ފުރަބަންދަށްފަހު އެމިރޭޓްސްގެ ފުރަތަމަ ފްލައިޓު ރާއްޖެ އައިސްފި

ރާއްޖޭގެ ބޯޑަރު އިއްޔެ ހުޅުވާލާފައިވާއިރު ފްލައި އެމިރޭޓްސްގެ ފުރަތަމަ ފްލައިޓް މިއަދު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާފަ އެވެ.

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ގެންނަ އެމަރޭޓްސް އެއާލައިންގެ ފްލައިޓްގައި މިއަދު 101 މީހަކު ރާއްޖެއައި ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ބޯޑަރު އިއްޔެ ހުޅުވާލުމުން 212 މީހަންނާއި އެކު އެންމެ ފުރަތަމަ އައިސްފައިވަނީ ގަތަަރުގެ އެއާވޭސްގެ ފްލައިޓެކެވެ.

އިމިގްރޭޝަނުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ ރާއްޖެ އައި މީހުންގެ ތެރޭ ހިމެނެނީ 38 ދިވެހިންނާއި 104 ފަތުރުވެރިން އަދި 65 ބިދޭސީ މަސައްކަތު މީހުންނާއި އެހެން ބޭނުންތަކުގައި ރާއްޖެ އައި ފަސް މީހެކެވެ.

މިއަދު އެމިރޭޓްސް އިންވެސް ރާއްޖެއަށް ފްލައިޓެއް ބާއްވާފައިވާއިރު، ގަތަރު އަދި ސްރީލަންކަން އިންވެސް މިއަދު އޮޕަރޭޓު ކުރާނެއެވެ. މީގެ އިތުރުން މިމަހުގެ ތެރޭ އިއްތިހާދު އެއާވޭސް އިންވެސް ރާއްޖެއަށް ފްލައިޓުތައް ބާއްވާނެއެވެ.

ގަތަރު، އިއްތިހާދު އަދި އެމިރޭޓްސް އަކީވެސް ޔޫރަޕާއި މެދުއިރުމަތިން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އުފުލާ ތިން އެއާލައިނެވެ.

އޮގަސްޓުމަހުގެ ތެރޭ ދަތުރު ފަށަން ތާވަލުކޮށްފައިވާ އެއާލައިންތަކުގެެ ތެރޭގައި ގަލްފް އެއާ، ބްރިޓިޝް އެއާވޭސް، ހޮންކޮންގް އެއާލައިންސް އަދި އިންޑިގޯގެ އިތުރުން ސިލްކް އެއާއާއި ސިންގަޕޯ އެއާލައިންސް ހިމެނެއެވެ.

މިމަހުގެ 23 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެއަށް 850،000 ފަތުރުވެރިން ގެނައުން ކަމަށެވެ. ރާއްޖޭގެ ބޯޑަރު ބަންދުކުރި އިރު 300،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވެ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ