ވާހަކަ: ހަޔާތުގެ ކުލަތައް (8)

ކުރީ ބައި: ހަޔާތުގެ ކުލަތައް (7)

ޒުހުރާގެ ސުވާލަށް އެމީހާ އެއްވެސް ޖަވާބެއް ނުދިނެވެ. އެމީހާ އިރުކޮޅެއް ވަންދެން ޒުހުރާއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އެހެން ހުރެފައި އޭނާ ބަން ކިޔާފައި ކޮޓަރީގެ ދޮރު ލެއްޕިއެވެ. “އަހަރެން މީ ކާކު ކަމެއް ނޭންގޭތަ؟ އަހަރެންނެއް ނުދަންނަން؟.” އެމީހާ ކޮޓަރިއަށް ވަދެ ކޮޓަރި ތެރޭގައި ހުރި ސޯފާގައި އިށީންދެލިއެވެ. ޒުހުރާ އޭރުވެސް ހުރީ ހުރި ފިޔަވަޅު މަތީ ގުޑާލަން ނޭންގިފައެވެ. “އަހަ…އަހަރެންނެއް ނުދަންނަން ތީ ކާކު ކަމެއް!. ހަމަ މިހާރު މިތަނުން ނިކުމޭ!.” ޒުހުރާގެ އެ ހަރުކަށި ޖުމްލައާއި އެކު އެމީހާ ރޯކުރަން ނެގި ސިގިރޭޓު މޭޒުމަތީގައި ބޭއްވިއެވެ. އަދި ވައްތަރަކަށް ޒުހުރާއާއި ދިމާލަށް ބަލަންފެށިއެވެ. “އެހެންތަ؟. ހިހިހިހި. ނިކުންނާށޭ؟. އެނގޭތަ ކިހާ ވަރެއްގެ ކާކާ ދިމާލަށްކަން ތިހެން ތިބުނީ؟.” އެމީހާ އަނެއްކާވެސް ޒުހުރާ އާއި ކުރީ ސުވާލެކެވެ.

“އަޖައިބެއްނު!. އާއެކޭ!. ނޭންގެޔޭ!. މިބުނީނު ނިކުންނާށޭ!.” ޒުހުރާ މިފަހަރު ބާރު ހިނގުމެއްގައި ހިނގާފައި ގޮސް އެމީހާ ކުރިމަތީގައި ހުއްޓުނެވެ. އެވަގުތު އެމީހާ އިންތަނުން ތެދުވިއެވެ. އަދި އައި ގޮތަށް އައިސް ޒުހުރާގެ ދެއަތުގައި ވަރަށް ބާރަށް ހިފާ އެމީހާއާއި ގާތްކޮށްލިއެވެ. “މަށަކީ ބާރުއޮތް މީހެއް. މަށަކީ މި ގައުމުގަ ބޭނުން ކަމެއް ކޮށްގެން އުޅޭ މީހެއް. ތިކަހަލަ ނިކަމެތި މީހުން އުޅެން ޖެހޭނީ އަހަރެމެން ބުނާ ގޮތް ހަދައިގެން، އަހަރެމެންގެ ތައްޕާހުގަ. މިތަނުން ނިކުންނަން ހިތަށް އެރުވިޔަސް ކަލޭ މަރާލާނަން.” އޭނާ ޒުހުރާގެ ދެއަތް ފުރަގަހަށް އަނބުރާލުމަށްފަހު އޭނާގެ ފަޓުލޫނު ޖީބުން ނައިލޯނު ޕްލާސްޓިކު ކޭބަލެއް ނަގައި ޒުހުރާގެ ދެއަތް ބަންދުކޮށްލިއެވެ. އެއާއެކު ޒުހުރާ ހަޅޭއްލަވައިގަތެވެ. ނަމަވެސް އޭނާ ޒުހުރާ ބަނޑު ވަތަށް އެނދުމައްޗަށް ކޮއްޕާލިއެވެ.

އަދި އުއްޑުން ނުތެދުވެ އުޅެނިކޮށް ޒުހުރާގެ އަނގަމަތީގައި ޓޭޕް ގަނޑެއް އެޅިއެވެ. ޒުހުރާ ދުއްވައިގަންނަން ކުރި މަސައްކަތްވީ ނާކާމިޔާބެއެވެ. އެމީހާ ޒުހުރާގެ ފައިވެސް ބަނދެލިއެވެ. ޒުހުރާ ކަރުނަ އަޅާ ރޯން ފެށިއެވެ. ވާން އުޅޭގޮތް ރެއަކާލީ އެހިސާބުންނެވެ. ދާނިޝް ބުނި ވާހަކަ ވެސް ހަނދާންވީ ކުއްލިއަކަށެވެ. އެމީހާ ޒުހުރާގެ އިއްފަތްތެރިކަން ފޭރިގަންނަން ނެގީ މަދު ސިކުންތު ކޮޅެކެވެ. އެހާ އަނިޔާވެރި ގޮތަކަށް އޭނާގެ އިއްޒަތް ވެއްޔާއި މޮޑެވިގެން ދިޔައީ މަދަދުދާރެއް ނެތިއެވެ. އޭނާއަށް ހިތްހަމަ ޖެހޭ ވަރުވުމުން އޭނާ ހުއްޓާލާފައި އެއްޗެހި ލައިގެން އެތަނުން ނިކުމެގެން ދިޔައެވެ. ދަމުން ދިޔައީ ޒުހުރާގެ އަތް މޮހާލާފައި ނަމަވެސް އަނގަމަތީގައި އަޅާފައި އޮތް ޓޭޕުގަނޑު ނައްޓާނުލައެވެ. ޒުހުރާއަށް ހިމޭންވެފައި ފަންކާއާއި ދިމާލަށް ބަލަހައްޓައިގެން އޮއެވުނެވެ. އޭނާގެ ސިކުނޑިއަށް ކަމެއް ވިސްނައިގަންނަންވެސް ވީ ބޮޑު ކަމަކަށެވެ.

ސިކުނޑި ވަރުބަލިވެ، މީހާގެ ހަރަކާތް ހުއްޓުނެވެ. ހަށިގަނޑުގައި ތެދުވާނެ ހިތްވަރުވެސް ނެތެވެ. ހީވީ މުޅި މީހާގެ ހަށިގަނޑުން ވާގި ދޫވެފައިވާ ހެންނެވެ. އެގޮތުގައި ޒުހުރާއަށް އޮއެވުނީ ކިހާ އިރެއްވަންދެން ކަމެއް ވެސް ނޭންގުނެވެ. އެހެން އޮތްވާ އޭނާއަށް ނިދި، ހެނދުނުވީ ކަންވެސް ޒުހުރާއަށް އެނގުނީ ކޮޓަރީގެ ކުޑަދޮރުގައި ދަމާފައި ހުރި ދޮރުފޮތިގަނޑަށް އިރުގެ އަލި އެޅުމުންނެވެ. އެހިނދު މީހަކު އައިސް ދޮރުގައި ޓަކިޖެހިއެވެ. ޒުހުރާއަށް ޓަކި ޖަހާ އަޑުއިވުނު ނަމަވެސް، އެނދުން ތެދުވާ ހިތްނުވިއެވެ. ދޮރުގައި ފަސްވަރަކަށް ފަހަރު ޓަކި ދިނުމަށް ފަހު ދެން އެމީހާގެ ހިލަމެއް ނުވިއެވެ. ދެން އިވުނީ ކޮޓަރީގެ ދޮރު ހުޅުވާ އަޑެވެ. އެ އަޑަށްވެސް ޒުހުރާ ތެދުވާކަށް ބޭނުމެއް ނުވިއެވެ.

“ޒުހޫ!.” ކޮޓަރިއަށް ވަނި ދާނިޝްއެވެ. ދާނިޝް އައި ގޮތަށް އައިސް އެނދުމަތީގައި އޮތް ޒުހުރާގެ ބޮލުގައި ފިރުމާލިއެވެ. ޒުހުރާ އަނގައިން ބަހެއްވެސް ނުކިޔާ އޮތެވެ. އޭނާ އޮތީ ހުއްޓުން އަރާފައެވެ. ދާނިޝް އިރުކޮޅެއް ވަންދެން ޒުހުރާގެ ބޮލުގައި ފިރުމާލިއެވެ. ހީވީ ޒުހުރާއަށް ހެޔޮއެދޭ ގާތް މީހެއްހެނެވެ. ޒުހުރާ އެ އިހުސާސް ކުރެވުމާއެކު، ތެދުވެ ދާނިޝް ގައިގައި އޮޅުލައިގަތެވެ. އަދި އަޑުން އަޑުނަގައި ރޯން ފެށިއެވެ. ދާނިޝް އެއްވެސް އެއްޗެކޭ ނުބުނެ، ހަމަ އެގޮތުގައި ޒުހުރާގެ ބޮލުގައި ފިރުމާލަ ފިރުމާލަ އިނެވެ. “ޒުހޫ އެއީ މައްސަލައެއް ނޫނޭ!. އަހަރެން ބުނިން ދޯ މިހުރިހާ ކަމަކަށް ހޭނެން ވަގުތު ނަގާނޭ. ކާމް ޑައުން ބޭބް!.” ދާނިޝްގެ ޖުމްލަތަށް ވިހަގަދަ ހަރުފައެއްގެ ވިހައަށް ދޫނުކުރެއެވެ. ޒުހުރާ އެ ހާލަތުގައި އޮތް އިރުވެސް އޭނާ ޒުހުރާއަށް ރަހުމުވެސް ނުކުރިއެވެ.

ދާނިޝް މިހެން ބުނުމާއެކު، އޭނާ ދާނިޝް ފޮޅާލިއެވެ. އަދި ދާނިޝްގާތު އެތަނުން ނިކުމެގެން ދިޔުމަށް އެދުމަށްފަހު އޭނާ ފާހާނާއަށް ވަނެވެ. ފާހާނާއަށް ވަދެ ފެންވަރާ މާގަނޑު ދަށުގައި ހުރެގެން އޭނާ ހިތް ފުރެންދެން ރޯލިއެވެ. އަދި މުޅި ހަށިގަނޑުގެ އެތަން މިތަނުގައި ވަރަށް ބާރަށް އަތް އުނގުޅަން ފެށިއެވެ. ކިތަންމެ ވަރަކަށް އަތް އުނގުޅައިގެން ސާފުކުރަން މަސައްކަތްކުރިއަސް، ޖެހިފައި ހުރި ލައްގަނޑެއް ދެނެއް ނުފިލާނެއެވެ.

ފާހާނާއިން ނިކުތްއިރު މޭޒުމަތީގައި ހެނދުނުގެ ނާސްތާ ހުއްޓެވެ. އޭގައި އެކި ވައްތަރުގެ މީރު ކާއެއްޗެހި ހުރި ނަމަވެސް، ޒުހުރާއަށް އެ ތަކެތިވެސް ސިފަވީ ޒަހަރުގެ ގޮތުގައެވެ. ތަށިތެރޭގައި އޮތް ވަޅި ފެނިފައި ކިތަންމެ ފަހަރަކު އަމިއްލައަށް މަރުވާންވެސް އޭނާ ހިތަށްއެރިއެވެ. ނަމަވެސް ޒުހުރާގެ އީމާންތެރިކަން އެކަމަށް ޖާހަގައެއް ނުދިނެވެ. ހިތްވަރުކޮށްލާފައި ބޮޑުވަރުވެގެންވެސް އޭނާއަށް ބޯލެވުނީ އޭގައި ހުރި ޖޫސްތައްޓާއި ފެންތައްޓެވެ. އެވެސްވީ ހިތި އެއްޗަކަށެވެ. އެނދުމަތީގައި އޮށޯވެލިތާ މާގިނަ އިރެއްނުވެ، ދާނިޝް އަނެއްކާވެސް އެ ރޫމަށް އައެވެ. މިފަހަރު އައީ އަތީކާއި އެކީގައެވެ. ދެމީހުން އައިސް ބުނީ ފުރަން ތައްޔާރުވުމަށާއި، ބޭރަށް ނިކުމެ މީހަކާއި އަންގައިވެސް ނުބުނުމަށެވެ. އަނގައިން ބުނެފިނަމަ ނަތީޖާ މާ ރަނގަޅުނުވާނެ ކަމުގެ އިންޒާރު އަތީކު ދިނެވެ.

އެ ރިސޯޓުން ފުރައިގެން ގޮސް މާލެއާއި ހަމައަށް އާދެވެންދެން ޒުހުރާ އިނީ ބުދެއްހެން ހުއްޓިފައެވެ. އެއްވެސް މީހަކާއި އޭނާ އަނގައިން ނުބުނާތާ، އަދި މީހަކާއި ދިމާލަށް އިސްއުފުލާ ބަލާވެސް ނުލިއެވެ. މާލެ ފާބައި، ގެއަށް ދެވުމާއެކު، އޭނާ އަވަސްވެގަތީ އޭނާގެ ކޮޓަރިއަށް ވަނުމަށެވެ. ކޮޓަރިއަށް ހަމަ ވަދެވުމާއެކު، އޭނާ ކޮޓަރި ތަޅުލިއެވެ. އަދި އެއްޗެހި ބަދަލުވެސް ނުކޮށް އެނދުމަތީގައި ގޮސް އޮށޯތެވެ. ޒުހުރާ އިތުރަކަށް އެއްވެސް ކަމެއް ވިސްނާކަށް ބޭނުމެއް ނުވިއެވެ. ބޭނުންވީ ހަމަޖެހިލައިގެން ނިދާލަންށެވެ. ނަމަވެސް ލޯ މަރާލާ ކޮންމެ ފަހަރަކު ޒުހުރާއަށް ފެންނަނީ ރިސޯޓުން ދިމާވި މީހާއެވެ. އެއީ ކިހާވަރެއްގެ ކާކު ބާއެވެ.

ހެނދުނު ހެނދުނާއި ހޭލައިގެން ޒުހުރާ ނިކުތީ ބަދިގެއަށް ކާ އެއްޗެއް ހޯދުމަށެވެ. އޭރު އަތީކް ސިޓިންރޫމުގައި ކޮފީ ތައްޓެއް ގިރައިގެން ކޮފީ ބޯން އިނެވެ. ޒުހުރާ ފެނުމާއެކު، އަތީކް ފާޑަކަށް ހީލިއެވެ. ޒުހުރާ އަޅާވެސް ނުލާ އެ ދިޔަގޮތަށް ގޮސް ބަދިގެއަށް ވަނެވެ. ބަދިގެއިން އޭނާ ނިކުތީ ކޮފީ ތައްޓެއް ގިރައިގެންނެވެ. އޭނާ ނިކުންއިރު ވެސް އަތީކް އެތަނުގައި އިނުމާއެކު ޒުހުރާ ބޭނުންވީ ރިސޯޓުން ދިމާވި ހަޑި މުޑުދާރު މީހާގެ ވަނަވަރު އޭނާ ގާތުން އޮޅުންފިލުވަންށެވެ. “ރިސޯޓުން އަހަރެން ތި ވިއްކާލީ ކާކަށްތަ؟.” ޒުހުރާ ސިޓިންރޫމުގައި ހުރި ކުޑަ މޭޒުމަތީ ކޮފީތަށި ބަހައްޓަމުން ސުވާލުކުރިއެވެ. އެވަގުތު އަތީކު މަލާމާތްކުރާ ފާޑަށް ޒުހުރާއާއި ދިމާލަށް ބަލާލިއެވެ.

“ލޮލް ޒުހޫ. އޭނާ ނުވެސް ދަންނަންތަ؟.” އަތީކް މަލާމާތްކުރާ ޒާތަށް ހީގަތެވެ. “ކަލޭމެން އަހަރެން ވިއްކާހާ މީހެއްގެ ވަނަވަރު އަހަރެންނަށް ދީފަތަ ވިއްކަނީ؟.” ޒުހުރާ ރުޅިއައެވެ. “އޫޕްސް. އޯކޭ އޯކޭ. ދެން ފޮނުވާ މީހަކު ފޮނުވާނީ ވަނަވަރު ކިޔާދީފަ. އެއީ ކުރީގެ މަޖިލިސް މެމްބަރެއް. މިހާރު ބޮޑު ވިޔަފާރިވެރިއެއް. ސިޔާސީ މައިދާނުގައި އަރާހުރި ތަރިއެއް.” އަތީކް ފޮނިވެލާފައި ބުންޏެވެ. “އޯހް!. އެހެންވީމަ އަހަރެމެން ނިކަމެތިންގެ ނާޖައިޒު ފައިދާ ނެގުން ދޯ އެމީހުންގެ ކަމަކަށް އޮންނަނީ؟ ވަރަށް ތާހިރެއްނު.” ޒުހުރާ ކޮފީ ތަށި އަތަށް ނަގައި ބިންމައްޗަށް ހޫރާލިއެވެ. “އޭ!. ކަލޭ ކައިރި ބުނިން ދޯ ނުފުއްޕާށޭ. ކަލެއަށް ގޮތެއް ނުހަދާ މިހުންނަނީ ދާނިޝް އަށް ބަލާފަ. ނޫން ނަމަ މިހާރު ކަލޭ ހަމަ މަރާލީސް.” އަތީކް އޭރު ރުޅިއައިސް ތުރުތުރު ލަނީއެވެ.

އެވަގުތު ދާނިޝް ވެސް އެތަނަށް އައެވެ. ދާނިޝް އެތަނަށް އައުމާއެކު، ވެގެން އުޅޭ ގޮތް އަތީކް އޭނާއަށް ކިޔައިދިނެވެ. ދާނިޝް އަނގައިން ބަހެއް ނުކިޔާ އެތަނުގައި ހުއްޓެވެ. އެހެން ހުރެފައި އޭނާ ސޯފާގައި އިށީނެވެ. އެހިނދު ޒުހުރާ ބަދިގެއަށް ގޮސް ސާފުކުރާ ސާމާނު ގެނެސްގެން އެތަން ސާފުކުރިއެވެ. އޭރުވެސް ދާނިޝް އެ އިންގޮތަށް ހަމަ އިނީއެވެ. ތަން ސާފުކޮށް ނިމިގެން ފިހިގަނޑު ބަދިގެ ތެރެއަށް ލާފައި ސިޓިންރޫމާއި ހަމައަށް އެރިތަނާހެން އެޕާޓްމަންޓުގެ ދޮރުގައި މީހަކު ބެލް އެޅިއެވެ. ބެލް އެޅުމާއެކު، ފުންމައިންގެން ދާނިޝް ސޯފާއިން ތެދުވިއެވެ. އަދި ކޮޅަށް ހުރި ޒުހުރާ ކައިރިއަށް ޖެހިލުމަށްފަހު އޭނާގެ ޖިންސު ޖީބުން ކުޑަ ވަޅިއެއް ނެގިއެވެ. “ދޮރުމަތީގައި އެ ހުރީ ޒުހުރާއަށް ވަރަށް މުހިއްމު މީހެއް ޒުހުރާ ހޯދަން އައިސް. އެމީހާ ކައިރީ ބަހެއްވެސް ކިޔައިފިއްޔާ އެމީހާވެސް މަރާލާނަން. ގޮސް ދޮރުހުޅުވާ!. ދާނިޝް އަމުރުކުރިއެވެ. ޒުހުރާ މަޑުމަޑުން ހިނގާފައި ގޮސް އެޕާޓްމަންޓުގެ ދޮރު ހުޅުވިއެވެ. ދޮރުހުޅުވާލުމާއެކު، ޒުހުރާގެ ދެލޯ ބޮޑުވިއެވެ. ހޭނުނެތުނީ ހަމަ ކިރިޔާއެވެ. ޒުހުރާގެ ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ފާއްދާނުލާ ހިފަހައްޓާލެވުނީ ހަމަ ކިރިޔާއެވެ. މުޅި މީހާ އެއްކޮށް ގަނޑުވިއެވެ.

 

ލިންކް: މިވާހަކައިގެ ހުރިހާ އެޕިސޯޑެއް ކިޔާލާ!

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ