ފޮޓޯ: ރާއްޖެ އެމްވީ

ސަރުކާރާއި މަޖިލީހުން މީޑިއާ ރެގިއުލޭޓް ކުރެވޭ ގޮތަށް ކޮމިޝަނެއް ހަދަން ހުށަހަޅައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ބްރޯޑް ކާސްޓިންގް ކޮމިޝަން އަދި މޯލްޑިވްސް މީޑިއާ ކައުންސިލް އެއްކޮށްލައި މީޑިއާ ކޮމިޝަނެެއް އުފެއްދޭ ގޮތަށް އަދި އެ ކޮމިޝަނަށް މެންބަރުން އައްޔަންކޮށް އަދި ވަކިކުރުން ސަރުކާރާއި މަޖިލީހަށް ބާރު ލިބޭ ގޮތަށް ބިލެއް އެކުލަވާލަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީ އިން އެޓާނީ ޖެނެރަލް އޮފީހަށް ލަފާދޭން ފާސްކޮށްފި އެވެ.

މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލަން ނިންމައި އެކަމާ ގުޅޭ މަސައްކަތް ކުރިއަށް ގެންދަން މިނިވަން މުއައްސަސާ ކޮމިޓީގެ ސަބް ކޮމިޓީއެއް އެކުލަވާލި އެވެ. މިއަދު ކޮމިޓީގައި ވަނީ ސަބް ކޮމިޓީ އިން ހޯދި ހޯދުންތަކާއި ފާހަގަކުރެވުނު ނުކުތާތައް ހުށަހަޅައިފަ އެވެ.

ސަބް ކޮމިޓީގެ މުގައްރިރު ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ އެގޮތަށް ނިންމީ މީޑިއާގެ ފަރާތްތަކާއި މީޑިއާ ކައުންސިލާއި ބްރޯޑްކޮމްއާ ވެސް ބައްދަލުކުރުމަށް ފަހު ކަމަށެވެ.

ސަބް ކޮމިޓީއަށް ފާހަގަވި 10 ކަމެއް ހިމަނައި އެ ކޮމިޓީއިން އެކުލަވާލި ސިޓީގައި ބުނެފައި ވަނީ ބްރޯޑްކޮމްއާ މީޑިއާ ކައުންސިލް އަދި އައިކޮމް އެއް މުއައްސަސާއަކަށް ބަދަލުކުރަން ފެންނަ ކަމަށެވެ.

އެ ތިންތަން އެއްކޮށްލާފައި މީޑިއާ ކޮމިޝަނުގެ ނަމުގައި ފަސް މެމްބަރުން ހިމެނޭ މުއައްސަސާއެއް އުފައްދަން ވެސް ފެންނަ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ. އަދި އެ މެމްބަރުން އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ކޮމިޝަނު ޖަވާބުދާރީވާން ޖެހޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި އަދި މެމްބަރުން މަގާމުން ވަކިކުރުމުގެ ބާރު ވެސް މަޖިލީހަށް ދޭ ގޮތަށް ވަނީ ސިޓީގައި ހިމަނާފަ އެވެ.

އެކޮމިޝަނަށް ލިބިގެންވާ ބާރުތަކުގެ ތެރޭގައި މީޑިއާތަކަށް ލައިސަންސް ދޫކުރުމާއި، ފިޔަވަޅު އެޅުމާއި މީޑިއާތައް އުވާލުމުގެ ބާރު ހިމެނެ އެވެ.

މިއީ މިހާރު މީޑިއާތައް ރެގިއުލޭޓް ކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ ކަނޑައެޅިގެން ފުށުއަރާ ކަމެކެވެ. ޕްރިންޓް މީޑިއާ މިހާރު ރެގިއުލޭޓް ކުރަނީ މީޑިއާތަކުން އިންތިހާބު ކުރާ އަށް މެންބަރަކާއި އަދި އާންމުންގެ ފަރާތުން އަދި ސަރުކާރުގެ ފަރާތުން ނޮމިނޭޓްކޮށް މީޑިއާތަކުން އިންތިހާބު ކުރާ ހަތް މެންބަރަކާ އެކު 15 މެންބަރުންގެ މައްވަށް އެކުލެވޭ ކައުންސިލަކުންނެވެ.

މިއަދުގެ ބައްދަލުވުމުގައި މީޑިއާ ކޮމިޝަނަށް ލަފާދޭ ބޯޑެއް އެކުލަވާލަން ފެންނަ ކަމަށް ވެސް ހިމަނާފައިވެ އެވެ. އެ ބޯޑަކީ މީޑިއާތަކުގެ މެދުގައި އިންތިހާބު ކުރެވޭ މެމްބަރުން އެކުލެވޭ ބޯޑަކަށް ވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ޝަފީގު ވިދާޅުވީ އެގޮތަށް ހިމަނަން ނިންމީ މީޑިއާ ކޮމިޝަން އެކުލަވާލެވިގެން ދާއިރު ވެސް މީޑިއާތައް ތަމްސީލު ކުރާނެ ބަޔަކު ތިބޭނެކަން ޔަގީން ކުރުމަށް ކަމަށެވެ.

މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އަދި އައިކޮމްގެ މުވައްޒަފުން މީޑިއާ ކޮމިޝަނުގެ ދަށަށް ބަދަލުކުރަންވެސް ހިމަނާފައިވެ އެވެ. އެ ހުށަހެޅުންތައް އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވަން ކޮމިޓީއިން މިއަދު ވަނީ ފާސްކޮށްފަ އެވެ. އެ ހުށަހެޅުއްވުމަށް ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވޯޓެއް ނުދެއްވަ އެވެ.

މީޑިއާ ކޮމިޝަން އެކުލަވާލަން ޖެހޭ ގޮތަށް ބިލެއް ޑްރާފްޓް ކުރުމުގެ މަސައްކަތް އޭޖީ އޮފީހުން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ