ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ބޭނުންވާ އިކުއިޕްމަންޓް ޑަބްލިއުއެޗްއޯއިން ހަދިޔާކޮށްފި

ދިވެހިރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވެދީ، ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ބޭނުންވާ ބައެއް ތަކެތި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ހަދިޔާކޮށްފި އެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީންއާ ހަވާލުކޮށްދެއްވީ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އަރުވިންދު މާތުރު އެވެ.

ޑަބްލިއުއެޗްއޯއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި އައިސީޔޫ އެނދާއި އައިސީޔޫ ގާއިމްކުރުމަށް ބޭނުންވާ އާލާތްތަކާއި ބޭހުގެ އިތުރުން، މެޑިކަލް ލެބޯޓްރީތަކަށް ބޭނުންވާ ތަކެއްޗާއި 10،000 ކޮވިޑް-19 ޓެސްޓިންގ ކިޓް ހިމެނެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ މިއަދު ލިބުނު އައިސީޔޫ އާލާތްތަކާއެކު ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ގާއިމުކުރެވޭ އައިސީޔޫތައް އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ޑރ. މާތުރު ވަނީ ކޮވިޑް-19 ދުނިޔޭގައި އަދިވެސް ހަލުވިކަމާއިއެކު ފެތުރެމުންދާކަން ފާހަގަކުރައްވައި، ރާއްޖޭގައި މި ބަލި ކޮންޓްރޯލްކުރުމަށް ސިއްހީ އިދާރާތަކުން ދޭ އިރުޝާދުތަކާއި އެއްގޮތަށް ރައްޔިތުންގެ އަމަލުތައް ބެހެއްޓުމަށް ގޮވާލައްވާފަ އެވެ.

ރާއްޖޭގައި ކޮވިޑް19އަށް ޓެސްޓްކުރުމުގެ ހިދުމަތް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި ޑަބްލިއުއެޗްއޯއިން ދަނީ ޓެސްޓް ކިޓްތައް ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19އަށް ޓެސްޓު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ވެސް އެ ޖަމިއްޔާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ