ބޮޑުފިނޮޅު 179 ބިދޭސީންނަށް މުސާރަ ދިނުމަށް އަންގައިފި

ބ. ބޮޑުފިނޮޅުގައި ހަޅުތާލު ހިންގިއިރު 179 ބިދޭސީންނަށް ނުދެވި ހުރި މުސާރަ ދީ ނިންމުމަށްފަހު މި މަހުގެ 30ގެ ކުރީން ލިޔުން ހިއްސާކުރުމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީއިން އަންގައިފި އެވެ.

މުސާރަ ނުލިބި އެތައް މަހެއް ތިބެން ޖެހުމުގެ ސަބަބުން އެރަށުގައި ތިބި ބިދޭސީންތަކެއް ވަނީ މި މަހުގެ ތިންވަނަ ދުވަހު މުޒާހަރާކޮށް އެރަށުގައި ތިބި ދިވެހީން ރަހީނުކޮށްފައެވެ.

އެކަމާ ގުޅިގެން ލޭބާ ރިލޭޝަންސް އިން އާރު އައި އެކްސް ޕްރައިވެޓް ލިމިޓެޑަށާއި ސީލް މޯލްޑިވްސް އަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ބޮޑުފިނޮޅުގައި މަސައްކަތްކުރި ބިދޭސީންތަކެއް މުސާރަ ނުލިބިގެން ކުރި މުޒާހަރާއަކާ ގުޅިގެން އެ އޮތޯރިޓީއިން ވަނީ ހާއްސަ އިސްކަމެއް ދީގެން މައްސަލަ ބަލަމުން ގެންގޮސްފައި ކަމަށެވެ.

އެގޮތުން އޮތޯރިޓީގެ ދެ އޮފިސަރަކު މި މަހުގެ ހަތަރުވަނަ ދުވަހު ވަނީ އެރަށަށް ގޮސް ބިދޭސީންގެ މުސާރައާ ގުޅޭގޮތުން މަޝްވަރާކޮށްފައި ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

ލޭބާ ރިލޭޝަންްސް އިން ބުނެފައިވަނީ އެރަށުގައި ތިބި އާރު އައި އެކްސް އަދި ބޮޑުފިނޮޅު ހޮޓެލް އެންޑް ރިސޯޓު ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުން ފިޔަވާ ދެން ތިބި ބިދޭސީންނަކީ އެކި އެކި ކުންފުނިތަކުގެ ނަމުގައި ރާއްޖެ އަށް ވަޒީފާއަށް އައިސް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީން ކަމަށެވެ. ހަޅުތާލު ހިންގިިއިރު ބޮޑުފިނޮޅުގައި ތިބި ހުރިހާ ބިދޭސީންވެސް ބުނެފައިވަނީ އެމީހުންނަށް ވަޒީފާ ދީގެން ގެންގުޅެނީ އާރު އައި އެކްސް އިން ކަމަށް އެ އޮތޯރިޓީއިން ބުނެއެވެ.

އަދި މުވައްޒަފުންގެ މަސައްކަތް ކަނޑައެޅުމާއި އެ މުވައްޒަފުންނަށް މުސާރަ ކަނޑައަޅަނީ އާރު އައި އެކްސް އިން ކަމަށް އެކުންފުނީގެ ވަކީލު މައުލޫމާތު ދީފައިވާ ކަމަށް ލޭބާ ރިލޭޝަންސް އިން ބުންޏެވެ.

އާރު އައި އެކްސް އާއި ސީލް މޯލްޑިވްސްގެ މެދުގައި ބަދަލުކޮށްފައިވާ ލިޔުންތަކަށް ބަލާއިރު ބޮޑުފިނޮޅުގައި ތިބި ބިދޭސީންނަކީ އާރު އައި އެކްސް އިން މުސާރަ ދެމުން ދިޔަ ބިދޭސީން ކަމަށް ބުނެފައިވެއެވެ.

ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީކުރުމަށް ސީލް މޯލްޑިވްސް އަށް ލިބުނު ޕްރޮޖެކްޓް ކޮންޓްރެކްޓަރުގެ ހައިސިއްޔަތުން މަސައްކަތް ކުރުމަށް ހަވާލުވެފައިވަނީ އާރު އައި އެކްސް އިންނެވެ. ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމަށް ބަލާއިރު ބޮޑުފިނޮޅުގައި ކުރަން ޖެހޭ މަސައްކަތައް ބޭނުންވާ މީހުން ހަމަޖެއްސުމާއި އެމީހުންނަށް މުސާރަ ދިނުމާއި ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަކީ އާރު އައި އެކްސް އިން ކުރަން ޖެހޭ ކަމެއް ކަމަށް އެ އޮތޯރިޓީއިން ބުނެފައިވެއެވެ.

އެހެންކަމުން މި މަހުގެ 30ގެ ކުރީން މުވައްޒަފުންނަށް މުސާރަ ދިނުމަށްފަހު ލިޔުން ހަވާލު ނުކުރެވިއްޖެނަމަ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ލޭބާ ރިލޭޝަންސް އިން ވަނީ ބުނެފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ