އަރަބި ގައުމުތަކަށް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރު ކުރުމަށް ފުރަތަމަ ފަހަރަށް އަރަބި ވެބްސައިޓަކުން އިޝްތިހާރު ކުރުމުގެ މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ރާއްޖޭގެ ފުރަތަމަ އަރަބި ވެބްސައިޓުގެ ގޮތުގައި މާލްދީފް.ކޮމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގައެވެ. ވެބްސައިޓްގެ އިތުރުން ސޯޝަލް މީޑިއާގެ ހުރިހާ ވަސީލަތްތަކެއްގައިވެސް އެ އަރަބި ޕްލެޓްފޯމް އިފްތިތާހުކުރުމަށް ވަނީ ނިންމާފައެވެ.
ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްވެ ހުންނަވާ ފައްޓަވާ މި މަސައްކަތަކީ މާލްދީފް ގުރޫޕުން ފަށާ މަސައްކަތްތަކެކެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ އަރަބި ވެބްސައިޓާއި މާލްދީފް ގްރޫޕްގެ ސޯޝަލްމީޑިއާގެ އަރަބި ޕްލެޓްފޯމްތައް ބުދަ ދުވަހު ލޯންޗު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މާލްދީފް ގުރޫޕުން ބުނީ މިއީ ރާއްޖެއާއި ރާއްޖޭގެ ރަށްތަކުގެ ލޯކަލްޓޫރިޒަމާއި ރިޒޯޓްތަކާއި ޓޫރިޒަމް ސިނާއަތުގައި ހިމެނޭ ކަންކަން އަރަބިންނާ ހަމައަށް ގެންގޮސްދިނުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.