އަންނަ އޮގަސްޓް މަހު ގެސްޓްހައުސްތައް ނުހުޅުވަން ސަރުކާރުން ނިންމައިފި އެވެ.
ޓޫރިޒަމް އަލުން ފަށައިގަތުމަށް އެކުލަވާލި ގައިޑްލައިންގައި ކުރިން ނިންމާފައި އޮތީ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތައް އޮގަސްޓް މަހު ހުޅުވާލުމަށެވެ.
އެހެން ނަމަވެސް މިރޭ އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ހއ. އިހަވަންދޫގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، އެ ނިންމުން ރިވިއު ކުރުމަށްފަހު، އަންނަ މަހު ގެސްޓްހައުސްތައް ނުހުޅުވާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކުރިން ވެސް ތަރުތީބު ކުރެވިފައިހުރި ފިޔަވަޅުތައް އަޅުދަމުންދާނެ ކަމަށާއި އާންމު ހަރަކާތްތަކާއި ވިޔަފާރިތަކާއި ދަތުރުފަތުރުކުރުމަށް ބުރޫނާރާނެ ފަދަ ގޮތަކަށް އެ ފިޔަވަޅުތައް އަޅަން ސަރުކާރުން އިސްކަން ދޭނެ ކަމަށެވެ.
“އެހެން ނަމަވެސް މިހާރު މި ބަލި ފެތުރެމުންދާ ނިސްބަތާއި މިހާރުގެ ހާލަތަށް ބަލާފައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނަން. އެގޮތުން ކުރިއަށް އޮތް އޮގަސްޓް މަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ގެސްޓްހައުސްތައް އަދި ނުހުޅުވާ ގޮތަށް އަޅުގަނޑުމެންގެ ވިސްނުން މިހިރީ.” މިނިސްޓަރު އަމީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އޮގަސްޓް މަހުގެ 15 ހިސާބުގައި އަލުން ރިވިއު ކުރުމަށްފަހު ގެސްޓްހައުސްތައް ހުޅުވޭނީ ކޮން ހިސާބެއްގައިކަން ސަރުކާރުން އިއުލާނު ކުރާނެ ކަމަށެވެ.
“މިހާރުގެ ހިސާބުތަކާއި އަދަދުތަކާއި ނުވަތަ މިހާރު ބަލި ފެތުރޭ ނިސްބަތާއި އަތޮޅުތެރޭގައި ބަލީގެ އަލާމާތްތައް ފެންނަމުންދާ ގޮތަށް ބަލާއިރު މިހާރު ލަފާކުރެވެނީ ގެސްޓްހައުތައް ހުޅުވޭނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައި ކަމަށް،” މިނިސްޓަރު އަމީން ވިދާޅުވި އެވެ.
ކޮވިޑާ ގުޅިގެން ހަތަރު މަސް ވަންދެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ޓޫރިޒަމް މުޅިން ހުއްޓާލާފައި އޮތުމަށްފަހު ބޯޑަރު އަލުން ހުޅުވައިލީ މި މަހުގެ 15ވަނަ ދުވަހުގަ އެވެ. އެހެން ނަމަވެސް އެ ތާރީހުން ފެށިގެން ހުޅުވަން ހުއްދަ ދީފައިވަނީ މީހުން ދިރިނޫޅޭ ރަށްރަށުގައި ހިންގާ ރިސޯޓު، ހޮޓާ ފަދަ ތަންތަނަށެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާ ގެސްޓްހައުސްތައް ހުޅުވަން ކުރިން ނިންމާފައި އޮތީ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.