ވާހަކަ: ހަޔާތުގެ ކުލަތައް (7)

ކުރީ ބައި: ހަޔާތުގެ ކުލަތައް (6)

ޒުހުރާއަށް އިރުކޮޅެއް ވަންދެން އެގޮތުގައި ހުރެވުނެވެ. އެހެން ހުރެފައި އޭނާ ޕޮލިސް ލައިން ދަމާފައި ހުރި ހިސާބަށް މަޑުމަޑުން ހިނގައިގަތެވެ. ނަމަވެސް އޭނާއަށް އެތަނުގައި ހުރި ފުލުހުންގެ މީހާ ކައިރީ އެއީ ތެދެއްތޯ ޔަގީން ކުރުމަށް އަހާލާކަށް ނުކެރުނެވެ. ޒުހުރާ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ދަންވަރުގެ އެ ވަގުތުގައި އޭނާ ވަކި ދާނީ ކޮންތާކަށް ހެއްޔެވެ؟ އެއީ ނަތާޝާ ކަން ޔަގީން ކުރާނެ ގޮތެއްވެސް އޭނާއަކަށް ނޭންގުނެވެ. އެނބުރި އައި ދިމާލަށް ދެވޭކަށްވެސް ނެތެވެ. މަރުވެފައިވާ މީހާގެ ހަށިގަނޑު އެމްބިއުލާންސަށް ލައިގެން ހޮސްޕިޓަލަށް ގެންދެވުނެވެ. ޒުހުރާ ވެސް ފޮށްޓާއެކު، ޓެކްސީއަކަށް އަރައިގެން ހޮސްޕިޓަލަށް ދިޔައެވެ. އެތަނަށް ގޮސް ހޮސްޕިޓަލުގެ އެތެރެއަށް ވަންނަން ހިނގައިގަތް ތަނާ ނަތާޝާގެ އާއިލާ މީހުން ފެނުނެވެ. ޒުހުރާ އެމީހުން ފެނުމާއެކު ފިލިއެވެ. ރަށު ބަޔަކަށް ވުމުންނެވެ.

އެހާ ހިސާބުން އެއީ ނަތާޝާކަން ޔަގީންވިއެވެ. ޒުހުރާ ހޮސްޕިޓަލު ތެރޭގައި ހުރި ވެއިޓިން އޭރިއާގައި މަޑުކޮށްލައިގެން އިނެވެ. އޭނާ ދިޔައީ ހަދާނެ ގޮތަކާއި މެދު ވިސްނަމުންނެވެ. ނަތާޝާގެ ކުއްލި މަރާއެކު ޒުހުރާއަށް ރޮވުނެވެ. ބައެއްގެ މަކަރުވެރި ރޭވުން ތަކުން ސަލާމަތްވުމަށް އޮތް ހަމައެކަނި ފުރުސަތު އޭނާއަށް ގެއްލިގެން ދިޔައީ ވަރަށް ހިތްދަތި ގޮތަކަށެވެ. އެގޮތުގައި އިންދާ ޒުހުރާގެ ފޯނަށް ފޯނު ކޯލެއް އައެވެ. ނުދަންނަ ނަންބަރަކުންނެވެ. ޒުހުރާ ވަރަށް ބިރުން އިދެ ފޯނުނެގިއެވެ. “ހަ..ހަލޯ؟.” ޒުހުރާގެ އަޑު ތުރުތުރު އަޅަން ފެށިއެވެ. “ތިހެން ފިލައިގެން ގޮންގެސް އަދި ފަސޭހައަކުން ސަލާމަތެއް ނުވާނެ. ފުލުހުންނަށް އެއްވެސް ކަމެއް އަންގައިފިއްޔާ، ނަތާޝާއަށް ހެދިގޮތަށް ދުވަސް ދުއްވާލާނަން. ގެއަށް އާދޭ.” އަތީކުގެ އަޑު ޖެހުމާއެކު ޒުހުރާ ފުންމައިގެން އިންތަނުން ތެދުވިއެވެ.

ނަތާޝާގެ މަރާއި އަތީކާއި ގުޅުމެއް އޮތްކަން އެނގުމާއެކު، މުޅި މީހާ ފިނިވިއެވެ. އަދި ގައިގައި ހުރި ބާރެއް ލާފައި ޒުހުރާ ހޮސްޕިޓަލް ތެރެއިން ނިކުތެވެ. ނިކުމެގެން މަގުމަތިން ޓެކްސީއެއް ހޯދައިގެން އެ ގެއާއި ދިމާލަށް ދިޔައެވެ. ގެއަށް ދިޔައިރު ދާނިޝްއާއި އަތީކް ސިޓިން ރޫމު ސޯފާގައި އިށީންދެގެން ތިއްބެވެ. ޒުހުރާ ފެނުމާއެކު، ދާނިޝް ވަރަށް ބާރަށް ހިނގާފައި އައިސް ޒުހުރާގެ އަތުގައި ހިފިއެވެ. އަދި އޭނާ ގެންގޮސް ކޮޓަރިއަށް ވެއްދިއެވެ. “އަތްދޯއި ދާނިޝް! ތަދުވެޔޭ!.” ޒުހުރާ އޭނާގެ އަތް ފޮޅައިލިއެވެ. “ޒުހުރާ ކައިރި އަހަރެން ނުބުނަންތަ މިތަނުން ނުނިކުންނާށޭ. ކިހިނެއްވެގެންތަ ތިއުޅެނީ؟.” ދާނިޝް ހަޅޭއްލަވައިގަތެވެ.

“ކަލޭ ކިތަންމެ ބާރަކަށް ހަޅޭއްލެވިއަސް އަހަރެން ދެންވެސް މިތަނުން ނިކުންނާނަން. ކަލޭމެނަށް ހީވަނީ ތިގޮތަށް އަހަރެން ބްލެކްމެއިލްކޮށްގެން ގެންގުޅެވޭނެ ކަމައްތަ؟.” ޒުހުރާވެސް ވަކި ގޮތެއް ދުލެއް ނުކުރިއެވެ. “ހިހިހިހި… ބްލެކްމެއިލްއޭ!. ހުހް!. އޯކޭ. އަވަހަށް ދޭ. އެކަމަކު ދާންޖެހޭނީ ފުރާނަ އަތްމައްޗަށް ލައިގެން. ނަތާޝާއާއި ދެމީހުން ރާވާއިގެން ނިކުންނަން ނޫޅުނުނަމަ އޭނާވެސް މިއަދު ހުންނާނީ ދުނިޔޭގަ.” ދާނިޝްވެސް ވާހަކަ ދެއްކީ އޭގެ ކުޑައިރުކޮޅެއް ކުރިން އަތީކުވެސް ވާހަކަދެއްކި މޭރުމުންނެވެ. “ނަތާޝާ މަރާލީ ތި ދެމީހުންތަ؟.” ޒުހުރާއަށް ބޭއިހްތިޔާރުގައި އަހާލެވުނެވެ. “އަމްމް. އަސްލު އަހަރެމެން މަރާލި ކަމަކަށް ނުވާނެ. އަހަރެމެން ތިބީ ގޭގަ. ހަމައެކަނި ބަޔަކަށް އޯޑަރެއް ދޭން ޖެހޭނީ. އެހިސާބުން….” ދާނިޝް، ޒުހުރާއާއި ގާތްވެލަމުން ބުންޏެވެ. އެހިނދު ޒުހުރާ މަޑުމަޑުން ހުރި ތަނަށް ތިރިވިއެވެ. އެހިސާބުން އޭނާއަށް ގޮތް ހުސްވިއެވެ. އެހީއަށް އެދޭނީ ކިހިނެއް ކޮން ގޮތަކުން ކަމެއްވެސް ނޭންގުނެވެ. ޒުހުރާ ބެދިފައިވަނީ ފަސޭހައިން ސަލާމަތްވާނެ މަޅިއެއްގައެއް ނޫނެވެ.

ޖެހިގެން އައި ދުވަހު ޒުހުރާއަށް ހޭލެވުނުއިރު މެންދުރުވަނީއެވެ. އޭނާ އޮތީ އެނދުންވެސް ތެދުވާހިތް ނުވެފައެވެ. ބަނޑުހައި ހޫނުކަން އިހުސާސް ކުރެވުނު ނަމަވެސް، ކާކަށް ބޭނުމެއް ނުވެއެވެ. ކާހިތެއް ނުވެއެވެ. އެގޮތުގައި އިރުއޮއްސެންދެން އޮތްވައި، ދާނިޝް ދޮރުގައި ޓަކި ޖަހާ އަޑު އިވުނެވެ. ޒުހުރާ އެއްވެސް އެއްޗެކޭ ނުބުނެ އެ އޮތް ގޮތަށް ދެލޯ މަރައިގެން އޮތެވެ. ޒުހުރާގެ އެއްވެސް އަޑެއް ނީވުމާއެކު ދާނިޝް އެތެރެއަށް ވަނެވެ. ވަދެގެން އައި ގޮތަށް އައިސް، ޒުހުރާގެ ކޮނޑުގައި ހިފާ ތަޅުވާލިއެވެ. ޒުހުރާ ރުޅިއައިސްގެން ދާނިޝްގެ އަތް ފޮޅާލިއެވެ. އެހިނދު، ދާނިޝް، ޒުހުރާގެ ކޮނޑުގައި ހިފައި ގަދަކަމުން އޭނާއާއި ދިމާލަށް ފުރޮޅާލިއެވެ. އަދި ޒުހުރާގެ ގައި މައްޗަށް އަރައި އޭނާގެ ދެއަތް ފަހަތަށް ގެންގޮސް ދެއަތުގައި ވަރަށް ބާރަށް ހިފެހެއްޓިއެވެ.

“އަހަރެން ތަކުރާރުކޮށް މި ބުނަނީ ގަދަ ނުހަދާށޭ. ތިހެން ގަދަ ހަދަންޏާ ހައްތާވެސް ވާނީ އަނިޔާ. މިރޭ ދިހައެއް ޖަހާއިރަށް ފުރަން ތައްޔާރުވޭ. ދާ ތަނެއް އެނގޭނެ ދެވުނީމަ. ބަރާބަރު ދިހައެއް.” ދާނިޝް، ޒުހުރާގެ އަތް ފޮޅާލާފައި އޭނާގެ ގައިމަތިން ފޭބިއެވެ. އަދި އިތުރު އެއްޗެކޭ ނުބުނެ އެތަނުން ހިނގައިގަތެވެ. ޒުހުރާއަށް އޮވެވުނީ އޭނާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އޭނާ ހިތަށް އެރިއެވެ. “އެއީ ހަމަ އަހަރެން ލޯބިވާ ދާނިޝް ހެއްޔެވެ؟. އޭނާ އަހަރެންނާއި ދޭތެރޭ އެގޮތަށް އެ ކަންތައް ކުރަނީ ކީއްވެގެން ހެއްޔެވެ؟. އޭނާގެ ހިތުގައި އަހަރެންނާއި މެދު ކުޑަވެސް ރަހުމެއް ނެތްތާ ލޯތްބެއް ވެސް ނެތީ ހެއްޔެވެ؟.”

އެގޮތުގައި އޮވެ ގިސްލަ ގިސްލާ ރޮއެރޮއެފައި ޒުހުރާ އެނދުން ތެދުވީ ވެފައިވާ ހައިހޫނުކަން ފިލުވާލުމަށް ކޮންމެވެސް އެއްޗެއް އަރުތެރެއިން ދިރޭތޯއެވެ. ބަދިގެއަށް ވަދެ ތެލީގެ މަތިތައް ނަގައި ބަލާލިއިރު، ކުކުޅު ރިހަ ކައްކާފައި ހުއްޓެވެ. އެވަގުތު ޒުހުރާ އޭނާގެ މަންމަ މަތިން ވަރަށް ހަނދާންވިއެވެ. އޭނާގެ މަންމަ ކޮންމެ ހުކުރު ދުވަހަކު ކުކުޅު ރިހަ ކައްކާނެއެވެ. މަންމަ ކައްކާ، ކާތަކެތީގެ ތެރެއިން ޒުހުރާ އެންމެ ގަޔާވެގެން މީރުކޮށް ކާ އެއްޗަކީ ކުކުޅު ރިހައެވެ. ތެލިކް ރިހަކޮޅަކާއި ކުޑަ ބަތްކޮޅެއް އަޅައިގެން އޭނާ ކާން އިށީނެވެ. އޭތިކޮޅު ވެސް ޒުހުރާ ކެއީ ގަދަކަމުންނެވެ.

ކައިގެން އޭނާ އަވަސް ވެގަތީ ކޮޓަރިއަށް ވަނުމަށެވެ. އޭނާ މިހާރު އެތަނުގެ އެތެރެއިން ނިކުންނަންވެސް ފޫހިވެއެވެ. ކޮޓަރިއަށް ވަދެ ކުޑަދޮރު ކައިރީ އިރުކޮޅެއް ވަންދެން ހުރުމަށްފަހުގައި އޭނާ ދިޔައީ ފެންވަރަންށެވެ. ދާނިޝް ބުނި ވަގުތައް ތައްޔާރުވެގެން ހުރުމަށެވެ. ޒުހުރާ ބޭނުންވީ އެމީހުންނަކީ ކިހާ ފެންވަރެއްގެ ބައެއްތޯ ބަލަންށެވެ. ދަނީ ކޮން މިސްރާބަކަށް ކަން ނޭންގޭ ހާލުވެސް މިއަދު ޒުހުރާއަށް މަޖުބޫރުވެފައިވަނީ އެމީހުން ބުނާގޮތެއް ހަދައިގެން މަޑުމަޑުން ހުރުމަށެވެ. ގަމީހަކާއި ޖިންސެއް ލައިގެން ބޮލުގައި ފުނާ އަޅާ ނިމިގެން އޭނާ އެނދުމަތީގައި އިށީނެވެ. އެއީ ދާނިޝްވެސް ކޮޓަރިއަށް އައިސް ވަން ވަގުތެވެ. “އެބަ ރަނގަޅުވޭ.” އެއްމިޔަކަނުން ހީލަމުން ދާނިޝް ބުންޏެވެ. ޒުހުރާ އޭނާއާއި ދިމާލަށް ބަލާވެސް ނުލާ އިސްދަށަށް ޖަހައިގެން އެއިން ގޮތަށް އިނެވެ.

ނުވަގަޑި ބައި ވީ ތަނާ، ދާނިޝް ޒުހުރާ ބަލާ ކޮޓަރިއަށް އައެވެ. އަދި އޭނާ ގޮވައިގެން ސައިކަލުގައި ދުއްވާފައި ގޮސް ފުރާ ޖެޓީއާއި ކައިރި ހިސާބެއްގައި ސައިކަލު މަޑުކޮށްލިއެވެ. ސައިކަލު މަޑުކޮށްލުމަށްފަހު ޒުހުރާގެ އަތުގައި ހިފައިގެން ގޮސް އެތަނުގައި އޮތް ލޯންޗަކަށް ޒުހުރާއަކީ އެރިއެވެ. އެވަގުތު އަތީކުވެސް ލޯންޗުގައި އިންތަން ޒުހުރާއަށް ފެނުނެވެ. އަތީކު ފެނުމާއެކު، އޭނާ މޫނު އަނެއް ފަރާތަށް ލިއެވެ. ކުރާ ނަފްރަތެއްގެ ބޮޑުކަމުންނެވެ. ގާތްގަނޑަކަށް ފަނަރަ ވަރަކަށް މިނެޓުގެ ކުރު ދަތުރަކަށްފަހު ލޯންޗު ގޮސް މަޑުކޮށްލީ ރިސޯޓަކަށެވެ. ވަގުތަކީ ރޭގަނޑުގެ ވަގުތުކަމަށް ވުމާއެކު، އެއީ ކޮން ރިސޯޓެއްކަމެއް ޒުހުރާއަކަށް ނޭންގުނެވެ.

ރިސޯޓަށް އެރުނު ތަނާ އެއީ ފަސް ތަރީގެ އަދާރަން ޕްރެސްޓީޖް ވާދޫކަން އެނގުނެވެ. އެއީ ޒުހުރާގެ ހަޔާތުގައި ވެސް އަލަށް ރިޒޯޓަކަށް ދިޔަ ފުރަތަމަ ފަހަރެވެ. ދާނިޝް ދިޔައީ ޒުހުރާގެ ހުރިހާ ހަރަކާތެއްވެސް ވަރަށް ކައިރިން މޮނިޓަރ ކުރަމުންނެވެ. ރިސޯޓަށް ފޭބުނު ތަނާހެން އަތީކު ގެއްލިއްޖެއެވެ. ޒުހުރާ ވެލްކަމް ޑްރިންކް ބޯން އިންދާ، ދާނިޝް، އޭނާއާއި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. އިށީނުމަށްފަހު ރޫމުގެ ކީއެއް ޒުހުރާއާއި ހަވާލުކުރިއެވެ. “ސީޔޫ ޓުމޯރޯ.” ދާނިޝް މިހެން ބުނުމަށްފަހުގައި ހިނގައިގަތެވެ. އޭރު ޒުހުރާ އިނީ ވާނުވާގައެވެ. ޒުހުރާ އެ ރިސޯޓަށް ގެނެވުނު ސަބަބެއް ވެސް ކުޑަމިނުން އެމީހުން ޒުހުރާއަކަށް ނުކިޔާދެއެވެ.

ޒުހުރާ އެތަނުގައި އިންދާ، ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފަކު އައިސް ޒުހުރާ ރޫމާއި ހަމައަށް ގެންގޮސްދިނެވެ. އޭނާ ހިނިތުންވެލުމަށްފަހު ދިއުމާއެކު، ޒުހުރާ އަވަސްވެގަތީ ރޫމަށް ވަނުމަށެވެ. ރޫމަށް ވަދެވުމާއެކު، އޭނާ ހަމަޖެހުމުގެ ނޭވާއެއް ލިއެވެ. ޒުހުރާއަށް މިހާރު ރައްކާތެރިކަން އިހުސާސްވާ ހަމައެކަނި ވަގުތަކީ އޭނާ އެކަނި ހުންނަ ވަގުތެވެ. އެމީހުން ނަތާޝާ މަރާލި ފަދައިން ޒުހުރާގެ ދުވަސްވެސް ދުއްވާލަފާނެތީ އޭނާ ހުންނަނީ އަބަދުވެސް ވަރަށް ހުޝިޔާރުވެގެންނެވެ. ކުއްލިއަކަށް ޒުހުރާގެ ރޫމުގެ ދޮރުގައި މީހަކު ޓަކި ޖެހި އަޑު އިވުނެވެ. ހަމަ އެވަގުތު ދާނިޝްގެ މެސެޖެއް އޭނާގެ ފޯނަށް އައެވެ. އޭގައި އޮތީ ދޮރު ހުޅުވުމަށެވެ. ޒުހުރާ ހީކުރީ ދޮރުގައި ޓަކިޖަހަނީ ދާނިޝް ކަމަށެވެ. ވުމާއެކު ދޮރު ބިއްދޮށުގައި ހުރެފައި އޭނާ އެތެރެއަށްވާ ގޮތަށް ދޮރުހުޅުވާލިއެވެ. އެތެރެއަށް ވަން މީހާ ފެނިފައި ޒުހުރާއަށް ފަހަތަށް ޖެހެވުނެވެ. އެމީހާ ދޮރު ލެއްޕިއެވެ. “ތި ތި ކާކު؟.” ޒުހުރާ ބިރުންހުރެ ސުވާލުކުރިއެވެ.

ލިންކް: މިވާހަކައިގެ ހުރިހާ އެޕިސޯޑެއް ކިޔާލާ!

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ