2019 ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުމަށްޓަކައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރު މުރާޖައާކުރުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ފަގީރުންނާއި މިސްކީނުންގެ ލިސްޓް މުރާޖައާކުރަން ނިންމާފައިވާތީ މިހާރު އެކުލަވާލާފައިވާ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިިފައެވެ. އެގޮތުން ޖުލައި 23 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ބުނެފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މި ފުރުސަތަކީ މިހާރު އޮތް ދަފްތަރުގައި ރަޖިސްޓްރީވެފައިނުވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ފުރުސަތެއް ކަމަށާއި އެހެންކަމުން މިއަހަރު ފިތުރު ޒަކާތް ބަހާފައިވާ ދަފްތަރުގައި ހިމެނޭ ފަރާތްތަކުން ދަފްތަރުގައި އަލުން ރަޖިސްޓްރީ ވުމަށް އެދި ފޯމު ހުށަހަޅަން ނުޖެހޭނެކަމަށެވެ.
މީގެ އިތުރުން ދަފްތަރުން ވަކިވުމަށް ބޭނުންވާ ފަރާތްތަކާއި، ދިރިއުޅޭ ރަށް ބަދަލުވެ މިހާރުގެ ރަށުގެ ދަފްތަރަށް ބަދަލުވުމަށް އެދޭނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހެޅުމަށްވެސް މިނިސްޓްރީން ވަނީ އަންގާފައެވެ. .
މާލޭސިޓީގައި ދިރިއުޅޭ ފަރާތްތަކުން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީގެ ހޯލުގައެވެ. މިނިސްޓްރީން ބުނީ ކޮންމެ ދުވަހަކުވެސް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 50 މީހުންނަށް ކަމަށާއި އަދި ނަމްބަރު ދޫކުރުމާއި ފޯމު ބަލައިގަތުން ކުރިއަށްދާނީ ކޮންމެ ދުވަހަކުވެސް 9:00 އިން 13:00 އަށް ކަމަށެވެ.