17.8 މިލިއަން ރުފިޔާގެ މައްސަލަ ލަސްވާތީ ފެނަކައިން ކަންބޮޑުވުން ފާޅުކޮށްފި

ފެނަކަ ކޯޕަރޭޝަނުގެ ބޭނުމަށް ގިނަ އަދަދެއްގެ ޑޮލަރު ގަންނަން ޝަރޫ ލޯންޗް ސާވިސް ކުންފުންޏަށް އެޑްވާންސްކޮށް ފައިސާ ދިނުމަށްފަހު ބަދަލުގައި ޑޮލަރު ނުލިބިގެން ކޯޓަށް ހުށަހެޅި މައްސަލަ ނުނިމި ލަސްވާތީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މި މުއާމަލާތުގައި ފެނަކައިގެ ބޭނުމަށް 1.15 މިލިއަން ޑޮލަރު ގަތުމަށްޓަކައި 17.8 މިލިއަން ރުފިޔާ ޝަރޫ ކުންފުންޏަށް އެޑްވާންސްކޮށް ވަނީ ދީފަ އެވެ.

މި މުއާމަލާތް ހިނގީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގަ އެވެ.

ފެނަކައިގެ އެމްޑީގެ މަގާމުގައި މިހާރު ހުންނެވި އަހްމަދު ސައީދު ވިދާޅުވީ ފެނަކައިން ދިން ޑޮލަރުގެ ބަދަލުގައި ފައިސާ ދިނުމަށް ޝަރޫ ކުންފުނިން ދިނީ ބައުންސް ޗެކެއް ކަމަށެވެ.

“ފެނަކައިން ދިން ޑޮލަރު ޗެކަށް އެފަރާތުން [ޝަރޫ ލޯންޗް ސާވިސް] ބައުންސް ޗެކެއް ދިނުމުން ބޭންކުން ފައިސާ ނުނެގުނީ،” ސައީދު ވިދާޅުވި އެވެ.

ފެނަކައިން ދިން ފައިސާއަށް ވާ ޑޮލަރު ނުލިބުމުން އޭރު އެ ކުންފުނިން އެ މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށެވެ. އަދި ފެނަކައިން އެޑްވާންސްކޮށް ދިން ފައިސާ އަނބުރާ ދެއްކުމަށް ޝަރޫ ކުންފުނީގެ މައްޗަށް 2017 ވަނަ އަހަރުގެ އޮގަސްޓް 22 ވަނަ ދުވަހު ސިވިލް ކޯޓުން ހުކުމް ކުރި އެވެ.

“22 އޮގަސްޓް 2017އިން ފެށިގެން މީލާދީ ހަތަރު މަސް ދުވަހުގެ ތެރޭގައި 17،857،979.10 (ސަތާރަ މިލިއަން އަށްސަތޭކަ ފަންސާސް ހަތް ހާސް ނުވަ ސަތޭކަ ހަތްދިހަ ނުވަ ރުފިޔާ ދިހަ ލާރި) ދައްކާ ހަލާސްކުރުމަށް ޝަރޫ ލޯންޗް ސާވިސްގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވޭ،” ސައީދު ވިދާޅުވިއެވެ.

އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން އަމުރުކުރީ ޝަރޫ ކުންފުނީގެ އިތުރުން އެ ކުންފުނީގެ ހިއްސާދާރުން ކަމަށްވާ މުހައްމަދު މުސްތާގު، ޝަރުމީލާ ޒުބައިރު އަދި ސަބާހު އަހްމަދުގެ މައްޗަށެވެ.

ދެން ޝަރޫ ކުންފުނިން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފުރަތަމަ ހައިކޯޓުގައި ބޭއްވީ 2019 ޖުލައި 23 ވަނަ ދުވަހުގަ އެވެ. އޭގެ ފަހުން އިސްތިއުނާފުގެ މަރުހަލާ އަވަސްކޮށްދިނުމަށް އެދި 2019 ވަނަ އަހަރު ތިން ފަހަރެއްގެ މަތިން (މެއި 30، ހަތަރެއް ސެޕްޓެމްބަރު އަދި 12 ނޮވެމްބަރު) ފެނަކައިން އެ ކޯޓަށް ސިޓީ ފޮނުވާފައިވާނެ ކަމަށް ވެސް އެމްޑީ ސައީދު ވިދާޅުވިއެވެ.

އެ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުގަ އެވެ. އެ އަޑުއެހުމުގައި ޝަރޫ ކުންފުނީގެ ޑިރެކްޓަރުން ހާޒިރުކޮށް، ފެނަކައިން ދިން ފައިސާ ބޭނުންކުރީ ކޮން ކަމަކަށްތޯ ސާފުކޮށް، ފަނޑިޔާރުން ބޭނުންވާ އެންމެހައި މައުލޫމާތު ވެސް ވަނީ ހޯދާފަ އެވެ. އަދި އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ މައްސަލައިގެ ނިންމުން ކަމަށް އިއުލާނު ކުރި ނަމަވެސް އޭގެ ފަހުން އަޑުއެހުމެއް ބާއްވާފައި ނުވެ އެވެ.

އެ މައްސަލައާ ގުޅިގެން ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިއެވެ. ނަމަވެސް ކުރީގެ ޕީޖީ ބިޝާމް ވަނީ ދައުވާ ނުކުރަން ނިންމައި މައްސަލަ އަނބުރާ އެ ކޮމިޝަނަށް ފޮނުވާލައްވާފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ