ސަރުކާރުގެ ވެރިން ބުނާގޮތުން ހިޔާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި 6500 ދައްކައިގެން 20 އަހަރުން ފައިސާ ދައްކައި ނިމޭނެއެވެ. މިއަދުގެ ބައްދަލުވުމުގައި ހިޔާ ފްލެޓުތަކުގެ ކުލި 7000 ރުފިޔާއަށްވުރެ ދަށްވާނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި ނަމަވެސް، މި ސަރުކާރުން މީގެ ކުރިން ބުނީ ފްލެޓުތަކުގެ ކުއްޔަށް އެވްރެޖުކޮށް 11،000 ރުފިޔާ އަރާނެ ކަމަށެވެ.
އެގޮތުން ހިޔާ ފްލެޓުތަކުގެ އަގާމެދު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ އަގު ކަނޑައަޅާއިރު، ކަލްކިޔުލޭޓު ކުރަންވާނީ ދައްކާއިރު އަރާ އަދަދު ކަމަށާއި އެހެން ކަމަށް ވަންޏާ ހިޔާ ފްލެޓުތަކުގެ އަގުގެ ގޮތުގައި މަހަކު 11000 ރުފިޔާ އަރާނެ ކަމަށެވެ.