އައްޑޫ ސިޓީ، ފުވައްމުލައް އަދި ހއ. އިހަވަންދޫގައި ސަރުކާރުން ތަރައްގީ ކުރި ކޮވިޑް-19 މެނޭޖްމަންޓް ފެސިލިޓީތައް މިރޭ ހުޅުވައިފިއެވެ.
އައްޑޫ ސިޓީ ހިތަދޫގައި ގާއިމް ކުރި ފެސިލިޓީގައި 10 އެނދުގެ އައިސީޔޫއަކާއި، 30 އެނދުގެ އައިސޮލޭޝަން ވާޑެއް ހުރެއެވެ. ފުވައްމުލައް އަދި އިހަވަންދޫ މިއިން ކޮންމެ ފެސިލިޓީއެއްގައި ހުންނަނީ ތިން އެނދެވެ.
މިރޭ ކުރިޔަށް ގެންދިޔަ ވާޗުއަލް ރަސްމިއްޔާތުގައި އައްޑޫ ސިޓީއާއި ފުވައްމުލަައް ސިޓީ އަދި ހއ. އިހަވަންދޫގައި ގާއިމުކޮށްފައިވާ ކޮވިޑް-19 މެނޭޖްމަންޓް ފެސިލިޓީތައް ވަނީ ހުޅުވައިފަ އެވެ.
އެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ހެލްތު މިނިސްޓަރ އަބުދުﷲ އަމީނާއި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރާއި، ހޮސްޕިޓަލްތަކުގެ މެނޭޖަރުންނާއި، އެ ދާއިރާތަކަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަހުގެ 21 ވަނަ ދުވަހު ލ. ގަމާއި ގއ. ވިލިނގިލީގައި ހެދި ކޮވިޑް-19 ފެސިލިޓީވެސް ވަނީ ހުޅުވައިފައެވެ. އަދި މި މަހުގެ 16 ވަަނަ ދުވަހު ށ. ފުނުދޫ އާއި ބ. އޭދަފުށީގައި ގާއިމްކޮށްފައިވާ ކޮވިޑް-19 ފެސިލިޓީވެސް ވަނީ ހުޅުވައިފައެވެ.