Malaysian Prime Minister Najib Razak listens to US President Barack Obama speak during the 10-nation Association of Southeast Asian Nations (ASEAN) summit in Rancho Mirage, California on February 15, 2016. Photo: Reuters

ނަޖީބު ރައްޒާގު 12 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާތައް ސާބިތުވުމާ ގުޅިގެން އޭނާ 12 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

އުމުރުން 67 އަހަރުގެ ނަޖީބުގެ މައްޗަށް އެ ހުކުމް ކުރީ، މެލޭޝިއާގެ ދައުލަތުގެ އިންވެސްޓްމެންޓް ފަންޑު 1އެމްޑީބީގެ ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން މިއަދު ކުއަލަލަމްޕޫރުގެ ހައި ކޯޓުގައި ކުރިއަށްގެންދިޔަ ޝަރީއަތުގައި އޭނާގެ މައްޗަށް އަމާނާތައް ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިން އާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ހަތް ދައުވާއެއް ސާބިތުވުމާ ގުޅިގެންނެވެ.

އެ މައްސަލާގައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ސަބަބުން ނަޖީބު 12 އަހަރަށް ޖަލަށް ލާން ހުކުމް ކުރި އިރު، އަމާނާތަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންގެ ދައުވާތަކުގައި އޭނާ 10 އަހަރަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފަ އެވެ. އެ ހުރިހާ ހުކުމެއްވެސް ތަންފީޒު ކުރައްވާނީ އެއްކޮށް ކަމުން އޭނާ ޖަލުގައި ހޭދަ ކުރައްވަން ޖެހޭނީ ގިނަވެގެން 12 އަހަރެވެ.

މީގެ އިތުރުން ނަޖީބު ވަނީ 49 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.

އެ ހުކުމް އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް ނަޖީބު ވިދާޅުވުމާ ގުޅިގެން މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ އޭނާ ހުކުމް ތަންފީޒު ކުރުން ފަސްކޮށްދެއްވާފަ އެވެ.

“އަޅުގަނޑުމެންގެ ނިޒާމުގައި ހައި ކޯޓަކީ ފުރަތަމަ ކޯޓު އަދި މި ނިންމުން ނިންމެވީ އެންމެ ފަނޑިޔާރެއް. އަޅުގަނޑުމެންނަށް އަދި އިސްތިއުނާފު ކުރެވޭނެ،” ނަޖީބު ވިދާޅުވި އެވެ.

އެ ޝަރީއަތަކީ 1އެމްޑީބީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެސްއާރުސީ އިންޓަނޭޝަނަލްއިން ނަޖީބުގެ އެކައުންޓަށް 10.4 މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގެ ޝަރީއަތެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ