ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ތިން މެމްބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެންއައިސީގެ ނައިބު ރައީސް ހައްސާން ހަމީދާއި ކޮމިޝަނު މެމްބަރުން އަހްމަދު އަމީން އަދި ޚަދީޖާ އަބްދުﷲ ވަނީ ކޮމިޝަނުން އިސްތިއުފާ ދެއްވާފައެވެ.
އެބޭފުޅުން އިސްތިއުފާ ދެއްވާފައި ވަނީ ތިން ބޭފުޅުން ހިމެނޭގޮތަށް، ކޮމިޝަންގެ ހަތަރު މެމްބަރަކު ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައި ވަނިކޮށެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެންއައިސީގެ މެންބަރުކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ޖުލައި 19، 20 އަދި 21 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް ކަމަށެވެ.
އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާން އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުންނާއި، ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.