ބޮޑެތި ކުށްތައް ކޮށްފައި ސަލާމަތް ނުވެވޭނެކަން އެނގެން ޖެހޭ: ޕީޖީ

ޖިންސީ ބޮޑެތި ކުށްތައް ކޮށްފައި ސަލާމަތް ނުވެވޭނެކަން އެނގެން ޖެހޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވީ އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު މާލޭގެ ގެސްޓް ހައުސްއަކަށް ގެންގޮސް ރޭޕްކުރި މައްސަލައިގައި ކުރެއްވި ޓުވީޓެއްގައެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވޭ ހއ. ބާރަށް، ސިލްސިލާގެ، އަނީސް ހިލްމީގެ މައްޗަށް މިއަދު ވަނީ ދައުވާ އުފުލައިފައެވެ.

އަނީސްއަށް އުފުލާފައިވާ ދައުވާތައް

ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ. (އަދަބު: 10 އަހަރާއި 14 އަހަރާ ދެމެދު ޖަލު ހުކުމެއް)

އެ ދައުވާ އުފުލާފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ ދަށުންނެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާ. (އަދަބު: 10 އަހަރު ޖަލު)

އެ ދައުވާ އުފުލާފައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 123 ވަނަ މާއްދާގެ ދަށުންނެވެ.

ޕަބްލިކް ޕްރޮސިކިއުޓަރ އަހްމަދު ޝަފީއު ވިދާޅުވީ އެމައްސަލައާ ގުޅިގެން އަނީސްގެ މޮބައިލް ފޯނު އެނަލައިޒް ކުރުމުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފެނިފައިވާ ކަމަށެވެ.

އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ. (އަސާސީ އަދަބު: 1 މަހާއި 6 ދުވަހަށް ޖަލަށްލުން) އެ ދައުވާ އުފުލީ ގާނޫނުލްއުގޫބާތުގެ 622 ވަނަ މާއްދާގެ ދަށުންނެވެ.

އެ މައްސަލައާ ގުޅިގެން ޕީޖީ ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާ ގިނަ ވާހަކަދެއްކުމެއްނެތި، މިކަން އަމާނާތްތެރިކަމާއި، އިހްލާސްތެރިކަމާއެކު ކުރެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ފަހަކަށް އައިސް ކުޑަކުދިންނާ އަންހެނުންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ފެންމަތިވާ މިންވަރު ވަނީ ބޮޑުތަން އިތުރުވެފައެވެ. އަދި މައްސަލަތައް ނިންމުން ލަސްކަމަށާއި، އިންސާފު ލަސްކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވަނީ ކަމާބެހޭ ފަރާތްތަކަށް އަމާޒުވެފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ