މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތައް މި އަހަރު ނުބާއްވާގޮތަށް ސަރުކާރުން ނިންމައިފިއެވެ
ރައީސް އޮފީހުން މިއަދު ބުނީ، ރައީސްގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމާއި، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ކުޅިވަރުތަކާއި އެހެނިހެން ހަރަކާތްތައް މި އަހަރު ނުބާއްވާނެ ކަމަށެވެ.
މި ނިންމެވުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ މެންބަރުންނާއި ހިއްސާކުރައްވައިފައެވެ.
ރައީސް ވިދާޅުވީ އެގޮތަށް ނިންމެވީ، ކޮވިޑް-19 އާ ގުޅިގެން، ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިލާންޖެހުނު ދަތިތަކާއެކު، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކާ ގުޅިގެންނާއި، ކޮވިޑް-19 އާ ގުޅިގެން، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ތަފާތު ފިޔަވަޅުތައް އަޅަމުން އަންނާތީކަމަށެވެ.
އެހެން ނަމަވެސް، މިނިވަންދުވަހުގެ މުނާސަބަތުގައި، ޖުލައި 26 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ރައީސުލްޖުމްހޫރިއްޔާ ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.