ބޮޑުފިނޮޅުން ހައްޔަރުުކުރި ބިދޭސީން ދޫކޮށްލައިފި

މިދިޔަ މަހުގެ ދެ ވަނަ ދުވަހު ބ. ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ބިދޭސީން ދޫކޮށްލައިފި އެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް އެރަށުގައި ހަމަނުޖެހުން ހިންގައި، ދިވެހީންތަކެއް ރަހީނުކުރި އެވެ. އަދި ފުލުހުންނާ ވެސް ކުރިމަތިލާފައިވެ އެވެ.

އެ ހަމަނުޖެހުމާ ގުޅިގެން، ޖުލައި ތިން ވަނަ ދުވަހު ފުލުހުން ވަނީ 19 ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ. އަދި އެމީހުންގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްފަ އެވެ.

ނަމަވެސް މިއަދު އެ ބިދޭސީން ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. އަދި އެމީހުން މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.

އެރަށުގައި 200 އެއްހާ ބިދޭސީން މުޒާހަރާކޮށް ހަމަނުޖެހުން ހިންގީ ބޮޑުފިނޮޅުގެ ކޮންޓްރެކްޓު މަސައްކަތްތަކެއް ކުރާ އާރުއައިއެކްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މުވައްޒަފުންނަށް މުސާރަ ނުދީގެންނެވެ.

އެ ހަމަނުޖެހުންތަކުގައި ކޮންޓްރެކްޓަރުގެ މުވައްޒަފުން ދިވެހިންތަކެއް ރަހީނުކޮށް، ރަށުގައި ހުރި ތަންތަނަށާއި ހެވީ މެޝިނަރީތަކަށާއި ވޯޓާ ޕައިޕްލައިން ތަކަށާއި އެހެނިހެން ތަކެއްޗަށް ބޮޑެތި ގެއްލުންތައް ވަނީ ދީފައެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދާ މީހުންގެ ހަތަރު މަސް ދުވަހުގެ މުސާރަ ކޮވިޑް19 އާ ގުޅިގެން ނުދެވިވާ ކަމަށް އެތަނުގައި މަސައްކަތް ކުރަމުންދާ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ