ތެލަސީމިއާ ކުދިންނަށް މިހާރު ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން، ކަމާ ގުޅޭ ދާއިރާތަކުން އެއްވެ ވޯކްޝޮޕްއެއް ރާވައި، ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީ އިން ތެލަސީމިއާ ސޮސައިޓީއާ ހަވާލުކޮށްފިއެވެ.
ތެލަސީމިއާ ސޮސައިޓީއިން ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމާބެހޭ އެކި މުވައްސަސާތަށް ހާޒިރުކޮށް އިޖްތިމާއީ ކޮމިޓީއިން ހޯމަދުވަހުގެ މެންދުރު ބޭއްވި ބައްދަލުވުމުގައި މި ރިޕޯޓު އެކުލަވާލުމަށް ދީފައިވަނީ އެއް މަސްދުވަހުގެ މުއްދަތެކެވެ.
ތެލަސީމިއާ ކުދިންގެ ފަރުވާ އާ ގުޅޭ އެކިއެކި މައްސަލަތައް ފެންމަތިވެ ބޮޑެތި ފާޑުކިޔުންތަކެއް މޯލްޑިވްސް ބްލަޑް ސާވިސަސް އަށާއި ސަރުކާރަށްވެސް ވަނީ އަމާޒުވެފައެވެ.
އިޖްތިމާއީ ކޮމިޓީގައި ތެލަސީމިއާ ސޮސައިޓީއިން ފާހަގަކުރެއްވި އެންމެ ބޮޑު އެއް މައްސަލައަކީ ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ތެލަސީމިއާ ކުދިންނަށް ކުރެވޭއިރުވެސް އޭގެ ނަތީޖާ އެދެވޭ ގޮތެއްގައި މިވީ އަހަރުތަކުގައި ފެންނަމުން ނުދިއުމެވެ.
މިގޮތުން ތެލެސީމިއާ ސޮސައިޓީގެ ފަރާތުން ޗެއާ ޕާސަން ޖީހާން ސަލީމް ވިދާޅުވީ، އެވްރެޖް ގޮތެއްގައި ތެލަސީމިއާ ކުއްޖެއްގެ ބޮލަކަށް ދައުލަތުން ކުރާ ހަރަދު ސަރަހައްދީ ގައުމުތަކާ އަޅާބަލާއިރު ރަނގަޅުނަމަވެސް 2014 އާއި 2019 ގެ ދިރާސާތަކުގެ ނަތީޖާތަކުގައިވެސް ތަފާތެއް ނުފެންނަ ކަމަށެވެ.
ކޮމިޓީ ބައްދަލުވުމުގައި ނިންމުނީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދުގެ ހުށަހެޅުއްވުން ކަމުގައިވާ ތެލަސީމިއާ ކުދިންނަށް ފަރުވާކުރުމުގައި މިިހާރު ހުރި ވަސީލަތްތައް ގުޅިގެން ބޭނުންކުރާނެ ގޮތަކާއި ނެތް ވަސީލަތްތައް އިތުރަށް ގާއިމްކޮށް ކުރަންޖެހިފައިވާ ކަންކަން ސާފުވާ ރިޕޯޓެއް އެކުލަވާލުމަށް ތެލަސީމިއާ ސޮސައިޓީއާއި ހަވާލުކުރުމަށެވެ.