ރާއްޖެއިން ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރާނެ – ރައީސް

ކޮވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވަނީ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ކަމަށާ މެހެމާނުންނަށް އެންމެ ރައްކާތެރި މަންޒިލަކަށް ރާއްޖެ ވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިނިވަންދުވަހާ ގުޅިގެން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިއްބެވި ޑިޕްލޮމެޓުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރާއްޖޭގެ މިނިވަންދުވަސް މިފަހަރު މިދިމާވީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އެހެން ޤައުމުތަކޭ އެއްފަދައިން ރާއްޖެއަށްވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ދުވަސްވަރެއްގައިކަމަށެވެ.

ރައީސް ވިދާޅުވީ އިޤްތިސާދީ އަދި އިޖްތިމާޢީ ތަރައްޤީގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކަށް މިހާލަތުގައި ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން އަސަރުކޮށްފައިވާއިރު ބަލިމަޑުކަމުން ރައްޔިތުން ސަލާމަތްކުރުމަށް ރާއްޖޭގެ މައި ބޯޑަރު ބަންދުކުރަން މަޖުބޫރު ވިކަމަށެވެ.

ބައިނަލްއަޤްވާމީ މުޖްތަމަޢުން ރާއްޖެއަށް ވެދިން އެހީތެރިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާވަނީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ޤައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި މިދަތި ޙާލަތުން އަރައިގަތުމަށް ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާކަމަށް ބޭރުގެ މަންދޫބުންނާ މުޚާތަބުކުރައްވައި ރައީސް ވިދާޅުވިއެވެ. އެގޮތުން ފަތުރުވެރިންގެ ރައްކާތެރިކަން ރާއްޖެއިން ކަށަވަރުކުރާނެ ކަމަށާއި ރާއްޖެއަކީ މެހެމާނުންނަށް އެންމެ ރައްކާތެރި މަންޒިލަކަށްވާނެކަމަށްވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ