ފިނޭންސް މިނިސްޓްރީއާ މެދު މަޖިލީހުން ތުހުމަތުތަކެއް ކުރާ ނަމަ ރާއްޖެއާ މެދު ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އިތުބާރު ގެއްލިދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެ، ވަރަށް ބޮޑަށް އެކަމާ މެދު ކަންބޮޑުވެ ފާޅުކުރައްވައިފި އެވެ.
ދައުލަތުގެ ހަގީގީ ދަރަނި ސާފުނުވާ ކަމަށް ބުނެ، މުޅި މަޖިލިސް އެއްވެ މަޖިލިސް ތަޅުމުގައި މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެ ވަޑައިގެން މިނިސްޓަރު އަމީރު ވިދާޅުވީ ފިނޭންސް މިނިސްޓްރީ އިން ރާއްޖޭގެ ދަރަނީގެ ކަންކަން ބަލަހައްޓަމުން ނުދާ ކަމަށް ބުނެ، ފިނޭންސުގެ ތަފާސްހިސާބުތަކާ މެދު ސުވާލު އުފެދޭ ގޮތަށް މަޖިލީހުގެ މެންބަރުން ތުހުމަތުތައް ކުރައްވާ ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދެއްކެވުމުން އޭގެ ސަބަބުން ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.
“އިއްޔެ މި އޮތީ ނެގެޓިވް ހެޑްލައިން އަޅުގަނޑުމެން [ފިނޭންސުން] ޑެޓް މެނޭޖް ނުކުރާ ވާހަކަ އާއި ރާއްޖޭގެ ދަރަންޏާ މެދުވެސް ސުވާލު އުފެދޭ ވާހަކަ. މި ހިސާބުން އެބަ އައިއެމްއެފް ވޯލްޑް ބޭންކު ތަންތަނުން އެބަ ސުވާލު ކުރޭ މިކަންކަމާ އަޅުގަނޑުމެންނާ. އެބޭފުޅުން ޝައްކު އުފައްދަން އެބަ މެދުވެރިވޭ އަޅުގަނޑުމެންނާ ދޭތެރޭގައި. މީގެން މައްސަލަތައް އަންނާނެ،” އާދޭހުގެ ރާގަކަށް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.
ދައުލަތުގެ ދަރަނީގެ ސީދާ އަދަދު މަޖިލީހަށް އޮޅުން އަރާކަމަށް ބުނެ، މަޖިލިސް ރައީސް، މުހައްމަދު ނަޝީދު އިއްޔެ ތަޅުމަށް ހުށަހެޅުއްވި މައްސަލައިގައި އެމަނިކުފާނު ވިދާޅުވީ، “ފިނޭންސް މިނިސްޓަރު ދައުލަތުގެ ދަރަނިތައް ރަނގަޅަށް މެނޭޖް ކުރަމުން ނުދާ” ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ބައެއް ސޮވަރިން ގެރެންޓީތަކުގެ މައުލޫމާތު މަޖިލީހަށް ފޮނުއްވާފައިވާ ނުވާ ކަމަށް ވިދާޅުވެ މަޖިލިސް ރައީސް އިއްޔެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އެކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރު އަމީރު ވިދާޅުވީ މަޖިލީހަށް ފޮނުވަން ޖެހޭ ހުރިހާ މައުލޫމާތުތަކެއް ޖެމްސް، ސަރުކާރުގެ ލިޔެކިޔުން ބަދަލު ކުރާ ޕޯޓަލް މެދުވެރިކޮށް ފޮނުވާފައިވާނެ ކަމަށެވެ. އަދި އެ ލިޔުންތައް މަޖިލިސް އިދާރާގެ ކުދިން ހުޅުވައި ބަލާ ހަދާފައި ހުރިކަން ސިސްޓަމުން ފެންނަން ހުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން މި ސަރުކާރު އައިފަހުން، މަހަކު އެއްފަހަރު ދަރަނީގެ ތަފާސްހިސާބުތަކާއި ރާއްޖޭގެ ދަރަނީގެ ހާލަތު އަންގައިދޭ، ޑެޓް ބްލެޓިން ރިޕޯޓް ވެސް ނެރެމުން އަންނަކަން ފާހަގަ ކުރެއްވި އެވެ. އަަދި އައިއެމްއެފް އާއި ވޯލްޑް ބޭންކު ބައިވެރިވެގެން ޑެޓް ސަސްޓެއިނަބިލިޓީ ރިޕޯޓްތައް ވެސް ކޮންމެ އަހަރަކު އެކުލަވާލަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
“ވަރަށް ހާމަކޮށް ފެންނަން ހުންނާނެ ހުރިހާ ސޮވަރިން ގެރެންޓީތަކާ އެއްޗިހި. އެހެރީ އަޅުގަނޑުމެންގެ ވެބްސައިޓުން ފެންނަން. ބެއްލެވީމާ ވެސް ފެންނާނެ. މި ސަރުކާރު އައިފަހުން ހުރިހާ އެއްޗެއް މި އަންނަނީ ހަމަ އާންމު ކުރަމުން. އެކަން އައިއެމްއެފް ތަންތަނުން ވެސް ފާހަގަ ކުރޭ،” މިނިސްޓަރު އަމީރު ވިދާޅުވި އެވެ.