އަދީބުގެ ދައުވާތައް ބާތިލްކުރި ގާޒީ ދެ މަސް ދުވަހަށް ސަސްޕެންޑުކޮށްފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާތައް ބާތިލްކުރި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު ދެ މަސް ދުވަހަށް ސަސްޕެންޑުކޮށްފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ކޮމިޝަނުން ބަލަމުން އަންނަނީ ގާޒީ އިސްމާއީލް ރަޝީދު ފާޅުކަންބޮޑުގޮތެއްގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ޚިލާފަށް އަމަލުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކަމަށެވެ.

އިސްމާއީލް ރަޝީދު ސަސްޕެންޑުކުރީ އެ މައްސަލައިގެ ބާވަތަށާއި އެ މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ހެއްކަށާއި އެ މައްސަލަ ތަހުގީގު ކުރާއިރު އޭނާ ފަނޑިޔާރުކަމުގެ މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލަ ތަހުގީގު ކުރުމަށް އެޅިދާނެ ހުރަހަށާއި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށް އެ ބަޔާނުގައިވެއެވެ.

އެހެންކަމުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ތ) އަދި (ލ) އާ ހަވާލާދީ، ގާޒީ އިސްމާއިލް ރަޝީދު ވަގުތީގޮތުން 60 ދުވަހަށް ސަސްޕެންޑުކުރުމަށް މިއަދު ބޭއްވި ކޮމިޝަންގެ ޖަލްސާއިން ނިންމާފައިިވާ ކަމަށެވެ.

ސުލޫކީ މިންގަނޑާ ޚިލާފަށް އަމަލުކުރި ކަމަށް ތުހުމަތު ކުރެވޭ އަމަލުތަކުގެ ތަފްސީލު ތަހުގީގުކޮށް ނިމުމުން ކަނޑައެޅިފައިވާ އުސޫލުގެމަތިން ހާމަކުރާނެ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، މިި ސަރުކާރުގައި އެސެޓް ރިކަވަރީ ކޮމިޝަނާއި، އޭސީސީއާއި، ފުލުހުންގެ ގުޅިގެން ހިންގި ތަހުގީގަށް ފަހު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ގާޒީ އިސްމާއިލް ރަޝީދު ބާތިލުކުރެއްވީ އަދީބާއެކު ދައުލަތުން ހެދި އިއުތިރާފު އެއްބަސްވުންތަކާ ބެހޭގޮތުން މައްސަލައިގެ އިބްތިދާއީ މަރުހަލާގައި، ގޮތެއް ނިންމަވަމުންނެވެ.

އެ ނިންމެވުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ ގާޒީ އިސްމާއިލް ރަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައި ވަނީ ގާޒީ އިސްމާއީލް ރަޝީދުގެ ސުލޫކީ މައްސަލަ އަކީ އަދީބުގެ ދައުވާތައް ބާތިލްކުރުން ނޫން ކަމަށާއި ޖޭއެސްސީއަށް ހުށަހެޅި މައްސަލާގައި ސުލޫކީ މައްސަލައެއް ކަމަށް އެ އޮފީހުން ގަބޫލުކުރާ ކަންތައްތަކުގެ ތަފްސީލުތައް ބަޔާންކޮށްފައިވާނެ ކަމަށެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ