ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ދިން ލުއިތަކާއެކު ކޭސްތައް އިތުރުވަމުންދާތީ، ކޮންމެހެން ބާއްވަން ޖެހިގެން ނޫނީ ބައްދަލުވުންތައް ނުބޭއްވުމަށާއި އެއްވުންތައް ނުބޭއްވުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭއިން ނެރުނު ނޫސްބަޔާނުގައި ބުނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުމުންދާ ކަމަށާއި ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްތުންގެ އަދަދުވެސް ވަރަށް ބޮޑަށް އިތުރުވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މީގެ އެއް ސަބަބަކީ ފުރަބަންދަށް ދިން ލުއިތަކާއެކު ބައެއް ފަރާތްތަކުން މީހުން އެއްވާގޮތަށް ހަފްލާތަކާއި ޕާޓީތަކާއި ޖަލްސާތަކާއި އަދި އެހެނިހެން އެއްވުންތައް ބާއްވަމުން ދިިޔުން ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެޗްޕީއޭއިން ވަނީ ފުރަބަންދަށް ލުއިދިނުމަށް އެޗްޕީއޭއިން ނެރެފައިވާ އުސޫލުތަކާޢި އެންގުންތަކަށް ބޯލެނބުމަށް އިލްތިމާސް ކޮށްފައެވެ.
މިހާލަތުގައި 30 މީހުންނަށްވުރެ ގިނައިން އާންމު ތަންތަނަށް އެއްނުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކޮންމެހެން މީހުން ހާޒިރުވެގެން ބާއްވަންޖެހޭ އެއްވުންތައް ފިޔަވައި، އޮފީސް މަސައްކަތާ ގުޅޭ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމަށާއި، 30 މީހުންނަށްވުރެ މަދުން ބައިވެރިވާ ބައްދަލުވުންތައްވެސް ކޮންމެހެން ބާއްވަންޖެހޭ ހަލަތުގައި ނޫނީ ނުބޭއްވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
ފުރަބަންދަށް ދިން ލުއިތަކާއެކު އޮފީސްތައް ހުޅުވައި، ކެފޭ ރެސްޓޯރެންޓުތަކާއި ޖިމް އަދި ސްޕާތަކާއި ސެލޫންތައް ހުޅުވާލާފައިވާއިރު ބަލީގެ އަލާމާތްތައް ހުންނަ މީހުންނާއި ކޮންޓެކްޓުން މަސައްކަތަށް ނުދިޔުމަށާއި ބޭރަށް ނުނިކުތުމަށް އެޗްޕީއޭއިން ދަނީ އިލްތިމާސް ކުރަމުންނެވެ..