ވާހަކަ: ހަޔާތުގެ ކުލަތައް (11)

ކުރީ ބައި: ހަޔާތުގެ ކުލަތައް (10)

އެހިނދު އަތީކް އެމީހާ ގާތު ލަންކާ ބަހުން މަޑުމަޑުން އެއްޗެކޭ ބުންޏެވެ. ޒުހުރާ އޭނާގެ ދެ އަތް މައްޗަށް ނަގައި ތިރިވިއެވެ. “ކޯއްޗެއް ހިތަށް އަރައިގެންތަ މިތަނުން ތި ތެދުވީ؟.” އަތީކް ހުރީ ރުޅިއައިސްގެން ރަތްވެފައެވެ. އެމީހާ ކުށްލިއަކަށް ފިސްތޯލު ތިރިކުރިއެވެ. އެވަގުތު ދާނިޝް ހިނގާފައި އައިސް ޒުހުރާ އިންތަނުން ނެގިއެވެ. އަދި ނަގައިގެން ގެނެސް އޭނާ ގާތު ބޭންދިއެވެ. “މިތާ ހިމޭނުން ނީންދެވެންޏާ ގޮތެއް ހަދަން ޖެހިދާނެ.” ދާނިޝް ދަތްކުނޑި ވިކާލާފައި ބުންޏެވެ. މިހިސާބުން އަނެއްކާވެސް އެމީހާއާއި އަތީކްގެ ވާހަކަތައް ކުރިއަށް ދިޔައެވެ. މޭޒުމަތީގައި ހުރި ހުރިހާ ޑްރަގަކަށް އެމީހުން ހަދަން އުޅޭގޮތެއް ޒުހުރާ ދިޔައީ ވިސްނަމުންނެވެ.

އެތަނުގައި ކުރިއަށް ދިޔައީ ޑްރަގުގެ ވަރުގަދަ ޑީލެކެވެ. ނަގުދު ފައިސާ ދީފައި ޑްރަގު ގަނެލީ ޒުހުރާގެ ލޯ ކުރިމަތީގައެވެ. އަތީކް އެތަކެތި އެމީހާގެ އަތުން ގަތް ހިސާބުން، ޒުހުރާއަށް ކޮންމެވެސް ވަރަކަށް ވާނުވާ ރޭކާލިއެވެ. އެއީ ރާއްޖެއަށް ވިއްކުމަށް އެތެރެކުރަން އުޅޭ ޑްރަގްސް ކަން ޔަގީނެވެ. ނަމަވެސް އެކަހަލަ ކަމެއް ކުރުމަށް ޒުހުރާ އެތަނަށް ގެންނަން ޖެހުނީ ކީއްވެކަމެއް އޭނާއަކަށް ނޭންގުނެވެ. ޑީލް ނިންމާލުމަށްފަހު އެ ކޮޓަރިން އެމީހާ ނިކުމެގެން ދިޔުމާއެކު، އަތީކް ޒުހުރާ އާއި ދިމާލަށް ބަލާލިއެވެ. “މިރޭ ކަލޭ ކުރިކަމަކުން ކިރިޔާ މަށަށް ޑީލް ނުގެއްލުނީ. ބަލާއެއްނު ޒުހުރާ.” އަތީކް ރުޅިއައިސްގެން ހުރެ އެތަނުން ތެދުވިއެވެ. އަދި އެ ފޮށި ހިފައިގެން އެތަނުން ނިކުތެވެ.

އޭރު އެތަނުގައި އިން ދާނިޝް އިނީ އަނގައިން ބަހެއްވެސް ނުކިޔާ އޭނާގެ ދެއަތް ޖޯޑުކޮށްލައިގެންނެވެ. އެހެން އިނދެފައި ދާނިޝް، ޒުހުރާގެ އަތުގައި ހިފައިގެން ވަރަށް ބާރަށް ހިނގާފައި އެތަނުން ނިކުތެވެ. އަދި އަތީކަށް ފޯނު ކުރުމަށްފަހު އެމީހުން އެތަނުން ނިކުމެގެން އެނބުރި ހޮޓަލަށްދާ ވާހަކަ ބުންޏެވެ. މަގުމައްޗަށް ނިކުތްއިރު އެމީހުން އެތަނަށް ގެނަސްދިން ކާރު ބޭރުގައި އޮތެވެ. ދާނިޝް، ޒުހުރާ ގޮވައިގެން ގޮސް އެ ކާރުގެ ފަހަތު ސީޓަށް ޒުހުރާ ކޮށްޕާލިއެވެ. ކޮށްޕާލި ވަގުތު، އޭނާގެ ބޯ ޖެހުނީ ކާރުގެ ބިއްލޫރި ގަނޑުގައެވެ. ޒުހުރާއަށް ވީތަނުން ރޮވުނެވެ. ނަމަވެސް އޭނާ ކައިރީގައި އިށީންދެއިން ދާނިޝް އަޅާވެސް ނުލިއެވެ.

ޒުހުރާއަށް ކުރަންޖެހިފައިވަނީ ހިތްދަތި ތަޖުރިބާއެކެވެ. އޭނާއަށް މިފަދަ ކަމެއް ކުރިމަތިވީ ކީއްވެގެންބާއޭވެސް ހިތަށް އަރައެވެ. ދާނިޝްދެކެ އޭނާވާ ހަގީގީ ލޯބި ދާނިޝްއަށް ފެންނާނީ ކޮންދުވަހަކުބާއޭ ޒުހުރާ ހިތަށް އެރިއެވެ. ފަޅު ރަށަކަށް ކިތަންމެ ރީތި ހަނދުވަރެއް ދިނަސް އެ ހަނދުވަރުގެ އަލިކަން އެއްވެސް މީހަކަށް ނުފެންނާނެއެވެ. ޒުހުރާއެކޭ އެ ބުނާ ފަޅުރަށަށް ފެންނަ ރީތި ހަނދުވަރެކޭ އެއްވެސް ތަފާތެއް ނެތެވެ. އޭނާގެ ހިތާމަތައް ބަލާނެ މީހަކު ނެތެވެ. އޭނާގެ ހިތުގައިވާ ލޯބި އަންގައިދޭނެ މީހަކުވެސް ނެތެވެ. ހޮޓަލާއި ހަމައަށް ދެވެންދެން ވެސް ޒުހުރާ އިނީ ގިސްލަ ގިސްލާފައި ރޯށެވެ. ހޮޓެލުގެ ދޮރުމައްޗަށް ކާރު ހުއްޓުމާއެކު، ޒުހުރާ އޭނާގެ މޫނުމަތީގައި ހުރި ކަރުނަތައް ފޮހެލާ ދަބަހުން ޓިޝޫ އެއް ނެގުމަށްފަހު އޭނާގެ މޫނު ރީތިކޮށް ފޮހެލިއެވެ. ދާނިޝް ކާރުން ފޭބުމާއެކު ޒުހުރާވެސް ކާރުން ފޭބިއެވެ. ކާރުން ފައިބަމުން ޒުހުރާ ދުއްވަން އިން މީހާއާއި ދިމާލަށް ބަލާލިއެވެ. އެ ހުރިހާ ކަމެއް ވެގެން ދިޔައިރުވެސް އެމީހާ އެއްވެސް އެއްޗެކޭ ނުބުނުމުން އެއީ ވަރަށް ރަހުމެއް ނެތް މީހެއްކަން ޒުހުރާއަށް އެނގުނެވެ. ދުނިޔެއަކީ ވަރަށް ރަހުމު ކުޑަ މީހުން އުޅޭ ތަނެއްކަން އެދުވަހު އޭނާއަށް އިހުސާސްވިއެވެ.

ހޮޓަލަށް ދެވުމާއެކު، ޒުހުރާގެ ކޮޓަރިއަށް ދާނިޝްވަނެވެ. އަދި ޒުހުރާގެ ދެއަތުގައި ހިފައި ޒުހުރާ އެނދުމައްޗަށް ކޮއްޕާލިއެވެ. އަދި އޭނާގެ ގައި މައްޗަށް ދާނިޝް އެރިއެވެ. “ޒުހުރާ ބުނެބަލަ މަ ހަދަންވީ ގޮތެއް؟. ކަލޭ މަރާލަންވީތަ؟.” ދާނިޝްގެ ލޮލުގައި ވަނީ އަނގުރު އަލިފާނެވެ. އޭނާ ރުޅިއައިސް ތުރުތުރުލަނީއެވެ. “އާ..! އަހަރެން މަރާލާ. މަރުވުން ނޫން އިތުރު ކަމެއް ދެން އެބައޮތްތަ؟ އަހަރެން ކަލޭމެންގެ އަޅަކަށް ހަދައިފި. އަހަރެންނަށް އެއްވެސް އުފަލެއް އެބައޮތްތަ؟. ދެން ކީއްކުރަން ދުނިޔޭގަ ހުންނަންވީ.” ޒުހުރާވެސް ވާހަކަ ދެއްކީ ރުޅިއައިސްގެންނެވެ. “ކަލޭ މިފަހަރު މާލެ ދިޔައީމަ ކަލޭ ހިތްފުރޭވަރަށް ކަލެއަށް ލާރި ލިބޭނެއޭ. މިހެންވެސް ބުނެވުނު އަދަދެއް ނޭންގެ.” ދާނިޝް އިހުނަށްވުރެ ޒުހުރާއާއި ގާތްވިއެވެ.

“ބަލަ މަ މިއުޅެނީ ލާރި ނުލިބިގެންތަ؟. އަހަރެން ވިއްކައިގެންނާ، އަހަރެން ލައްވާ މަޖުބޫރުން މަސައްކަތް ކުރުވައިގެން ތި ހޯދާހާ ލާރި ނުލިބިގެންތަ މިއުޅެނީ؟. އަހަރެން ދޫކޮށްލާ ދާނިޝް. އާދޭސްކޮށްފަ މިބުނީ. ކަލޭމެން ތިކުރާހާ ނުބައި ކަމެއްގަ ޝާމިލުވާން އެހެން މީހަކު ހޯދަބަލަ.” ޒުހުރާ ރޯން ފެށިއެވެ. އެވަގުތު ދާނިޝްގެ ފޯނު ރިންގުވިއެވެ. ފޯނު ރިންގުވުމާއެކު، އޭނާ ޒުހުރާގެ ގައިމަތިން ފޭބިއެވެ. ދާނިޝް ފޯނުނެގުމަށްފަހު، ހިނގާފައި ގޮސް ކޮޓަރީގެ ދޮރުހުޅުވިއެވެ. އެވަގުތު ދޮރުމަތީގައި ހުރި އަތީކް އޭނާގެ އަތަށް އެއްޗެއް ދިންތަން ފެނުނެވެ. ދިނީ ކޯއްޗެއް ކަމެއް ނޭންގެއެވެ. ދާނިޝް އެއާއި ހަވާލުވުމަށްފަހު ކޮޓަރީގެ ދޮރު ލެއްޕިއެވެ. އޭނާ އަނެއްކާވެސް އެނދުމަތީގައި އޮތް ޒުހުރާއާއި ދިމާލަށް އައެވެ.

އަދި އެނދުމަތީގައި އޮތް ޒުހުރާއާއި ދިމާލަށް ވަރަށް ޖަޒުބާތީ ނަޒަރަކުން ބަލާލިއެވެ. ނަމަވެސް ޒުހުރާއަށް އެ ބަލާލުން ސިފަވީ ބިރުވެރިގޮތަކަށެވެ. އޭނާގެ ހިތުގައި ނުރައްކާތެރިކަމުގެ ސިގްނަލް ދިއްލެއް ފެށިއެވެ. ދާނިޝް މަޑުމަޑުން ޒުހުރާއާއި ގާތްވާން ފެށިއެވެ. ދާނިޝް ގާތްވަމުން ދިޔަވަރަކަށް އޭނާ ދިޔައީ ދާނިޝްއާއި ދުރަށް ޖެހެމުންނެވެ. ދާނިޝް އޭނާއާއި ގާތްވަނީކީ ކޮންމެހެން ލޯބިވާތީއެއް ނޫނެވެ. ދާނިޝްގެ އަމިއްލަ ފައިދާއަށެވެ. ޒުހުރާ ދުރަށް ޖެހެން ފެށުމާއެކު، ދާނިޝް އޭނާގެ ދެއަތުގައި ހިފެހެއްޓިއެވެ. އަދި ގަދަކަމުން ޒުހުރާގެ މުޅި ހަށިގަނޑުގައި ބީހެން ފެށިއެވެ. ދާނިޝް އޭނާގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހި ނަމަވެސް، ދާނިޝް އޭނާގެ ގައިގައި ބީހެލާ ކޮންމެ ފަހަރަކު، އަދިވެސް ޒުހުރާއަށް ބުނެދޭން ނޭންގޭ ކަހަލަ ހިތްހަމަ ޖެހުމަށް ލިބެއެވެ.

ދާނިޝް، ޒުހުރާ ލައިގެން ހުރި ހުރިހާ އެއްޗެއް ބޭލިއެވެ. އަދި ދާނިޝް ލައިގެން ހުރި ހުރިހާ އަންނައުނެއްވެސް ބާލާ އެއްލާލިއެވެ. އެރޭ ދާނިޝްގެ އަމަލުތައް ހުރި ގޮތުން ޒުހުރާއަކަށް ކެތެއް ނުކުރެވުނެވެ. އެދެމެދުގައި އެއްވެސް ހުރަހެއް ނެތި އެރޭ ހުރިހާ ކަމެއް ހިނގިއެވެ. އެރެއަކީ އެދެމީހުން އަލަށް ހުރިހާ ކަމެއް ކުރި ރެއެކެވެ. ދާނިޝްގެ ކޮންމެ ބީހިލުމަކުން ޒުހުރާގެ މަރުވެފައިވާ ހިތަށް ފިނިކަން ލިބުނެވެ. ޒުހުރާއަށް މީހެއްގެ ފަރާތުން ދުވަހަކުވެސް ނުލިބޭހާ އަރާމާއި، އުފާވެރިކަން އެރޭ އިހުސާސްކުރެވުނެވެ. މިގޮތުގައި އެކަކު އަނެކެއްގެ ހަށިގަނޑު ހިއްސާކުރަމުން ދަނިކޮށް، ކުށްލިއަކަށް ދާނިޝް، ޒުހުރާގެ ފުރަގަސް ފަރާތަށް އެއްޗެއް ކޮއްޕާލިއެވެ. ވީތަދުން ޒުހުރާއަށް ހަޅޭއްލަވައިގަނެވުނެވެ. އެހިނދު ދާނިޝް ޒުހުރާގެ އަނގަމަތީގައި އަތް އެޅިއެވެ. އޭރު ފުރަގަސް ފަރާތަށް ވެއްދި އެއްޗެއް އޭނާގެ ހަށިގަނޑުގެ ތެރެއަށް ވަން ކަމުގެ އިހުސާސް ޒުހުރާއަށް ކުރެވުނެވެ.

“ކަލޭގެ ހަށިގަނޑުގައި މިހާރު މި ރައްކާކުރެވުނީ ވަރަށް އަގުބޮޑު މުދަލެއް. މި ބޭނުމުގައި ކަލޭ މިތަނަށް ގެނައީ. މާދަމާ ހެނދުނު ފުރެންދެން ތި ހަށިގަނޑުގައި ރައްކާކުރާތި. ނޫންނަމަ ކަލޭ ވިއްކާލާނަން.” ދާނިޝް މިހެން ބުނުމަށްފަހުގައި ފާހާނާއަށް ވަނެވެ. ޒުހުރާގެ ފުރަގަސް ފަރާތުގައި އެވަގުތުން ފެށިގެން ރިއްސަން ފެށިއެވެ. ދާނިޝް ހެދިގޮތެއް ޒުހުރާއަށް ވިސްނާ ވިސްނާވެސް ނޭންގުނެވެ. އެތެރެއަށް ކޮއްޕާލި އެއްޗެއް އެހާ ކުށްލިއަކަށް ކޮއްޕާލުމާއެކު، ޒުހުރާއަށް ވަރަށް ބޮޑަށް ތަދުވިއެވެ. ދާނިޝް ފާހާނާއިން ނިކުމެގެން އެއްޗެހި ލައިގެން އެ ކޮޓަރިން ނިކުތެވެ. އަދި ނިކުންނަމުން ހެނދުނު ފުރަން ތައްޔާރުވެގެން ހުރުމަށް ޒުހުރާ ގާތުގައި ބުންޏެވެ.

އެއާޕޯޓާއި ހަމައަށް ދަންދެންވެސް ޒުހުރާގެ ފުރަގަސް ފަރާތުގައި ރިހުން ހުއްޓެވެ. އެމީހުން މިފަހަރު އެއާޕޯޓު ތެރޭގައި އުޅުނު ގޮތުން ޒުހުރާ ވަރަށް ބިރުގަތެވެ. ޒުހުރާ ހީކުރިގޮތުގައި އެމީހުން ރާއްޖެއަށް އައީ މަސްތުވާތަކެތި ހިފައިގެންނެވެ. ނަމަވެސް ވާނުވާ އެނގުނީ ގެއާއި ހަމައަށް ދިޔަފަހުންނެވެ. އެމީހުން އެތަކެތި ރާއްޖެއަކަށް ނުގެނެއެވެ. ގެނައި ހަމައެކަނި އެއްޗަކީ ޒުހުރާގެ ފުރަގަސް ފަރާތުގައި ރައްކާކޮށްގެން ގެނެވުނު ޑްރަގުގެ ވަރަށް އަގުބޮޑު ބާވަތެކެވެ. އެ ގުޅަ ޒުހުރާގެ ހަށިގަނޑުން ބޭރުވީ އޭނާ ބޮޑުކަމު ދިޔުމުންނެވެ. އޭގެ ތެރެއިން އެ ގުޅަ ނަގަން ޖެހުމާއެކު ޒުހުރާ ހުރީ ފަކުރުން މަރުވާވަރުވެފައެވެ. ޒުހުރާ ގެއަށް ދިޔައިރު އޭނާގެ މަންމަ ގެއަކު ނޫޅެއެވެ. މި މަސައްކަތް ނިމުނުތަނާއި، ދާނިޝް އައިސް ޒުހުރާގެ އަތަށް ސިޓީއުރައެއް ދިއްކޮށްލިއެވެ. ޒުހުރާ އެ ސިޓީއުރަ ކަނޑަ ބަލާލިއެވެ. އަދި ހަމަ އެވަގުތު އޭނާގެ ފުރަގަސް ފަރާތުން ބޭރުކުރި ގުޅަ ދާނިޝްއާއި ހަވާލުކުރިއެވެ. ސިޓީ އުރައިގައި އޮތީ އެއްލައްކަ ރުފިޔާގެ ޗެކެކެވެ. ދާނިޝް ބުނިގޮތަށް އޭނާއަށް ހައްގުވާ ފައިސާ އޭނާއަށް ލިބުނީއެވެ. ޒުހުރާގެ ހަޔާތުގައިވެސް އެވަރުގެ އަދަދެއް އޭނާއަކަށް ނުލިބެއެވެ. ޒުހުރާއަށް ހިންދިރުވާލެވުނެވެ. އެ ފައިސާ އަކީ ބުރަ މަސައްކަތެއް ނުކޮށް އަރާމުގައި އުޅެލަން ލިބުނު ރަން ޖަވާހިރެކެވެ. ނަމަވެސް އެއީ އިންސާނަކު ފަހުރުވެރިވާންޖެހޭ ވަރުގެ މަސައްކަތެއް ކޮށްގެން ލިބުނު ފައިސާއެއް ނޫނެވެ. ނަމަވެސް އުމުރު ދުވަހު މިގޮތަށް ފައިސާ ލިބޭނަމަ ބޭނުން ނުވާނީ ކާކު ހެއްޔެވެ؟. ޒުހުރާގެ ސިކުނޑި މިފަދަ ހިޔާލުތަކުން ފުރާލިއެވެ. އެ ފައިސާ ބޭނުންކުރާނީ ހެއްޔެވެ؟. ނޫނީ އޭނާގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރާނީ ހެއްޔެވެ؟.

ލިންކް: މިވާހަކައިގެ ހުރިހާ އެޕިސޯޑެއް ކިޔާލާ!

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ