ފާއިތުވި ދުވަސްތަކުގައި ރާއްޖެއިން ކޮވިޑް19 ގެ ކޭސްތައް ފެންނަ މިންވަރު ވިސްނާލަން ޖެހޭ މިންވަރަށް އިތުރުވެފައިވާކަމަށް އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
މިރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ކޭސްތައް އިތުރުވަމުންދާތަން ފެންނަތާ ދުވަސްކޮޅެއް ވެއްޖެކަމަށެވެ.
“މިހާރު ދުވަސްތަކެއް ވެއްޖެ އަޅުގަނޑުމެންނަށް މި ގޮތަށް ކޭސްތައް ތަންކޮޅެއް މަތީލެވެލްއެއްގައި ފެންނަތާ. މިއީ އަޅުގަނޑުމެން މިކަމާމެދު ހާސްވާންޖެހި، މިކަމާމެދު ފިކުރުބޮޑުވެ، އެކަމާމެދު ވިސްނަންޖެހޭފަދަ ކަންކަން،” ޑރ. ވިދާޅުވިއެވެ.
ޑރ. ވިދާޅުވީ މިހާރު ފެންނަ ކޭސްތަކުގެ ތެރޭގައި ނިސްބަތުން ގިނައީ ދިވެހިން ކަމަށެވެ. ރާއްޖެއިން 3،302 މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު މީގެ ތެރޭގައި 1،488 ދިވެހިން ހިމެނެއެވެ.
ޑރ. އަފްޒަލް ވިދާޅުވީީ މިހާރު އިތުރުވެފައިވާ ކޭސްތަކުގެ ތެރޭ ގިނައީ ދިވެހިން ކަމަށާއި، މިހާތަނަށް ފެނިފައިވާ ކޭސްތަކުގެ ޖުމްލައަށް ބަލާއިރު ގިނައީ އަލާމާތްތައް ހުންނަ މީހުން ކަމަށެވެ. އަދި ބަލިޖެހޭ މީހުންގެ ނިސްބަތުން އެންމެ ގިނައީ ފިރިހެނުން ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ..
މީގެ އިތުރުން މިހާރު ފެންނަ ޕޮޒިޓިވް ކޭސްތަކަށް ބަލާއިރު، ޕޮޒިޓިވްވާ ދިވެހިންގެ ކޮންޓެކްޓްސް، ބިދޭސިންނަށްވުރެ ގިނަވެފައިވާކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
“ދިވެހި ކޭސްތަކުގެ ކޮންޓެކްޓްސް މާ ގިނަކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އެހެންވީމަ އޭގެން އަޅުގަނޑުމެންނަށް އެނގެން ޖެހޭ އެއް ކަމަކީ، މިހާރުގެ ހާލަތަށް ބަލާލައިފިނަމަ ގައިމުވެސް ބުނެވޭނެ ދިވެހިން އެބަޖެހޭ ތަންކޮޅެއް ބޮޑަށް ސަމާލުވެ، އަޅުގަނޑުމެން ދޭ އިރުޝާދުތަކާ، ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް އިތުރަށް ސަމާލުކަން ދޭން،” ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑޮކްޓަރު ވިދާޅުވީ އުމުރުފުރާތަކަށް ބަލާނަމަ، ބަލި ޖެހޭ މީހުން އެންމެ ގިނައީ 18 އަހަރާ 45 އަހަރާ ދެމެދުގެ މީހުން ކަމަށާއި ކޮންޓެކްޓުންވެސް ގިނައީ މި އުމުރު ފުރާގައި ކަމަށެވެ. އަދި މި ފަހަކަށް އައިސް އެއްވެސް ކްލަސްޓާއަކާ ގުޅުން ނެތް ކްލަސްޓަތައް ފެންނަ މިންވަރުވެސް އިތުރުވަމުންދާކަން ފާހަގަ ކުރައްވައިފައެވެ.
ދުވަހުން ދުވަހަށް ބަލާއިރު، ބަލިޖެހިފައިވާ މީހުންގެ ނިސްބަތް، އިތުރުވެފައިވާއިރު، ކޮވިޑް19 ގެ ފުރަބަންދުގައި އޮތް އިރު ޕޮޒިޓިވްވާ މީހުން މަދުވި ނަމަވެސް ދިން ލުއިތަކާއެކު ޕޮޒިޓިވް ކޭސްތައް ނިސްބަތުން ވަރަށް ބޮޑަށް ވަނީ އިތުރު ވެފައެވެ.
އެކްޓިވް ކޭސްތަކަށް ބަލާއިރުވެސް، ދިވެހިންގެ ނިސްބަތް، ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ޑޮކްޓަރު ފާހަގަކުރެއްވިއެވެ.
“ކުރިއަށް އޮތްތަނުގައި ހާލަތު މިއަށްވުރެވެސް ގޯސްވުމަކީވެސް އެކަށީގެންވާކަމެއް. އެހެންނަމަވެސް އަބަދުވެސް، ދަންނަވާ ވަހަކައެއް މިއީ، ކުރިއަށް އޮތްދުވަސްތަކުގެ ހާލަތު އޮތީ އާންމުންގެ އަތްމަތީއޭ. ރައްކާތެރިކަމުގެ ފިޔަވަޅުތަކަސް ސަމާލުކަންދީގެން އެކަން ކުރާނަމަ، އަދި ބޭރު ތެރޭ އުޅުންވެސް، ކޮންމެހެން ބޭރަށް ދާންޖެހިގެން ބޭރަށް ނުނިކުތުން، އެއީ އާންމުންނަށް ދޭން އޮތް އިރުޝަދަކީ،” ޑރ. އަފްޒަލް ވިދާޅުވިއެވެ.