ޔާސިރަކީ އަލްގައިދާ އަށް ނިސްބަތްވާ މީހެއް: ފުލުހުން

ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުން ދަނިކޮށް، އިއްޔެ އައިޖީއެމްއެޗްގައި މަރުވި ޔަމަނުގެ ރައްޔިތެއް ކަމަށްވާ، ޔާސިރު ޔަހުޔާ ސާލިހު އޭނާގެ ގައުމަށް ފުރުވާނުލެވުނީ އޭނާ އެކަމަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން ކަމަށާއި އޭނާ އަކީ އަލްގައިދާ އަށް ނިސްބަތްވާ އެ ޖަމާއަތުގެ ތަމްރީމްތައް ހަދާފައިވާ މީހެއް ކަމަށް ސަރުކާރުގެ މުއައްސާތަކުން ބުނެފި އެވެ.

ދިވެއްސަކާ ކައިވެނިކޮށްގެން ދަރިއަކު ވެސް ލިބިފައިވާ ޔާސިރު ހައްޔަރު ކުރީ 2017 ވަނަ އަހަަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އެއީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒް ރާއްޖެ ވަޑައިގަންނަވަން ހަމަޖެހުނު ދުވަސްވަރެވެ. އެ ދުވަސްވަރު ޓެރަރިޒަމްއާ ގުޅޭ ތުހުމަތުތަކެއް ކުރެވިގެން އޭނާ ޑީޕޯޓު ކުރަން ނިންމައި ބަންދުކުރި އެވެ.

ޔާސިރު ބަންދުކުރި އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި އޭނާ އެކި ފަހަރު މަތިން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ވެސް ކުރި އެވެ. އިއްޔެ ޔާސިރު މަރުވީ ވެސް ނުކެއުމުގެ ސަބަބުން ހާލު ދެރަވެ އައިޖީއެމްއެޗްއަށް ގެންގޮސް އޮއްވަ އެވެ.

ޔާސިރުގެ މަރާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، މޯލްޑިވްސް އިމިގްރޭޝަނާއި ކަރެކްޝަނަލް ސާވިސަސްއާއި މޯލްޑިވްސް ޕޮލިސް ސާވިސަސް ގުޅިގެން ރޭ ދަންވަރު ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައިވާ ގޮތުން ޔާސިރު ރާއްޖެ އައީ 2014 ވަނަ އަހަރު އެވެ. އެއީ ޓޫރިސްޓު ވިސާއެއްގަ އެވެ. އޭނާ ރާއްޖެ އައުމަށް ފަހު އެ އަހަރު ދިވެހި އަންހެނަކާ ކައިވެނި ކުރިކަން ބަޔާނުގައި ފާހަަގަކޮށްފައިވެ އެވެ.

ޔާސިރަކީ ޓެރަރިޒަމްއާ ގުޅުންހުރި މީހެއް ކަމުން ފުލުހުން ދިޔައީ އޭނާގެ ހަރަކާތްތައް އޭރު ވެސް ބަލަމުން ކަމަށް ކަމާ ބެހޭ ފަރާތްތަކުގެ ބަޔާނުގައިވެެ އެވެ. އަދި އޭނާ އަކީ އަލްގައިދާއަށް ނިސްބަތްވާ، އެ ޖަމާއަތުގެ ތަމްރީނުތައް ފުރިހަމަކޮށްފައިވާ މީހެއް ކަމަށް ފުލުހުންނަށް މައުލޫމާތު ލިބުނު ކަމަށް އެ ބަޔާނުގައިވެ އެވެ. މިއީ ކުރިން ވެސް ފުލުހުން ހާމަކޮށްފައިވާ މައުލޫމާތެކެވެ.

“މޯލްޑިވްސް ޕޮލިސް ސާވިސްއަށް ލިބިވައިވާ އިންޓެލިޖެންސް މައުލޫމާތުތަކުން އެނގޭ ގޮތުގައި އޭނާ އަކީ އަލް ގައިދާ ޖަމާއަތާ ގުޅުން އޮންނަ އެ ޖަމާއަތުގެ އިސް ދައުރެއް އަދާ ކުރާ، އެ ޖަމާއަތުން ހިންގާ މަތީ ފެންވަރުގެ ތަަމްރީނުތައް ފުރިހަމަކޮށްފައިވާ މީހެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ޖަމާއަތުން ހިންގާ ހަރަކާތްތައް ރާވާ ވިލަރެސް ކުރުމުގެ އިތުރުން ޓެރަރިޒަމްއާ ގުޅުންހުރި މައްސަލަތަކުގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގުކޮށްފައިވާ ދިވެހީންނާއި އޭނާ ގުޅުން ބަދަހިކޮށްފައިވެ އެވެ. ޔާސިރު ޔަހުޔާއަކީ އޭނާގެ އުފަން ގައުމުގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި ޓެރަރިޒަމްއާ ގުޅުން ހުރި މައްސަލަތަކުގައި ހައްޔަރު ކުރެވި އެކި ފަހަރުމަތިން ހައްޔަރުކުރެވިފައިވާ މީހެކެވެ. އަދި އެކި ގައުމުތަކުގައި ސައްހަ ނޫން ޓްރެވަލް ޑޮކިއުމެންޓުގައި އެއް ގައުމުން އަނެއް ގައުމަށް ދަތުރުކޮށްފައިވާ މީހެކެވެ،” ބަޔާނުގައިވެ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ