ވާހަކަ: ހަޔާތުގެ ކުލަތައް (9)

ކުރީ ބައި: ހަޔާތުގެ ކުލަތައް (8)

ދޮރު ހުޅުވާލިއިރު ދޮރު ކުރިމަތީގައި ހުރީ ޒުހުރާގެ މަންމަ އަމީނާ އެވެ. “ދަރިފުޅާ!. ދާނިޝް ގުޅާފައި ބުނި ދަރިފުޅު ވަރަށް ބަލިވެ އުޅޭ ވާހަކަ. އޭނާ އަވަހަށް އަންނާށޭ ބުނީމަ މިއައީ.” އަމީނާ އޭނާގެ ދަރިފުޅު ފެނިފައި އޮޅުލައިގަތެވެ. އެތައް ދުވަހެއް ފަހުން މަންމައާއި ދިމާވުމުން ޒުހުރާއަށް ވަރަށް ބޮޑަށް ރޮވުނެވެ. ޒުހުރާ އެންމެ ހިތުގައި ޖެހުނީ އޭނާ ހުރި މަޖުބޫރީ ހާލަތު ހިތަށް އަރާފައެވެ. އޭނާއަށް އޭނާގެ ދިރިއުޅުމުގެ ހަގީގަތް މަންމައަށް ކިޔައިދެވޭކަށް ނެތެވެ. ޒުހުރާ ހިތުގައި ޖެހިގެން ރުޔެވެ. “ދަރިފުޅު އަސްލުވެސް ބަލީތަ؟. ތި ނުރޮއެ ހުއްޓާލަބަލަ!.” އަމީނާ ޒުހުރާ ގޮވައިގެން ގޭތެރެއަށް ވަންނަމުން އޭނާއާއި ސުވާލުކުރިއެވެ. އޭރު ދާނިޝް ހުރީ ޒާތަކަށް ޒުހުރާއާއި ދިމާއަށް ބަލަހައްޓައިގެންނެވެ.

 

“އަހަރެން. އަހަރެން.” ޒުހުރާއަށް ރޮވޭ ވަރުން ވާހަކަ ދެއްކޭގޮތެއް ނުވިއެވެ. “އަމީނައްތާ، ޒުހުރާ ވަރަށް ބަލި. ބަނޑުގައި ރިއްސާތީ އުޅޭތާ މިހާރު ދެ ހަފްތާ ވެއްޖެ. ރަނގަޅަށް އެއްޗެއް ކަނީއެއް ނޫން. އަބަދު ކިޔަނީ މަންމަ ގެނެސްދޭށޭ. ކޮލެޖަކަށްވެސް ނުދެވޭ. އެހެންވެ އަހަރެންގެ ހިތަށް ކެތްނުވީމަ އަމީނާއްތަ މި ގެނައީ.” ދާނިޝް، ޒުހުރާ ކައިރީ އިށީންނަމުން ވާހަކަ ދެއްކިއެވެ. އެވަގުތު ދާނިޝް ޒުހުރާގެ ބޮލުގައި ފިރުމާލިއެވެ. އަދި ޒުހުރާއާއި ދިމާލަށް އިންޒާރުގެ ނަޒަރަކުން ބަލާލިއެވެ. އަތީކް ސޯފާގައި އެއްވެސް އެއްޗެކޭ ނުބުނެ އިށީންދެގެން އިނެވެ. ޒުހުރާ، ދާނިޝް ދެއްކި ވާހަކަތަކަކީ ހަގީގަތެއް ކަމަށް ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. އަނެއްކާވެސް އަމީނާ ގައިގައި އޮޅުލައިގަތެވެ.

ދެމައިން ހިތްފުރޭ ވަރަށް ރޯލިއެވެ. އަމީނާ އޭނާގެ ދަރިފުޅަށް ނުރުއިމަށް ހިތްވަރު ދިނެވެ. އަދި ޑޮކްޓަރަށް ދައްކާ ރަނގަޅު ފަރުވާ ހޯދުމަށް ނަސޭހަތްތެރިވިއެވެ. ޒުހުރާ އޭނާގެ މަންމަ ގޮވައިގެން ކޮޓަރިއަށް ހިނގައިގަތެވެ. އަމީނާ ފެންވަރަން ވަނުމާއެކު، ޒުހުރާ ކޮޓަރިން ބޭރަށް ނިކުތެވެ. އެދިޔަ ގޮތަށް ގޮސް ދާނިޝްގެ ކޮޓަރީގެ ދޮރުގައި ޓަކި ޖެހިއެވެ. ދޮރު ހުޅުވުމާއެކު، އޭނާ ދުމެއް ޖަހާފައި އެ ކޮޓަރި ތެރެއަށް ވަނެވެ. އޭރު ދާނިޝް އޮތީ އެނދުމަތީގައި ހަމަޖެހިލައިގެން އޮށޯވެގެންނެވެ. “މީ ކޮންކަމެއް؟.” ޒުހުރާގެ އެ ސުވާލަށް ދާނިޝް ޖަވާބެއް ނުދިނެވެ. “އަހަރެން މި އަހަނީ މީ ކޮންކަމެއް ހެއްޔޭ!.” ޒުހުރާގެ އަޑު މިފަހަރު ތަންކޮޅެއް ގަދަވިއެވެ.

“ޝޫޝް. ތި ތަންކޮޅެއް މަޑުން ވާހަކަ ދައްކަބަލަ!.” ދާނިޝް އެނދުން ފުންމައިގެން ތެދުވިއެވެ. އެހިނދު ޒުހުރާ ބިރުން އެނދުމަތީގައި އިށީނެވެ. “ކަލެއަށް ކަލޭގެ ފެންވަރު އޮޅޭތީ މި ދަރަޖައަށް ދާންޖެހުނީ. ދެން ބާރަށް އެންމެ ބަހެއް ބުނެފިއްޔާވެސް، ނޫނީ އަހަރެމެން ބުނާ ކަންކަމަށް ދެކޮޅު ހަދާފިއްޔާ، ހަނދާންކުރާތި!. ކަލެއަށް ކަލޭގެ މަންމަ ނުދައްކާނަން. ކަލޭގެ މަންމައަކީ އަހަރެމެން ކަލެއާ ދެކޮޅަށް ގެންގުޅެން ގެނައި ހަތިޔާރެއް.” ދާނިޝްގެ ވިހަ ޖުމްލަތައް އަޑުއިވިފައި ޒުހުރާއަށް ރުއިން ނޫން އިތުރު ކަމެއް ނުކުރެވުނެވެ. ޒުހުރާއަށް ޖެހުނީ ހަތިޔާރު ބަހައްޓަންށެވެ. އޭނާ އިންތަނުން ތެދުވެ ދާނިޝްގެ ފައިބުޑަށް ވެއްޓުނެވެ. “ހެޔޮނުވާނެ. އަހަރެންގެ މަންމައަށް ގޮތެއް ނުހަދައްޗޭ. އާދޭސްކޮށްފަ ބުނަން. އަހަރެން. އަހަރެން ތިމީހުން ބުނާ ހުރިހާ ކަމެއް ކުރާނަން. ޕްލީޒް ދާނިޝް!.” ޒުހުރާ އޭނާގެ ފައިބުޑަށް ވެއްޓި ރޮއެ އާދޭސް ކުރަން ފެށިއެވެ.

އެވަގުތު ދާނިޝް ޒުހުރާގެ ކޮޑުގައި ހިފައި މަޑުމަޑުން ބިންމަތިން އޭނާ ނެގިއެވެ. “ޒުހޫ!. އަހަރެންވެސް މި ލެވެލްއަށް ކަންކަން ގެންދާކަށް ބޭނުމެއް ނޫނޭ. ޒުހޫ މާބޮޑަށް ގަދަ ދައްކާތީ މިހެން ކަންކަން ކުރަން މި ޖެހުނީ. ދެންވެސް ބުނާ ބަސްއަހައިގެން، ބަސްމަދުކޮށްގެން އުޅެބަލަ. ޒުހޫގެ މަންމަ ސަލާމަތް ކުރުން އޮތީ ޒުހޫގެ އަތް މަތީގަ. ދެން މިތަނުން ދޭ.” ދާނިޝް ދިނީ އޭނާގެ އެންމެ ފަހުގެ އިންޒާރެވެ. އެ އިންޒާރާއެކު ދެލޯ ފޮހެލަމުން ޒުހުރާ އެތަނުން ނިކުތެވެ. އޭނާ އޭނާގެ ކޮޓަރިއަށް ދިޔައިރު މަންމަ ހުރީ ނަމާދުކުރަންށެވެ. އަމީނާ ނަމާދުކޮށް ނިމުމާއެކު، އެނދުމަތީގައި ދެފައި ވަށްކޮށްގެން އިން ޒުހުރާއާއި ދިމާލަށް އައެވެ. “މަންމަ މިއަދު ވަރަށް އުފާވެސް ވޭ. ދެރަވެސްވޭ. އުފާވަނީ ދާނިޝް ކަހަލަ ރަނގަޅު ކުއްޖެއް ދަރިފުޅަށް ލިބުނީމަ. މި ޒަމާނުގެ ކާކު މިވަރުގެ ކަމެއް ކޮށްދޭނީ. މި ގެ ފެނިފައިވެސް މަންމަ ހައިރާން ވެއްޖެ. ދަރިފުޅުގެ ބައްޕަ އަދިވެސް ހުރީ ހަމަ އެގޮތުގަ. މިފަހަރު މާލެވެސް މިއައީ ވަރިކުރިއަސް ހެވޭ ބުނެފަ.” އަމިނާގެ ލޮލުން ކަރުނަ ހިލުނެވެ.

ޒުހުރާ، އޭނާގެ މަންމަގެ ވާހަކަތައް އަޑުއިވުމުން އިތުރަށް މާޔޫސްވިއެވެ. ލަދުގަތެވެ. މަންމަ އޭނާއަށްޓަކައި އެވަރުގެ ގުރުބާނީއެއް ވަމުން އަންނަ ހިނދު އޭނާ މިއަދު މިވަނީ ބައެއްގެ ކެހިވެރި ކަމުގެ ދަލުގައި ހަމަ ރަނގަޅަށްވެސް ޖެހިފައެވެ. އޭނާއަށް މިއަދު އޭނާ ހުރި ހާލަތު ކިޔައިދެވޭކަށް ވެސް ނެތެވެ. އޮތީ އެންމެ ދެގޮތެކެވެ. އެއްގޮތަކީ އެމީހުންގެ ބަސް ގަބޫލުކޮށްގެން ހަނުހުރުމެވެ. އަނެއް ގޮތަކީ މިކަމުން ސަލާމަތްވުމަށް މަގެއް ހޯދުމެވެ. ނަމަވެސް އެއީ އަމިއްލަ ފުރާނައާއި، ލޯބިވާ މަންމަގެ ފުރާނަ އަތްމައްޗަށް ލައިގެން ކުރަންޖެހޭ ވަރުގެ ކަމެކެވެ. މަންމަ ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު ހީވިއަސް ޒުހުރާގެ މުޅި ގައިން ހީބިހި ނަގައެވެ. ނަތާޝާގެ މަރުގެ މައްސަލަވެސް ކުރިއަށް ނުގޮސް ވަކި ހިސާބަކުން މައްސަލަ އޮއްބާލީއެވެ. އެހިސާބުންވެސް އެމީހުންގެ ނުފޫޒުގަދަކަން ހާމަވެގެން ދެއެވެ. ޒުހުރާއަށް އޭނާގެ މަންމަގެ ފުރާނަ ނެތް މަސްގަނޑު ބަލާކަށް ކެތެއްނުވާނެއެވެ.
އެރޭ ނިދަން އުޅެއުޅެ ޒުހުރާއަށް ނިދޭގޮތެއް ނުވިއެވެ. އިރުއިރުކޮޅާ އޭނާގެ މަންމަ އޭނާގެ ކައިރީގައި އޮތްތޯ ބަލާލެވެއެވެ. ޒުހުރާއަށް ނުނިދުމާއެކު، ތެދުވެ ދެރަކުއަތުގެ ނަމާދެއް ކުރިއެވެ. ﷲގެ ހަޒުރަތުގައި ދެންނެވިއެވެ. ޒުހުރާގެ ހުރިހާ އުދާސްތަކެއް ބަންޑުންކޮށްލިއެވެ. އަދި އެ އަދިރި ދިރިއުޅުމުން ސަލާމަތްވާނެ ގޮތެއް ދައްކަވައިދެއްވާތޯ ދުއާކުރިއެވެ.

އެރޭ ފާއިތުވެގެން ދިޔައީ ނުތަނަވަސްކަމުގެ ތެރޭގައެވެ. ޒުހުރާއަށް ލޮލުފިއެއް ޖެހޭ ވަރުވީ ފަތިސް ނަމާދުކޮށްގެންނެވެ. އޭނާއަށް ދެން ހޭލެވުނީ މެންދުރެއްހާ އިރުއެވެ. އޭރު ޒުހުރާގެ މަންމަ އިނީ ސޯފާގައި ޓީވީ ބަލަންށެވެ. ކައިރީގައި ދާނިޝްވެސް އިނެވެ. ޒުހުރާ މަޑު ހިގުމެއްގައި ގޮސް ބަދިގެއަށް ވަނެވެ. އަދި ކޮފީތަށްޓެއް ގިރައިގެން ބަދިގެ މޭޒު ކައިރީ އޭނާ އިށީނެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ސޯފާގައި އިށީންދެގެން ތިބި ދާނިޝްއާއި އޭނާގެ މަންމައަށެވެ. ޒުހުރާ ވިސްނަމުން ދިޔައީ މިކަމުން ސަލާމަތްވުމަށް އޭނާ މަގު ކޮށާނެ ގޮތަކާއި މެދުގައެވެ. ޒުހުރާ އެކަން ކުރަން ޖެހޭނީ ވަރަށް ހުޝިޔާރުވެ ހުރެގެންނެވެ. އެކަން ކުރުމުގެ ކުރިން އޭނާ އެންމެ ފުރަތަމަ ދެނެގަންނަން ޖެހޭނީ އަތީކްގެ ހަގީގަތެވެ. ހަމަ ޔަގީނުންވެސް މިކަމުގައި އެންމެ އިސް ދައުރެއް އަދާކުރާ މީހަކީ އަތީކެވެ. ޒުހުރާ އެކަމުން ސަލާމަތްވުމަށް އަޒުމް ކަޑައެޅިއެވެ.

އެރޭ އޭނާގެ މަންމަ ނިދުމާއެކު، އޭނާ ސިޓިންރޫމަށް ނިކުތެވެ. އަދި ސިއްރުސިއްރުން ދާނިޝްގެ ކޮޓަރިގެ ތަޅުގައި ހިފާލިއެވެ. އަދި ދާނިޝް ކޮޓަރީގައި އުޅޭތޯ ޗެކުކޮށްލިއެވެ. ދާނިޝް ކޮޓަރީގައި ނެތުމާއެކު އޭނާ މިސްރާބު ޖެހީ އަތީކްގެ ކޮޓަރިއާ ދިމާލަށެވެ. ކޮޓަރި ހުރީ ތަޅުލާފައެވެ. ޒުހުރާ މަޑުމަޑުން އެ ކޮޓަރީގެ ދޮރުގައި ޓަކި ޖެހިއެވެ. ދެތިން ފަހަރަކު ޓަކި ޖެހުމާއެކު އަތީކް ދޮރު ހުޅުވިއެވެ. ޒުހުރާ ފެނިފައި އަތީކް ހުރީ ބަސް ހުއްޓިފައެވެ. ސަބަބަކީ އެއީ އެހެންޏާ ދުވަހަކުވެސް ވީ ކަމަކަށް ނުވާތީއެވެ. “އެތެރެއަށް ވަދެލަންތަ؟.” ޒުހުރާ މަޑުމަޑުން އޭނާއާއި ސުވާލުކުރިއެވެ. އަތީކް ޝައްކުގެ ނަޒަރަކުން ޒުހުރާއާއި ދިމާލަށް ބަލާލިއެވެ. އިރުކޮޅެއް ވަންދެން ބަލަންހުރެފައި އޭނާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.

އަތީކުގެ އިޒުނައާއެކު، ޒުހުރާ އޭނާގެ ކޮޓަރިއަށް ވަނެވެ. “ކިހިނެއްވީ؟.” އަތީކް އަވަސް އަވަހަށް އެނދުމަތީގައި ހުރި އޭނާގެ ލެޕްޓޮޕް ފޮރުވަމުން ޒުހުރާއާއި ވާހަކަދެއްކިއެވެ. އޭނާގެ ހަރަކާތްތައް ހުރިގޮތް ފެނިފައި، އެނާގެ ލެޕްޓޮޕުގައި ސިއްރުކުރެވިފައިވާ ބައިވަރު ތަކެތި ހުރެދާނެހެން ޒުހުރާއަށް ހީވިއެވެ. ޒުހުރާގެ ބޭނުމަކީ އަތީކް ވާ ވައްދާލުމެވެ. އަތީކް ކުރި ސުވާލަށް ޖަވާބު ދިނުމެއް ނެތި، ޒުހުރާ ދުވެފައި ގޮސް އަތީކްގެ ގައިގައި އޮޅުލައިގަތެވެ. އެހިނދު އަތީކް ހުއްޓުން އެރިއެވެ. “އަހަރެންނަށް އަސްލު އަތީކް ވަރަށް ކަމުދޭ.” ޒުހުރާ ހިތާއި ދެކޮޅަށް އަތީކުގެ ގައިގައި އޮޅުލަންފެށިއެވެ. އަތީކަށް ކެތެއް ނުކުރެވުނެވެ.

އޭނާވެސް ޒުހުރާގެ ގައިގައި އޮޅުލައިގަތެވެ. އަދި ދެމީހުން އެނދުމައްޗަށް ވެއްޓިގަތެވެ. އަތީކް ފެންބޮވައިގަނެފައިވާ ސިންގާއެއް ފަދައިން ޒުހުރާ ގައި މައްޗަށް ފުންމާލިއެވެ. އިރުކޮޅަކުން ދެމީހުންގެ ފޭރާން ބޭލި، އެދެމުދުގައި ހުރިހާ ކަމެއް ހިގިއެވެ. ވީ އަރާމެއްގެ ސަބަބުން އަތީކަށް ނިދުނު އިރުވެސް ޒުހުރާ އޮތީ އޭނާގެ ކައިރީގައެވެ. އަތީކު ފުން ނިންޖަކުން ނިދުމާއެކު، ޒުހުރާ އެނދުން ތެދުވިއެވެ. އަދި ވަރަށް ސިއްރުސިއްރުން ތެދުވެ، މޭޒުމަތީގައި ބައިންދާފައި އިން ލެޕްޓޮޕާއި ދިމާލަށް ހިނގައިގަތެވެ.

ލެޕްޓޮޕް ނަގައި މަޑުމަޑުން އޭތި ހުޅުވާލިއެވެ. އޭގައި ޕާސްވޮޑެއް ޖަހަން އިނެވެ. ޒުހުރާ ވަރަށް ވިސްނަން ހުރެފައި އަތީކްގެ ނަން ޖެހިއެވެ. ޒުހުރާގެ ނަސީބު އަތުގައި ހިފިއެވެ. އެހާ ފަސޭހަ ޕާސްވޯޑެއް ޖަހާފައި އިދެދާނެ ކަމަކަށް އޭނާ ހީވެސް ނުކުރެއެވެ. ޒުހުރާ އަނެއްކާވެސް އަތީކާއި ދިމާއަށް ބަލާލިއެވެ. އޭރުވެސް އޭނާ އޮތީ ގަދަ ނިދީގައި ނިދާފައެވެ. ލެޕްޓޮޕް ހުޅުވާލުމާއެކު ފުރަތަމަ ވެސް ފެނުނީ ޑެސްޓޮޕުގައި ސޭވްކޮށްފައި ހުރި ޑޮކިއުމަންޓު ތަކެކެވެ. ޑޮކިއުމަންޓުތައް ހުޅުވައިގެން ކިޔަމުން ދިޔަ ވަރަކަށް ޒުހުރާގެ މޭ ބޮޑުވިއެވެ. މީހާ ބިރުން ތުރުތުރު އަޅަން ފެށިއެވެ. އަދި ވަގުތުން ލެޕްޓޮޕު ނިވާލާފައި އެއާއި ދުރަށް ޖެހިލިއެވެ.

ލިންކް: މިވާހަކައިގެ ހުރިހާ އެޕިސޯޑެއް ކިޔާލާ!

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ

One Response

  1. ލަނޑެއް ނުދެއްޗޭ ޒުހުރާއަށް. ވާހަކަ ވަރަށް ރީތި،

Comments are closed.