ފުލުހުންގެ ހިދުމަތުގެ ބިލުން ކޮމިޓީއަށް ބާރުދޭ މާއްދާތައް އުނިކުރަން އިދިކޮޅުން އިސްލާހު ހުށަހަޅައިފި

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އަށް ބޮޑެތި ބާރުތަކެއް ލިބޭގޮތަށް އޮތުމުން، އެ ބާރުތައް ހަނިކުރުމަށް، ބިލުގައި ހިމަނާފައިވާ އެ ކޮމިޓީއަށް ބާރުލިބޭ ބައެއް މާއްދާތައް އުނިކުރަން އިދިކޮޅު ކޯލިޝަނުން އެ ބިލަށް އިސްލާހު ހުށަހަޅައިފިއެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ވަނީ ފުލުހުންގެ ހިދުމަތުގެ ބިލުގެ ބައެއް މާއްދާތަކަށް އިސްލާހު ހުށަހެޅުމުގެ އިތުރުން ފުލުހުންގެ ހުވާގެ އިބާރާތަށް ވެސް ބަދަލުގެންނަން ހުށަހަޅައިފަައެވެ.

އެގޮތުން ފުލުހުންގެ ހިދުމަތް ހިނގާނުހިނގާ ގޮތް ބެލުމަށްޓަކައި، 241 ކޮމިޓީއަށް، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން މިނިސްޓަރާ، ކޮމިޝަނަރާ ސުވާލުކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާ އާއި ކޮމިޓީގެ އެންގުންތަކާ ގުޅިގެން އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހުކުރަން ލަފާދެވިދާނެ ކަމަށް ބުނާ މާއްދާ އުނިކުރަން ވަނީ ހުށަހަޅައިފައެވެ.

އެ މާއްދާތައް އުނިކުރަން ހުށަހަޅާ ސަބަބެއް ކަމުގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 239 ވަނަ މާއްދާއިން، ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ހިންގޭނެ ކަމަށް ބުނެފައިވާތީ ކަމަށް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

މީގެ އިތުރުން ޕޮލިސިން ބޯޑުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި މިނިސްޓަރު ކަނޑައަޅާ މެމްބަރެއްގެ އިތުރުން 241 ކޮމެޓީން އައްޔަންކުރާ މެމްބަރަކު އިންނަ ގޮތަށް ބިލުގައި އޮތްއޮތުން ބަދަލުކޮށް، ކަސްޓަމްސް އާއި އިމިގްރޭޝަނާއި އެމްއެންޑީއެފްގެ އިތުރުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ފަރާތުން ކަނޑައަޅާ މެމްބަރުން ބޯޑުގައި ހިމެނުމަށް ވެސް އިދިކޮޅުން ވަނީ އިސްލާހު ހުށަހަޅައިފައެވެ.

ހަމައެއާއެކު ކޮމިޝަނަރާއި މިނިސްޓަރުގެ ޒިންމާތައް ބަޔާންކުރާ މާއްދާއަށް އަކުރުތަކެއް އިތުރުކުރުމަށް ވެސް އިދިކޮޅުން ވަނީ ހުށަހަޅައިފައެވެ.

އެގޮތުން މިނިސްޓަރުގެ ޒިންމާތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުން ލިޔުމުން މިނިސްޓަރަށް އަންގާ ކަންކަމާ ގުޅިގެން، އިސްލާހުކުރަންޖެހޭ ކަންކަން ބަލައި، އެކަންކަމާ ގުޅޭގޮތުން މިނިސްޓަރު ފިޔަވަޅުއަޅަން ވާނެ ކަމަށާއި، އިސްލާހުކުރަން އަންގާ ކަންކަން އިސްލާހުކުރެވެން ނެތް ނަމަ، އެކަން ލިޔުމުން މަޖިލީހަށް އެންގުމަކީ މިނިސްޓަރުގެ މަސްއޫލިއްޔަތު ކަމަށް ވަނީ ހިމަނައިފިއެވެ.

ކޮމިޝަނަރުގެ ޒިންމާތައް ބަޔާންކުރާ މާއްދާއަށް ހަތަރު އަކުރެއް އިތުުރުކުރަން އިސްލާހުގައި ވެއެވެ. އެގޮތުން ރައްޔިތުންނާއި މުޖުތަމައުގެ އަމަންއަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން އަމަލުކުރަމުންދާ މައިގަނޑު ސިޔާސަތަކަށް ގެންނަންޖެހޭ ބަދަލުތައް 241 ކޮމެޓީއާ ހިއްސާކުރުމަށާއި ފުލުހުންގެ އޮޕަރޭޝަންތަކާ ހަރަކާތްތަކާ ބެހޭ މައުލޫމާތުގެ ތެރެއިން ހިނގަމުންދާ ތަހުގީގަކަށް ނުވަތަ އޮޕަރޭޝަނަކަށް ހުރަސް ނޭޅޭނެ މައުލޫމާތު 241 ކޮމެޓީން އެދިއްޖެ ހާލަތެއްގައި ހިއްސާކުރުން އިތުރުކޮށްފައިވެއެވެ.

އަދި ފުލުހުންގެ ހިދުމަތަށް ރައްޔިތުންގެ އިތުބާރު އާލާކުރުމަށްޓަކައި އަޅާ ފިޔަވަޅުތައް، 241 ކޮމެޓީން އެދިއްޖެނަމަ ހިއްސާކުރުމަށާއި، ފުލުހުން ގެންގުޅޭ ހަތިޔާރާއި އާލާތްތަކާއިި ވަސީލަތްތަކާއި ގުޅޭ މައުލޫމާތުވެސް 241 ކޮމެޓީން އެދިއްޖެނަމަ ހިއްސާކުރުން ހިމަނާފައިވެއެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ