ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބޭނުންވާ ބޭސްވަރުވާ ހޯދުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ގޮވާލައި، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ސިޓީއެއް ފޮނުވައިފިއެވެ.
އެމްނެސްޓީއިން ރައީސް ސޯލިހަށް އެޑްރެސްކޮށް މިއަދު ފޮނުވި ސިޓީގައި ވަނީ އަދީބުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އޭނާއަށް ގަވައިދުން ބޭސްފަރުވާ ލިބިގަތުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެ ޖަމިއްޔާގެ ސިޓީގައި ގޮވާލާފައިވެއެވެ.
އެ ޖަމިއްޔާއިން ބުނެފައި ވަނީ އަދީބަކީ ގްލަކޯމާ، ކިޑްނީ ސްޓޯން އުފެދުން، ސްލީޕް އެޕްނިއާ، އެތެރެހަށީގައި ސިސްޓު އުފެދުން އަދި ހޭނެތުން ފަދަ ސިއްހީ މައްސަލަތައް ހުންނަ މީހެއް ކަމަށެވެ.
އެމްނެސްޓީއިން ބުނީ، ގައިދީންނަށް ބޭސްފަރުވާ ފޯރުކޮށްނުދިނުމަކީ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ދިވެހރާއްޖެއަށް ލާޒިމުވާ ކަންކަމާ ހިލާފު ކަމެއް ކަމަށެވެ. އެގޮތުން އިންޓަނޭޝަނަލް ކޮވަނެންޓް އޮން އިކޮނޮމިކް ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސްގެ ދަށުން އިންސާނުންނަށް ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ލިބުމުގެ ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރަން ޖެހޭނެކަން ފާހަގަކޮށްފައިވެއެވެ. އަދި ގައިދީންނަށް ސިއްހީ ފަރުވާ ދިނުމަކީ ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުންވެސް ލާޒިމު ކަމެއް ކަމަށް އެމްނެސްޓީއިން ބުނެފައިވެއެވެ.
ޖަލުތަކަކީ ކޮވިޑް-19 ވައިރަސް ފެތުރެން ފަސޭހަ ތަންތަންކަން ފާހަަކޮށް އެކަންކަމާ މެދު ވިސްނުމަށްވެސް އެމްނެސްޓީގެ ސިޓީގައި އެދިފައިވެއެވެ.
އެމްއެމްޕީއާރްސީގެ މައްސަލައިގައި އަދީބުގެ މައްޗަށް އެންމެ ފުރަތަމަ ދައުލަތުން އުފުލި 30އަށް ވުރެ ގިނަ ދައުވާ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ބޭރުކޮށްލިއެވެ. އެފަހުން އޭނާގެ މައްސަލަ އަލުން ތަހުގީގުކޮށް ކުރީ ހަތް ދައުވާއެވެ. އެއީ އަދީބާއެކު ދައުލަތުން ހެދި ޑީލްއެއްގެ ދަށުންނެވެ. އެ ޑީލްގެ ދަށުން އަދީބަށް ބޭސްފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ފުރަންވެސް ފުރުސަތު ދެނެވެ. އަދި އިއުތިރާފު ވާން އަދީބު އެއްބަސްވެސްވިއެވެ.