ވާހަކަ: ހަޔާތުގެ ކުލަތައް (10)

ކުރީ ބައި: ހަޔާތުގެ ކުލަތައް (9)

ކަޅު ވިޔަފާރީގެ އެކި މުއާމަލާތްތަކާއި، ބޭރުގެ އެކި މާފިޔާ ގޭންގުތަކުގެ ބޮޑެތި މީހުންނާއި މެދު ވެފައިވާ ވިޔަފާރީގެ އެއްބަސްވުން ތަކުގެ އިތުރުން، އެތައް ބަޔަކު މަރާލުމަށްފަހު ކޯޓު މަރުހަލާގެ ތެރެއިން އެކި މައްސަލަތައް ހިންދާލާފައިވާ ގޮތުގެ ލިޔުންތައް ލެޕްޓޮޕުގައި ހުއްޓެވެ. ޒުހުރާ އަށް ސަލާމަތް ނުވެވޭނެ ކަމުގެ އިހުސާސް ކުރެވެން ފެށީ އެހިސާބުންނެވެ. ޒުހުރާ އޭނާގެ ގަޔަށް ފޭރާން ހެޔޮވަރުކޮށްލުމަށްފަހުގައި އެ ކޮޓަރިން ނިކުތެވެ. އޭރު ފަތިސް ނަމާދު ބަންގި ގޮވަން މާގިނަ ވަގުތެއް ނެތެވެ. އޭނާ ފާހާނާއަށް ވަދެ ފެންވަރައިގެން ނިކުތެވެ. އަދި ލޯގަނޑު ކުރިމަތީގައި ހުއްޓިހުރެ އޭނާގެ އަމިއްލަ ނަފްސަށް ނަޒަރު ހިންގާލިއެވެ. ޒުހުރާގެ ސިކުނޑި ތެރޭގައި އެތައް ކަމެއް ދައުރުވަމުން ދިޔައެވެ. ސަލާމަތުން ދުނިޔޭގައި ހުންނާނެ ބާއޭވެސް ހިތަށް އެރިއެވެ.

އެހިނދު އޭނާއަށް އޭނާގެ މަންމައާއި ދިމާލަށް ބަލާލެވުނެވެ. އެ މަންމައަށް މިއިން އެއްވެސް ކަމެއްގެ ހަގީގަތް އެނގިއްޖެނަމަ، އެ ހިތުގައި އަޅާނެ ވޭން ހިތަށް އެރުމާއެކު ޒުހުރާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. މާތްކަލާކޯއެވެ. މިއީ ކޮންކަހަލަ މުސީބާތެއް ހެއްޔެވެ. މި ހިޔާލުތަކުގައި ހުއްޓާ ފަތިސް ނަމާދު ބަންގި ގޮވިއެވެ. ޒުހުރާ ނަމާދުކޮށް ދުއާކުރިއެވެ. އެވަގުތު އަމީނާވެސް ފަތިސް ނަމާދަށް ތެދުވިއެވެ. ދެމައިން ނަމާދުކޮށް އަވަދިވެގެން ކޮފީއެއް ބޯލުމަށް ސިޓިންރޫމަށް ނިކުތެވެ. ޒުހުރާ އޭނާގެ މަންމައަށް ކޮފީ ގިރައިދިނެވެ. ކޮފީ ބޯން ތިބެގެން އެކި ވާހަކަތައް ދެކެވުނެވެ. ޒުހުރާގެ ހަލަބޮލިވެފައިވާ ދިރިއުޅުމަށް ކުޑަވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ.

ރޭގައި ނުނިދާ ހުރުމުގެ ސަބަބުން ޒުހުރާ ބޭނުންވީ ކުޑަކޮށް އަރާމުކޮށްލުމަށެވެ. ވުމާއެކު ކޮފީ ބުއި ޖޯޑު ދޮއެލުމަށްފަހު އޭނާ ކޮޓަރިއަށް ވަދެ އެނދުމަތީގައި އޮށޯވެލިއެވެ. މާގިނަ އިރުތަކެއް ނުވެ އޭނާއަށް ނިދުނެވެ. ނިދިފައި އޮތް ޒުހުރާއަށް ހޭލެވުނީ، އޭނާގެ މަންމަ އައިސް ގޮވަން ފެށީމައެވެ. “ޒުހުރާ ތެދުވެބަލަ. ދާނިޝް އެބައިން ސިޓިންރޫމުގަ. ބުނީ ޒުހުރާއަށް ގޮވާބަލާށޭ. ވަރަށް މުހިއްމު ކަމަކު.” އަމީނާ ބުންޏެވެ. ޔަގީނުންވެސް އަނެއްކާވެސް ޒުހުރާއަށް ކަމެއް ހަވާލުކުރަނީއެވެ. މިފަހަރު ޖެހޭނީ ކޮންކަހަލަ މުސީބާތެއް ކަމެއްވެސް ނޭންގެއެވެ. ޒުހުރާ ފާހާނާއަށްވަދެ ފްރެޝް ވެލައިގެން ސިޓިންރޫމަށް ނިކުތެވެ.

އެހިނދު އޭނާގެ މަންމަ ވަރަށް ހެވިފައި ޒުހުރާގެ އަތުގައި ހިފައިގެން ގެނެސް ސޯފާގައި ބޭންދިއެވެ. “ޒުހޫ، އަހަރެންނަށް ފެންނަނީ ރާއްޖެއިން ބޭރަށް ޑޮކްޓަރަށް ދައްކާލަން ދާން. މާދަމާ ރޭ ފުރާ ގޮތަށް. މިހާރު މިކޮޅުގެ ޑޮކްޓަރުންނަށް ވަރަށް ދެއްކިއްޖެ އެއްނު.” ދާނިޝް ވާހަކަ ދެއްކިއެވެ. އެވަގުތު ޒުހުރާ އައީ އަމަށަކު ރުޅިއެއް ނޫނެވެ. ޒުހުރާ ގައިގައި ނެތް ބައްޔެއް ޖައްސައިގެން ދާނިޝް އަނެއްކާވެސް އެ މަސައްކަތްކުރަނީ ޒުހުރާއަށް އަނިޔާއެއް ދޭށެވެ. މިހާރުވެސް ދޭ އަނިޔާ ކުޑައީކީ ނޫނެވެ. ޒުހުރާގެ މަންމަވެސް އެގޮތަށް އެއްބަސްވިއެވެ. އަމީނާ ބޭނުންވަނީ ދަރިފުޅު ބަލި ހާލަތުން ރަނގަޅުވެ ކިޔެވުން ފަށާށެވެ.

ވުމާއެކު އަމީނާ އެކަމަކަށް ދެކޮޅެއް ނުހަދައެވެ. އޭނާއަށް ނޭންގޭހާ ވެސް ކަމަކީ، އޭނާގެ ދަރިފުޅަށް އެއްވެސް ރައްކާތެރިކަމެއް ނެތް ކަމެވެ. ޒުހުރާއަށް މަޖުބޫރުވީ ހަތިޔާރު ބަހައްޓާށެވެ. ކުރާނެ ކަމެއްނެތެވެ.

އެއީ ޒުހުރާ ފުރަން އޮތް ދުވަހުގެ ހަވީރުގެ ވަގުތެވެ. އަމީނާ ބޭރަށް ދިޔަ ވަގުތު ބަލާފައި ޒުހުރާ، ދާނިޝްގެ ކޮޓަރިއަށް ވަނެވެ. “އަހަރެން ގޮވައިގެން ބޭރަށް ދާން ތިއުޅެނީ ކީއްކުރަން؟.” ޒުހުރާ ކޮޓަރިއަށް ވަންގޮތަށް ސުވާލުކުރިއެވެ. “އަހަރެން އަބަދުވެސް ބުނަން ޒުހޫ ކައިރީ، މާގިނަ ސުވާލު ނުކުރާށޭ. އަހަރެން ހުރިހާ ހިނދަކު ޒުހޫގެ ފުރާނައަށް ނުރައްކަލެއް ނެތް. އެކަމަކު އެއީ އަހަރެމެން ބުނާ ގޮތަށް ކަންކަން ކުރާހާ ހިނދަކު އިނގޭ!.” ދާނިޝް މަޑުމަޑުން ޒުހުރާގެ މޫނުގައި ފިރުމާލިއެވެ. ޒުހުރާ ވަގުތުން ދާނިޝްގެ އަތް ފޮޅާލިއެވެ. އަދި އެތަނުން ނިކުތެވެ.

ހިތް ނޭދުނަސް ޒުހުރާއަށް މަޖުބޫރުވީ ފުރާށެވެ. ދާން އުޅޭ މަންޒިލަކީ ކޮބައިކަންވެސް ރެއަކާލީ ފުރަން އެއާޕޯޓަށް ދިޔަ ތަނުންނެވެ. ބޯޓު ލަންކާގެ މައި އެއާޕޯޓަށް ޖައްސަންދެން ވެސް ޒުހުރާ އިނީ އޭނާގެ ހިޔާލީ ދުނިޔެއަށް ގެއްލިފައެވެ. އެއީ އަލަށް މަތިންދާ ބޯޓަކަށް އަރައި އޭގައި ދަތުރުކޮށްލަން ލިބުނު ފުރަތަމަ ފަހަރު ކަމުގައިވި ނަމަވެސް، ޒުހުރާއަށް އެއްވެސް އުފަލެއް އިހުސާސެއް ނުކުރެވުނެވެ. އެއާޕޯޓުން ނިކުމެގެން ކޮލަންބޯގެ ހިލްޓަން ހޮޓެލާއި ހަމައަށް ދެވުނު އިރުވެސް، ދާނިޝްވެސް އަދި އަތީކުވެސް އޭނާއާއި އަނގައަކުން ނުބުނެއެވެ. ޒުހުރާވެސް އިސްކުރީ ހަނު ހުރުމެވެ.

އެރޭ ނިދަން އުޅެއުޅެ ޒުހުރާއަށް ނިދޭގޮތެއް ނުވިއެވެ. ހީވީ ހަމަ ދެންމެއަކު މީހަކު ކޮޓަރިއަށް ވަދެދާނެ ހެންނެވެ. މިހާރު ޒުހުރާގެ ސިކުނޑިން ނުފިލާ އެތައް ހިތްދަތި ހަނދާންތަކެއް ރައްކާކުރެވިފައި އެބަވެއެވެ. ފުރަތަމަ ނަތާޝާގެ މަރެވެ. ދެން އޭނާގެ އިއްފަތްތެރިކަން ވެއްޔާ މޮޑެވި، އަތީކުގެ ހަގީގަތް ހާމަވުމެވެ. އެރޭ ޒުހުރާ، ނަތާޝާ މަތިން ވަރަށް ހަނދާންކުރިއެވެ. އޭނާ ނަތާޝާއަށް އިންސާފު ހޯދައިދޭން ކިތަންމެހާވެސް ބޭނުން ވެއެވެ. ނަމަވެސް މިއަދު ހުދު އޭނާވެސް ވަނީ އެމީހުންގެ ދަލުގައި ޖެހި ބަނދެވިފައެވެ. ޖެހިގެން އައި ދުވަސް ފާއިތުވެގެން ދިޔައީ އާދައިގެ ގޮތަކަށެވެ. އެދުވަހު ޒުހުރާ ޑޮކްޓަރަށް ދައްކާ، އެކި ޓެސްޓުތައް އެމީހުން ކުރިއެވެ. އަދި ނަތީޖާ ލިބުމަށް ދެދުވަހެއް ވަރު ނަގާނެ ކަމަށް ބުންޏެވެ. ޒުހުރާ ޑޮކްޓަރަށް ދެއްކުމަކީވެސް އެމީހުންގެ ރޭވުމުގެ އެއްބައިކަން އޭނާއަށް އެނގެއެވެ. އެއީ ހަވީރުގެ ވަގުތެވެ. ޒުހުރާ އިނީ ސައިތައްޓެއް ގިރައިގެން އެނދުމަތީގައެވެ. ސައިތަށި ހުސްވާން އުޅެނިކޮށް ދާނިޝްގެ ފޯނު ކޯލެއް އައެވެ. އަދި ލަންކާ ގަޑިން ހަތެއް ޖަހާއިރު ތައްޔާރުވެ ހުރުމަށް އޭނާއަށް އިރުޝާދު ދިނެވެ.

އިރުއޮއްސި ހަތެއް ޖެހުމާއެކު ދާނިޝް ޒުހުރާ ބަލާއައެވެ. ޒުހުރާ އެއްވެސް އެއްޗެކޭ ނުބުނެ ދާނިޝްގެ ފަހަތުން ހޮޓެލުގެ ތިރިއަށް ފޭބިއެވެ. އެވަގުތު އަތީކް އިނީ މަޑު ނޫކުލައިގެ ކާރެއްގައި އެދެމީހުންގެ އިންތިޒާރުގައެވެ. ގާތްގަނޑަކަށް ބައިގަޑިއިރު ދުއްވުމަށްފަހު ހަނި ގޯޅިއެއްގެ ތެރެއަށް ކާރު މަޑުކުރިއެވެ. ތިން މީހުން ކާރުން ފޭބުމާއެކު، އެ ކާރު އެތަނުން ދިޔައެވެ. އަތީކު މަޑުމަޑުން ހިނގާފައި ކުރިއަށް ދިޔައެވެ. ދާނިޝްވެސް ޒުހުރާގެ އަތުގައި ހިފައިގެން ހުރެ ކުރިއަށް ދިޔައެވެ. ތަންކޮޅަކަށް ހިނގާލެވުނުތަނާ ފެނުނީ ޑީޖޭ ނައިޓު ކުލަބެކެވެ. ތަނުގެ ބޭރަށް ބަލާފައި އެތަނަކީ ވަރަށް “ރޯޔަލް” ތަނެއް ހެން ހީވެއެވެ.
ނައިޓު ކުލަބުގެ ތަކުގެ ވާހަކަ ޒުހުރާ އަބަދުވެސް އަޑުއަހައެވެ. ނަމަވެސް އޭނާއަށް އެކަހަލަ ތަނެއް ފެނުނު މިއީ ފުރަތަމަ ފަހަރެވެ. ތިން މީހުން އެތެރެއަށް ވަދެގެން ދިޔައިރު، ތަނުގައި ސެކިއުރިޓީ ބަލަހައްޓަން ހުރި މީހާ އެމީހުން ޗެކެއް ނުކުރެއެވެ. އެހިސާބުންވެސް އަތީކަކީ އެތަނަށް ގަވައިދުން އަންނަ މީހެއްކަން ޒުހުރާއަށް އެނގުނެވެ. އެތެރެއަށް ވަންއިރު އެތަނުގައި އެކި ބާވަތްތަކުގެ އަލްކަހޯލް ބުއިންތައް ހުރިއިރު، ދެ ޖިންސުގެ މީހުން މަސްހުނިވެގެން ނަށަމުން ދިޔައިރު ދުނިޔެމަތިކަން ވެސް ހީނުވެއެވެ. ޒުހުރާއަށް ހުރެވުނީ އާޝޯހުވެފައި ބަލަހައްޓައިގެންނެވެ.

ދާނިޝް، ޒުހުރާގެ އަތުގައި ހިފައިގެން ކުލަބު ތެރޭގައި ފުރަތަމަ ފަންގިފިލާއަށް އަރަން ހުރި ސިޑިއަކުން މައްޗަށް އެރިއެވެ. އަތީކުގެ ފަހަތުންނެވެ. އެތެރެއަށް ހިނގަމުން ދިޔަ ވަރަކަށް ފެންނަމުން ދިޔައީ ބަދު އަހުލާގީ މަންޒަރުތަކެވެ. ޒުހުރާ ލަދުން އިސްދަށަށް ޖެހިއެވެ. އެމީހުން ހިނގަމުން ގޮސް، ކުރިމަތިން ފެންނަން ހުރި ދޮރަކުން އެތެރެއަށް ވަނެވެ. އެއީ ފުދޭވަރެއްގެ ބޮޑު ކޮޓަރިއެކެވެ. އިށީނުމަށް ސޯފާ އަތުރާފައި ހުރިއިރު، މޭޒުމަތީގައި އެކި ބާވަތުގެ ރާ ފުޅި ހުއްޓެވެ. އެމީހުން އެތަނަށް ވަދެ ރަނގަޅަށް ހަމަޖެހިނުލެވެނީސް، ބޮޑު ގްރޫޕެއް އެތަނަށް ވަނެވެ. ކޯޓު ފަޓުލޫނުލައި، ޓައި އަޅައި ބެގީކޮށްގެން އެންމެ ކުރީގައި ހުރި މީހަކީ އެ ގްރޫޕުގެ އެންމެ އިސްމީހާކަން ޔަގީނެވެ.

އެމީހާ ވަންގޮތަށް އަތީކުގެ ގައިގައި ބައްދައިލިއެވެ. އަދި ދާނިޝްއާއި ސަލާމްކޮށްލައި، ޒުހުރާއާއި ދިމާލަށް ނުކިއްސަރު ގޮތަކަށް ބަލާލާ ހީލިއެވެ. އެމީހާ އަތީކްއާއި ވާހަކަ ދެއްކީ ލަންކާ ބަހުންނެވެ. އަތީކްވެސް ލަންކާ ބަހުން ފަރިތަކަމާއެކު ވާހަކަ ދެއްކިއެވެ. ވާހަކައިގެ ތެރެއިން އިރުއިރުކޮޅާ އަތީކް ޒުހުރާއާއި ދިމާލަށް އިނގިލި ދިއްކުރެއެވެ. އަތީކް އެގޮތަށް އިނގިލި ދިއްކޮއްލާ ކޮންމެ ފަހަރަކު ޒުހުރާ އިންނަނީ ބިރުން ވިރިވިރިއެވެ. ގަޑިއިރެއް ވަންދެން ވާހަކަދެއްކުމަށްފަހުގައި އެމީހާ ފޯނުކޯލެއް ކުރިއެވެ. އެ ކޯލު ނިމުނުތާ ފަސް މިނެޓު ނުވަނީސް ބޭރުން މީހަކު ސޫޓް ކޭހެއް ހިފައިގެން އެތެރެއަށް ވަނެވެ. އަދި އެ ސޫޓް ކޭސް މޭޒުމަތީގައި ބެހެއްޓުމަށްފަހު އެމީހާއާއި ދެން ތިބި އެންމެން އެތަނުން ނިކުތެވެ. އެމީހާ ސޫޓް ކޭސް ހުޅުވާލިއެވެ. ޒުހުރާއަށް އޭގެ ތެރޭގައި ހުރި ތަކެތި ފެނިފައި އެއީ ސީދާ ކޮން އެއްޗެއްކަން ޔަގީނުން ބުނެދޭން ނޭންގުނަސް އެއީ ނުރައްކާތެރި އެއްޗެއްކަން އެނގެއެވެ. ޒުހުރާއަށް ހިމޭނުން އިންނަން އުނދަގޫވިއެވެ. އޭނާ ކުއްލިއަކަށް އިންތަނުން ތެދުވެ ދުއްވައިގަންނަ މަސައްކަތްކުރިއެވެ. ނަމަވެސް އޭނާ ހުއްޓުނީ އެވަގުތު އޭނާއާއި ދިމާލަށް އަމާޒުވި ފިސްތޯލުންނެވެ. ދާނިޝްއާއި އަތީކްވެސް އިންތަނުން ތެދުވިއެވެ. ޒުހުރާ އެއްފަހަރު ފިސްތޯލުއާއި ދިމާލަށް ބަލާލާފައި އަނެއް ފަހަރު އެމީހާއާއި ދިމާލަށް ބަލާލައެވެ. އެމީހާ ހުރީ ފިސްތޯލު ލޯޑުވެސް ކޮށްގެންނެވެ. ޒުހުރާ ދާހިއްލާ ފޯވިއެވެ.

ލިންކް: މިވާހަކައިގެ ހުރިހާ އެޕިސޯޑެއް ކިޔާލާ!

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ