ސީއެސްސީއަށް ކުރިމަތިލީ މީހުންނާމެދު އާންމުންގެ ހިޔާލު ހޯދަނީ

ހުސްވެފައިވާ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ހަތަރު މެންބަރުންގެ މަގާމަށް ކުރިމަތިލާފައިވާ މީހުންނާމެދު ހިޔާލު ހުށަހަޅުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ.

ސީއެސްސީގެ ހަތަރުު މެމްބަރުންގެ މަގާމު ހުސްވީ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި، ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ޒަކަރިއްޔާ ހުސައިން މަގާމުން އިސްތިއުފާ ދެއްވުމުންނާއި، މެމްބަރު އިބްރާހިމް ޝަހީގު ކޮމިޝަނުން މިދިޔަ މަހުގެ 13ގައި ވަކި ކުރުމާ ގުޅިގެންނެވެ.

ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ރައްޔިތުންގެ މަޖިލީހުން ފުރުސަތު ހުޅުވާލައި އެއް ފަހަރު މުއްދަތު އިތުރު ކުރުމަށްފަހު ފުރުސަތު ބަންދުކޮށްފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ.

ފުރުސަތު ބަންދުކުރި އިރު، އެ ކޮމިޝަންގެ މެމްބަރު ކަމަށް 41 ފަރާތަކުން ވަނީ ކުރިމަތިލައިފައެވެ. ރައްޔިތުންގެ މަޖިލީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ފަރާތްތަކާ މެދު އެއްވެސް ޝަކުވާއެއްވޭތޯ ބެލުމަށް، އާންމުންގެ ހިޔާލަށް ހުޅުވާލާފައިވާ ކަމަށެވެ.

ވީމާ، އެ ފަރާތަކާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާނަމަ، 16 އޮގަސްޓް ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00ގެ ކުރިން، ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ
ފޯނު ނަންބަރު އެނގޭނެ ގޮތަށް އެ ޝަކުވާއެއް ކޮމިޓީގެ އީމެއިލް އެޑްރެސް mv.gov.majlis@committee އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވައިދިނުމަށް ވަނީ އެދިފައެވެ.

ސިވިލް ސީވިސް ކޮމިޝަންގެ ގާނޫނުގައި ބުނެފައި ވަނީ ކޮމިޝަނަށް މެންބަރުން ނުވަތަ މެންބަރެއް އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެކަމަށް އެދޭ ފަރާތްތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އާންމުކޮށް އިއުލާންކޮށް، އެކަމަށް އިޖާބަދޭ މީހުންގެ ނަންތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއިން ދިރާސާކޮށް، ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެކަމަށެވެ.

އެގޮތުން، އެ ކޮމިޓީން ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ފަރާތެއް ނުވަތަ ފަރާތްތައް ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ