އެންޓިބޮޑީ ޓެސްޓު ހަދަން ކަނޑައަޅާފައި ނެތް، ހުއްދަ ދޭނީ ވަކި އުސޫލެއްގެ ދަށުން: ހެލްތު މިނިސްޓްރީ

ކޮވިޑް-19ގެ އެންޓިބޮޑީ ޓެސްޓަކީ މިވަގުތު ހަދަން ކަނޑައަޅާފައިވާ ޓެސްޓެއް ނޫން ކަމަށާއި އެ ޓެސްޓު ހެދުމުގެ ހުއްދަ ދޭނީ ވަކި އުސޫލެއްގެ ދަށުން ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ ކޮވިޑް19ގެ ސަވައިލެންސް އެންޑް ރެސްޕޯންސްގެ ދަށުން އެންޓިބޮޑީ ޓެސްޓަކީ މިވަގުތު ހަދަން ކަނޑައަޅާފައިވާ ޓެސްޓެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް މިދުވަސްވަރު ބައެއް އަމިއްލަ ފަރާތްތަކާއި ކުންފުނިތަކުން މި ޓެސްޓު އަމިއްލައަށް ހަދައި، ޓެސްޓުގެ ނަތީޖާގެ މައްޗަށް ބަލައި ފިޔަވަޅު އަޅަމުންދާކަން ފާހަގަވެފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ބުނީ ކޮވިޑް19 ކޮންޓްރޯލްކޮށް ބެލެހެއްޓުމުގެ ނިޒާމުން ބޭރުން މިފަދަ ޓެސްޓު ހަދަމުން ދިޔުމަކީ ޓެސްޓް ހަދާ ފަރާތްތަކަށް އޮޅުންތައް އަރާނެ ކަމެއް ކަމަށެވެ.

“ކޮވިޑް19އިން ރައްކާތެރި ކުރުމަށާއި ބަލިޖެހޭ ފަރާތްތަކާއި އެމީހުންގެ ކޮންޓެކްޓުން އެކަހެރިކޮށް ބަލި ކޮންޓްރޯލު ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތަށް ބުރޫ އަރައި، ދަތިތަކާ ކުރިމަތިވާނެ ކަމަކަށް ވާތީ އާންމުންގެ މެދުގައި ކޮވިޑް19ގެ އެންޓިބޮޑީ ޓެސްޓު އެއްވެސް ފަރާތަކުން ނުހެދުމަށް ދަންނަވަން،” އެ ސާކިއުލާގައި ބުނެފައިވެ އެވެ.

އެންޓިބޮޑީ ޓެސްޓު ހަދަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރަން ހުއްދަ ދެވޭނީ އެޗްޕީއޭއިން ހަމަޖައްސާ އުސޫލެއްގެ މަތިން ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

ރީސާޗް ބޭނުމަށް މިފަދަ ޓެސްޓެއް ހަދާނަމަ، ހެލްތު މިނިސްޓްރީގެ ނެޝަނަލް ހެލްތު ރިސާޗް ކައުންސިލަށް ހުށަހަޅައިގެން ކުރިއަށް ގެންދެވިދާނެ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ