އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި

އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ޔެލޯ އެލާޓު ނެރެފިއެވެ.

މެޓް އޮފީހުން ބުނީ ހއ، ހދ، ށ، ނ، ރ، ބ، އަދި ޅ. އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފައި ވަނީ މިއަދު ހަވީރު 16:30 ން ރޭގަނޑު 20:30 އަށެވެ.

މިއަދު 15:00 ން ފެށިގެން ރޭގަނޑު 19:00 އާ ދެމެދު ރާއްޖޭގެ ހުރިހާ އަތޮޅަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް، މެޓުން ވަނީ ވައިޓް އެލާޓު ވެސް ނެރެފައެވެ.

މެޓުން ލަފާކޮށްފައިވާ ގޮތުގައި ރާއްޖޭގެ ބޮޑުބަޔަކަށް މިއަދު ވިއްސާރަކުރާނެ އެވެ. އަދި ގުގުރުން ވެސް އެކަށީގެންވެއެވެ. މީގެ އިތުރުން އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އުތުރާއި މެދުރާއްޖެތެރެއަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެ ކަމަށް ބެލެވެއެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.

އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެއެވެ.

ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ