ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަކީ އުފެއްދުންތެރިކަމުގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ކ. ގުޅީފަޅުގައި ގާއިމުކޮށްފައިވާ ހޮޅި އުފައްދާ ކާރުހާނާއެވެ. އެ ކާރުހާނާއަކީ ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގައި ހޮޅި އުފައްދާ ހަމައެކަނި ކާރުހާނާއެވެ.
އެމްޑަބްލިއުއެސްސީ އިން ބުނެފައިވަނީ އެކުންފުނި އުފެދުނުތާ މިހާރު 25 އަހަރު ވެފައިވާ އިރު، ކުންފުނިން ވަނީ ދިވެހި މުޖުތަމައުގެ ސިއްހީ ރާއްކާތެރިކަމަށް ބޮޑު ހިއްސާއެއްކޮށް ރައްޔިތުންނަށް ގިނަ ލުއި ފަސޭހަތަކެއް ފޯރުކޮށްދީ އަދި ދަނީ ފޯރުކޮށްދެމުން ކަމަށެވެ.
އެގޮތުން 2015 ވަނަ އަހަރު ކ. ގުޅީފަޅުގައި ގާއިމުކުރި ހޮޅި އުފައްދާ ކާރުހާނާއަކީ ފާހަގަކޮށްލެވޭ ތަނެކެވެ.
އެ ކާރުހާނާއިން ހޮޅި އުފައްދާނީ ޖަރުމަނުގެ “ކުރައުސް މަފެއި” ބްރޭންޑްގެ ޒަމާނީ ފެންވަރުގެ މެޝިނަރީ އާއި ޔޫރަޕްގެ މަޝްހޫރު ބްރޭންޑެއް ކަމައްވާ “ވާވިން” ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށް އެމްޑަބްލިއުއެސްސީއިން ބުންޏެވެ. އަދި ހޮޅީގެ ކޮލިޓީ ޓެސްޓުކުރެވޭނެ ޓެކްނޮލޮޖީ ހުރި ލެބެއްވެސް އެ ކާރުހާނާގައި ހުންނާނެ ކަމަށް އެކުންފުނިން ބުނެއެވެ.
އެމްޑަބްލިއުއެސްސީއިން ބުނާގޮތުގައި އެ ކާރުހާނާއިން އުފައްދާ ތަފާތު އެެކިއެކި ސައިޒުތަކުގެ ހޮޅި، ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތްތަކާއި މަގު ހެދުމާއި ސްޓޯމް ވޯޓާ އަދި ވާރޭފެން ރައްކާކުރުން ފަދަ ތަފާތު އެކިއެކި މަޝްރޫއު ތަކުގައި ބޭނުންކުރަމުން ދާތާ މިހާރު ވަނީ ފަސް އަހަރުވެފައެވެ.
ފެނާއި ނަރުދަމާ ނިޒާމުގެ ހޮޅި އުފެއްދުމުގެ އިތުރުން އެ ކާރުހާނާއިން މިހާރު ވަނީ ފެން ވަޔަރު ކުރުމަށް ބޭނުންވާ ޕީވީސީ ޕްރެޝަރު ހޮޅި އުފައްދައި މާކެޓަށް ނެރެން ތައްޔާރު ވެފައި ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެއެވެ.