ހިޔާނާތް ފޮރުވަން ބައެއް މައުލޫމާތުތައް ގެއްލުވާލާފައި އެބަހުރި: ކޮމިޝަން

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ޓޫރިސްޓް ރިސޯޓް ތަރައްގީކުރުމަށް ރަށްތަކާއި ފަޅުތައް ދިނުމުގައި ހިޔާނާތްތެރިވި މައްސަލައާ ގުޅޭ ލިޔެކިޔުންތައް ނުވަތަ މައުލޫމާތުތަކެއް ފޮރުވަން މަސައްކަތް ކޮށްފައި ހުރި ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފި އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން މިއަދު އާންމު ކުރި މައުލޫމާތަށް ބަލާއިރު ހިޔާނާތުގެ ފައިސާގައި ޖެހުނު މީހުންގެ އަދަދު މިހާތަނަށް ވަނީ 300 އަށް އަރާފަ އެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވީ ހިޔާނާތުގެ މައްސަލަތަކާ ގުޅޭ މައުލޫމާތު ގެއްލުވާލާފައި ހުރި ކަމަށް ޝައްކުކުރެވޭ ހާލަތްތަކެއް އެބަހުރި ކަމަށެވެ.

އަސްއަދުގެ ވާހަކަފުޅުން ފާހަގަވީ ޓުއަރިޒަމް މިނިސްޓްރީގައި މަސައްކަތް ކުރި ސިވިލް ސާވިސް މުަވއްޒަފުންތަކެއްގެ ބައިވެރިވުން މައުލޫމާތު ގެއްލުވާ ލުމުގައި އޮތް ކަމެވެ.

“ސިވިލް ސާވިސް ސިވިލް ސާވިސްގެ ގޮތުގައި އޮޕަރޭޓް ކުރަން އެބަޖެހޭ. ޓުއަރިޒަމް މިނިސްޓްރީ ތެރޭގައި ހުންނަން ޖެހޭ ލިޔެކިޔުންތަކެއް ބެލެހެއްޓުމަކީ މިނިސްޓަރުގެ ޒިންމާއެއް އެކަންޏެއް ނޫން. އެއީ އެތަނުގެ ސިވިލް ސާވިސް ކުރަން ޖެހޭ ކަމެއް،” އައްސަދު ވިދާޅުވި އެވެ.

އައްސަދު ވިދާޅުވީ ލިޔެކިޔުންތައް ބެލެހެއްޓުމަކީ ނުވާ ކަމެއް ކަމަށް ވާނަމަ ސިވިލް ސާވިސް ކޮމިޝަނަށްވެސް އެކަން ހުށަހަޅަން ޖެހޭ ކަމަށެވެ. ބާރު ވަކިކުރުމަކީ ހަމައެކަނި މަޖިލީހާ ޖުޑިޝަރީއާ ވަކިކުރުމެއް ނޫން ކަމަށް އައްސަދު ވިދާޅުވި އެވެ.

މިނިސްޓަރަކަށް ސިޓީ ލިޔުއްވާފައި ފައިލް ކުރައްވާފައި ފައިލްތައް ނައްތާނުލެއްވޭނެ ކަމަށް އަސްއަދު ވިދާޅުވި އެވެ.

“އަޅުގަނޑުމެން އެކަންޏެއް ނޫން. އޭސީސީގެ ތަހުގީގުގެ ތެރޭގައިވެސް ބައެއް ޑޮކިއުމެންޓްސް ގެނެސްފައި ހުރީ އަމިއްލަ ފަރާތްތަކުން. ސަރުކާރުގެ އިދާރާތަކުގެ ތެރެއިން އެކަންތައްތައް ނުފެނިގެން،” އަސްއަދު ވިދާޅުވި އެވެ.

ރަށްތަކާއި ފަޅުތައް ދީފައި ހުރީ މުޅިން ވެސް ނުއަގުގައި ކަމަށް އައްސަދު މިއަދު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން، ނުއަގުގައި ވިއްކާފައިވާ އެއްޗެއްގެ ހަމަ އަގުން ބަލައިގެން ހިޔާނާތުން، ގެއްލިފައިވާ ފައިސާގެ އަދަދު އޮޑިޓަރެއް ލައްވާ ހިސާބުކުރި އިރު، 3.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބެން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަސްއަދު ވިދާޅުވީ ފަޅުތަކުގެ އަގުތައް ހިމަނަން އުނދަގޫވީ، ފަޅުތައް އަގުކުރާނެ އުސޫލެއް ނެތުމުން ކަމަށެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ