ޖިންސީ ގޯނާގެ ތުހުމަތުގައި މަގާމުން ދުރުކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދިރިއުޅުއްވާގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ތަހުގީގު ކުރަމުންދާ ޖިންސީ ގޯނާގެ މައްސަލައަކާ ގުޅިގެން އަލީ ވަހީދު ދިރިއުޅޭގެ ބަލައިފާސްކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. އެނގިފައިވާ ގޮތުގައި ފުލުހުން ބަލައި ފާސްކޮށްފައިވަނީ މ. ފުރަހަނިއެވެ.
އާދައިގެ ހެދުމުގައި ހުރި ފުލުހުންގެ ޓީމަކާއި ފޮރިންސިކް ޔުނީފޯމްގައި ހުރި ފުލުހެއް، ގަޑިއެއްހާއިރު އެ ގެ ބަލާފާސްކުރުމަށްފަހު ނިކުމެފައިވަނީ މިރޭ ނުވައެއް ޖަހަނިކޮށެވެ. އަދި އެ ގެއިން ބައެއް ތަކެތި ކޮތަޅަކަށް އަޅައިގެން ފުލުހުންގެ ވެހިކަލަށް ވަނީ އަރުވާފައެވެ.
އަޚްލާގީ މައްސަލަތަކާ ގުޅިގެން އަލީ ވަހީދު މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އޭނާއަށް އެންގެވުމުން ވެސް އިސްތިއުފާ ނުދެއްވުމުން ވަނީ މަގާމުން ވަކިކުރައްވާފައެވެ. އެ މައްސަލަތަކާ ގުޅިގެން ޖޭޕީގެ ރައީސް ކަމުން އަލީ ވަހީދު ވަކިކުރުމަށް އެޕާޓީގެ ކައުންސިލަށް ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅާފަ އެވެ.