ކޮވިޑް-19އިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނެރެފައިވާ ގައިޑްލައިންތަކަށް އަމަލުނުކުރާ މާލޭގެ ބައެއް ބައެއްގެ ކެފޭ، ހޮޓާ، ރެސްޓޯރަންޓުތައް އެ އެޖެންސީއިން ބަންދުކޮށްފިއެވެ.
އެޗްޕީއޭ އިން އެތަންތަން ބަންދުކުރީ މިއަދު ކުރިއަށްގެންދިޔަ އިންސްޕެކްޝަންތަކަކަށްފަހު އެވެ. ބަންދު ކުރި ތަންތަނުގައި ވަނީ ނޯޓިސްއެއް ހަރުކޮށްފައެވެ. އެ ނޯޓިސްތަކުގައިވާ ގޮތުން އެ ތަންތަން ބަންދު ކުރީ ކޮވިޑް-19އިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނެރެފައިވާ ގައިޑްލައިންތަކަށް އަމަލުނުކުރާތީއެވެ.
ނޯޓިސްތަކުގައިވާ ގޮތުން ހިދުމަތް ދެވެން ފެށޭނީ ގަވައިދާ އެއްގޮތަށް ހިދުމަތް ދެވޭނެ ގޮތް ހަމަޖައްސައި އެކަން އެޗްޕީއޭއަށް އެންގުމުން އެޗްޕީއޭއިން އަލުން އައިސް އިންސްޕެކްޓު ކުރުމަށް ފަހު ކަމަށެވެ. އަދި އެގޮތަށް އަންގައި އެޗްޕީއޭއިން ޓްވީޓުވެސްކޮށްފައިވެއެވެ.
“މިހާރު ހިނގަމުންދާ އިންސްޕެކްޝަންގައި ‘ބަންދު ނޯޓިސް’ ދެވިފައިވާ ފަރާތްތަކުން ތަނުގެ ކަންތައްތައް އިސްލާހުކުރުމަށްފަހު އަލުން އިންސްޕެކްޓްކުރުމަށް އަދި އިތުރު މައުލޫމާތު ހޯއްދެއްވުމަށް ހެނދުނު 9:00 އިން ހަވީރު 6:00 އަށް 7285216 ގުޅުއްވުން އެދެން،” އެޗްޕީއޭގެ ޓްވީޓުގައި ބުންޏެވެ.
މީގެ ކުރިން މާލޭ ސިޓީ ކައުންސިލްއާއި އެޗްޕީއޭ އަދި އެހެނިހެން އިދާރާތައް ގުޅިގެން އާންމު ހިދުމަތްދޭ ތަންތަން ނިއު ނޯމަލްގެ އުސޫލުތަކަށް އަމަލު ކުރޭތޯ ބެލުމަށް ގެންދިޔަ އިންސްޕެކްޝަންގައި 1475 ތަނެއް ބެލިއެވެ. އޭގެ ތެރެއިން 68 ޕަސެންޓް ތަންތަން ނިއު ނޯމަލްގެ އުސޫލުތަކަށް ފެތޭކަމަށް މާލޭ ސިޓީ ކައުންސިލްއިން މިމަހުގެ މެދެއްހާ ހިސާބުގައި ބުނެފައިވެއެވެ.
ހެލްތު އިންސްޕެކްޝަންގެ ހަރަކާތެއް އަނެއްކާވެސް ފަށާފައިވާއިރު އިއްޔެ އެކަނިވެސް ކޮވިޑަށް 137 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.