ކުރީގެ ނައިބު ރައީސް އަދީބު މިނިވަންވެއްޖެ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަންވެއްޖެ އެވެ.

ގިނަ ދުވަސްތަކެއްވަންދެން ބަންދުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަންވީ އޭނާގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ މިއަދު ކުރިމިނަލް ކޯޓުން ބާތިލް ކުރުމާއެކު އެވެ. އޭނާގެ މައްޗަށް މިހާރު ޖަލު ހުކުމެއް ނެތްއިރު، ބަންދުގައި ހުރީ ދައުވާތަކުގެ ޝަރީއަތަށެވެ.

އަދީބުގެ މައްޗަށް ކުރާ ހަތް ދައުވާގެ ތެރޭގައި ހިމެނެނީ، މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

ދައުލަތާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އެ ހަތް މައްސަލައިގައި ވެސްް އަދީބު ދައުވާއަށް އިއުތިރާފުވާނެ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް މިދިޔަ އާދީއްތަ ދުވަހު ބޭއްވި އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ބުނީ، އެ އެއްބަސްވުން ހެދީ އަދީބު ބޭނުން ވެގެން ކަމަށެވެ.

ނަމަވެސް އެކަން ދޮގުކޮށް އަދީބު ވިދާޅުވީ، އެއްބަސްވުމުގައި ސޮއިކުރަން އެދިވަޑައިގަތީ އޭރުގެ ޕީޖީ އައިޝަތު ބިޝާމާއި ފުލުހުންގެ ބައެއް އޮފިސަރުން އޭނާއާ ބައްދަލުކުރުމަށްފަހުގައި ކަމަށެވެ. އަދި އެ އެއްބަސްވުމުގައި ސޮއިކުރީ ޖަލުގައި ހުއްޓާ ކުރިމަތި ވި ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ކަމަށާއި، ބޭރަށް ފުރުނީ އެ އެއްބަސްވުމުގައި ސޮއިކޮށް އިއުތިރާފުގެ ބަޔާން ނެގުމުން ކަމަށެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ