މަސައްކަތް ކުރާނީ ލޮކްޑައުންނެއް ނުގެނެސް ބަލި ކޮންޓްރޯލު ކުރަން: ޑރ ނަޒްލާ

އަދިވެސް މަސައްކަތް ކުރަނީ އިތުރު ލޮކްޑައުން އަކަށް ނުގޮސް ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުން ކަމަށާއި، ނަމަވެސް ކޭސްތައް އިތުރުވާ ވަރަކަށް އިތުރު ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށް ހެލްތުު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް ދެމުންދާ އިރުޝާދުތަކަށް ގިނަ ރައްޔިތުން ތަބާވާ ކަމަށެވެ.

އެގޮތުން ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ނުނިކުމެ ތިބުމާއި، މާސްކު އަޅަންޖެހޭ ގޮތަށް ރަނގަޅަށް މާސްކު އަޅައިގެން، ގައިދުރުކޮށް އުޅޭ ރައްޔިތުން ގިނަކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

ގިނަ ބަޔަކު ގައިޑްލައިންތަކަށް ތަބާވިނަމަވެސް، ކޮންވެމެސް ވަރަކަށް ގައިޑްލައިންތަކާ ހިލާފުވާނަމަ ބަލި ފެތުރޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ޑރ. ނަޒްލާ ވިދާޅުވީ އަބަދު ލޮކްޑައުންގައި ނުތިބެވޭނެ ކަމަށާއި، ލޮކްޑައުންގެ ސަބަބުން ނިކުންނަ ނުރަނގަޅު އަސަރުތައް މިހާރު ތަޖުރިބާ ކޮށްފައިވާނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑަށް އެކަށީގެންވާ ވެކްސިނެއް ލިބޭނީ މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް ބެލެވޭއިރު އެހާ ދުވަސްވަންދެން ލޮކްޑައުންގައި ނުތިބެވޭނެކަމަށެވެ. ބައްޔާއެކު އުޅެން ދަސްކުރަން ޖެހޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ދިން ލުޔާއެކު ފާއިތުވި ދެ ހަފްތާ ތެރޭ ކޮވިޑް ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ. ހަތް ދުވަސްތެރޭ ކޮވިޑްގެ 500 އަށް ވުރެ ގިނަ ކޭސް ފެނިފައިވާއިރު މިއަދު ވެސް 156 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

“އަދިވެސް މަސައްކަތް ކުރާނީ އިތުރު ލޮކްޑައުން އަކަށް ނުގޮސް މިކަން ކޮންޓްރޯލު ކުރެވޭތޯ. ނަމަވެސް ކޭސްތައް އިތުރުވާނަމަ އިތުރު ރެސްޓްރިކްޝަންސް ގެންނަން ޖެހޭނެ،” މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ