އަގު ނެގުމަކާނުލައި ފެނާއި ނަރުދަމާގެ ހޮޅި ގުޅައިދޭން ލާޒިމުކޮށް ބިލު ފާސްކޮށްފި

ގެދޮރު އެޅުމަށް ދޫކުރާ ތަންތަނަށް ފުރަތަމަ ފަހަރު އަގު ނެގުމަކާނުލައި ފެނާއި ނަރުދަމާގެ ހޮޅި ގުޅައިދިނުމަކީ ހިދުމަތްދޭ ފަރާތުގެ ޒިންމާއެއް ކަމުގައި ކަނޑައަޅާ، ފެނާ ނަރުދަމާގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ފެނާ ނަރުދަމާގެ ބިލެއް ހުށަހެޅީ، ފެނާއި ނަރުދަމާގެ ހިދުމަތް ރާއްޖޭގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް ކަށަވަރުކޮށްދިނުމަށްޓަކައި، ކަމާބެހޭ ވުޒާރާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރުމާއެކު، ކަމާބެހޭ ވުޒާރާއިން
ކަނޑައަޅާ ސިޔާސަތުތައް ތަންފީޒުކުރާނެ އޮތޯރިޓީގެ މަސްއޫލިއްޔަތާއި ބާރުތައް ބަޔާންކުރުމާއި، ސާފު ފެން ލިބުމާއި، އެކަށީގެންވާ މިންވަރުގެ ނަރުދަމާގެ ނިޒާމެއް ފޯރުކޮށްދިނުމަށް، ފެނާއި ނަރުދަމާގެ ހިދުމަތް ލިބިދިނުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށެވެ.

އަދި ފެން އުފައްދައި، ފެނުގެ ވަސީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ އުސޫލުތަކާއި، ފެނާއި ނަރުދަމާގެ ހިދުމަތްދޭ ފަރާތްތަކުގެ ޒިންމާތަކުގެ އިތުރުން، ބިލުގައި ބަޔާންކޮށްފައިވާ ޒިންމާތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާބެހޭ އުސޫލުތައް ބަޔާންކުރުމަށެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގެމަނަފުށި ދާއިރާގެ މެންބަރު އަހްމަދު ސައީދެވެ.

މިއަދު ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ، ކޮމެޓީ މަރުހަލާގައި ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ފަހުއެވެ. އެގޮތުން ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގައި ހަމަހަމަ ކަމާއި، މެދުކެނޑުމެއްނެތި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަކީ ހިދުމަތްދޭފަރާތުގެ ޒިންމާއެއްކަމަށް ވަނީ ބަޔާންކޮށްފައެވެ.

އަދި އެ ޒިންމާތަކުގެ ތެރޭގައި ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށް ދޫކުރާ ތަންތަނުގައި ފުރަތަމަ ފަހަރު ފެނާއި ނަރުދަމާގެ ހޮޅި ގުޅައިދޭންވާނީ އަގު ނެގުމަކާ ނުލައި ކަމަށް ބުނެފައިވެއެވެ.

އަދި ފެނާއި ނަރުދަމާގެ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް، މައްސަލައެއް ކުރިމަތިވިޔަ ނުދިނުމަށް ބޭނުންވާ ސާމާނާއި ތަކެތި ފަސޭހައިން ލިބޭނެ ގޮތަކަށް ބަހައްޓައި، މައްސަލައެއް ދިމާވެއްޖެނަމަ، ވީހާވެސް އަވަހަކަށް މައްސަލަ ހައްލުކޮށް ދޭންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެއިތުރުން، ހިދުމަތްދޭ ފަރާތްތަކަށް ލިބިފައިވާ ބާރުތައް ތަންފީޒު ކުރުމުގައި ހިދުމަތްދޭ ސަރަހައްދުގައި ދިރިއުޅޭ ނިކަމެތިންނަށް ފެނާއި ނަރުދަމާގެ ހިދުމަތް ގުޅައިދިނުމާއި، ފެނާއި ނަރުދަމާގެ ހިދުމަތް ސަސްޕެންޑްކުރުން ނުވަތަ ކަނޑާލުންފަދަ ފިޔަވަޅުތައް އެޅުމުގައި ލުއިގޮތްތަކެއް އިންތިޒާމްކުރަންވާނެކަމަށް ބުނެފައިވެއެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ