ފަޅުތެރޭގައި މަސް ކަނޑާ، ވިއްކާ ދޯނިތަކަށް ފިޔަވަޅު އަޅަނީ

މާލޭ ފަޅުތެރޭގައި ދޯނި އަޅައިގެން، މަސްކަނޑާ އަދި ވިއްކާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެކަމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

ސިޓީ ކައުންސިލުން އިއްޔެ ނެރުނު އެންގުމެއްގައި ބުނެފައި ވަނީ ފަހަކަށް އައިސް މާލޭ އުތުރުފަރާތު މަސްމާރުކޭޓް ކުރިމަތިން، މަސްވެރިކަން ކުރާ އުޅަނދުފަހަރު ލަފާ ފުރުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުގެ ފަޅަށް ވަންނަ ބައެއް އުޅަނދުފަހަރު ފަޅުތެރޭގައި އޮވެގެން އެއުޅަނދުފަހަރުގައި މަސްކަނޑާ އެސަރަހައްދުގެ މޫދުން ލޮނުނަގާ މަސްދޮވުމަށްފަހު އުޅަނދުގައި ބަހައްޓައިގެން އާންމު ފަރާތްތަކަށް މަސްވިއްކަމުން ގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އަދި އެސަރަހައްދުގެ ފަޅުތެރޭގައި އަޅާފައި ހުންނަ ބައެއް އުޅަނދުފަހަރުން ފަޅުތެރެއަށް ތެލާއި، ކުނިބުނީގެ ބާވަތްތައް އެޅުމުގެ ސަބަބުން ފަޅުތެރޭގެ ލޮނުގަނޑު ތަޣައްޔަރުވުމުގެ އިތުރުން ވަރަށް ބޮޑަށް ނަޖިހުގެ އަސަރު ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

އެހެންކަމުން އެސަރަހައްދުގެ ފަޅުތެރެއިން ލޮނުނަގައިގެން މަސްކަނޑާ މަސްދޮވެ ނުހެދުމަށާއި އަދި އެހެން ބޭނުންތަކަށްވެސް އެސަރަހައްދުގެ މޫދުލޮނު ބޭނުން ނުކުރުމަށް އެފަރާތްތަކަށް ތަކުރާރުކޮށް އަންގާފައިވާކަން ވެސް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް އެ އެންގުންތަކާ ހިލާފަށް ބައެއް އުޅަނދުފަހަރު ބަލަހައްޓާ ފަރާތްތަކުން އެފަދަ އުޅަނދުފަހަރުގައި ގަވާއިދާ ހިލާފަށް ގެންގުޅޭ ބިދޭސީ މަސައްކަތު މީހުން ލައްވާ ދޯނީގައި ގިނަ އަދަދަކަށް މަސްކަނޑާ ފަޅުތެރެއިން ލޮނުނަގައިގެން މަސްދޮވެ އާންމުންނަށް ވިއްކަމުން ގެންދާކަމުގެ ޝަކުވާ އަދިވެސް ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ.

އެހެންކަމުން އެފަދަ ފަރާތްތަކާ މެދު ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާ ތަންފީޒުކުރުމަށް ކައުންސިލުން ނިންމާފައިވާކަމަށް އެންގުމުގައިވެއެވެ.

“ވީމާ މީގެފަހުން އެއްވެސް ފަރާތަކުން އެފަދަ ކަންކަން ނުކުރުމަށާ އެކަންކަން ތަކުރާރުކުރާ ފަރާތްތަކާމެދު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އަމަލުކުރަމުންގެންދާ މާލެއާއި ވިލިނގިލީގެ ފަޅު ބެލެހެއްޓުމާ ބެހޭ ގަވާއިދާ އެއްގޮތަށް ޖޫރިމަނާކޮށް ފިޔަވަޅު އަޅަމުން ގެންދާނެކަން އާންމުކޮށް އަންގާ އިއުލާނު ކުރީމެވެ.”

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ