ޖަޕާނުން ރާއްޖެއަށް 24 ސްކޮލާޝިޕް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި ސްކޯލާޝިޕް ފުރުސަތުތަކަކީ ރާއްޖޭގައި އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް ދެ ގައުމުގެ ދެމެދު މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ދޭ ފުރުސަތު ތަކެކެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.
މި އެއްބަސްވުމުގެ ދަށުން ހަތަރު އަހަރުގެ މުއްދަތަށް، ކޮންމެ އަހަރަކު ދިވެހި ހަ ދަރިވަރަކަށް މަތީ ތައުލީމް ހާސިލްކުރުމަށް ޖަޕާނަށް ދިޔުމަށް ފުރުސަތު ލިބޭނެއެވެ.
ޖަޕާނުން ސަރުކާރުން ވެދެއްވި މި އެހީތެރިކަމަށް ޖަޕާނު ސަރުކާރަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ސްކޮލަރޝިޕްތަކަކީ 19 މިލިއަން ރުފިޔާގެ އަގުހުރި ސްކޮލާޝިޕްތަކެކެވެ.
ކޮވިޑް-19 އާ ގުޅިގެން ޔުނިސެފް މެދުވެރިކޮށް 356،400 އެމެރިކާ ޑޮލަރުގެ އެހީއަކާއި، ރެޑްކްރެސެންޓް މެދުވެރިކޮށް 185،000 އެމެރިކާ ޑޮލަރުގެ އެހީއެއްގެ އިތުރުން ޔޫއެންޑީޕީ މެދުވެރިކޮށް 1.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއްވެސް ޖަޕާނުން ވަނީ ރާއްޖެއަށް ފޯރުކޮށްދީފައިވެއެވެ.